Roadha Mihaaru
ޔުވެންޓަސްގައި ރޮނާލްޑޯ ފެއިލްނުވާނެ: އަލެގްރީ

ޔުވެންޓަސްގައި ރޮނާލްޑޯ ފެއިލްނުވާނެ: އަލެގްރީ

14 މެއި 2019

ޓިއުރިން (މެއި 14) - ޔުވެންޓަސްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފެއިލްނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (މެއި 14) - ޔުވެންޓަސްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފެއިލްނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެވެ.

މި ސީޒަނުގައި ޖުމްލަ 117 މިލިއަން ޔޫރޯގެ އަގަކަށް ޔުވެންޓަސްއާ ގުޅި ރޮނާލްޑޯ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށް ރެކޯޑެއް ގާއިމުކޮށްފަ އެވެ. އެއީ އިންގްލިޝް ޕްރިމިއާ ލީގާއި ސްޕެނިޝް ލަ ލީގާ އަދި އިޓާލިއަން ސެރިއާ ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފެވެ.

ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވުމުގެ އެންމެ ބޮޑު އަމާޒަކީ އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމެވެ. އެކަމަކު މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޔުވެންޓަސް ކެޓުމުން ރޮނާލްޑޯ އާއި ޔުވެންޓަސް އަށް އަންނަނީ ފާޑުކިއުން އަމާޒުވަމުންނެވެ.

އަލެގްރީ ބުނީ ޔުވެންޓަސްގަައި ރޮނާލްޑޯ ހޭދަކުރި ފުރަތަމަ ސީޒަނަށް ބަލާއިރު އޭނާގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"އުމުރުން 34 އަހަރުގައި ރޮނާލްޑޯ ވަނީ ފުޓްބޯޅައިގައި ހޯދޭނެ ހުރިހާ ކަމެއް ހާސިލްކޮށްފައި. އަލުން އޭނާ ކާމިޔާބު ހޯދަން ޝައުގުވެރިވުމަކީ ވެސް އޭނާގެ ކިބައިގައި ހުރި ހިތްވަރު ފެންނާނެ ކަމެއް. އެ އުމުރުގައި އެހެން ކުޅުންތެރިން ބޭނުންވަނީ ހަމަޖެހިލަން. ރޮނާލްޑޯ ބޭނުންވަނީ ޗެލެންޖަކަށްދާން. ޔުވެންޓަސްގައި ވެސް ރޮނާލްޑޯ ތަފާތު ދައްކާނެ." އަލެގްރީ ބުންޏެވެ.

ފުޓްބޯޅައިގައި ގިނަ ކަންތައްތަކެއް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ރޮނާލްޑޯ އަކީ މިސާލެއް ކަމަށާއި އޭނާގެ ކިބައިން ގިނަ ކަންތައްތަކެއް ދަސްކުރެވޭނެ ކަމަށް އަލެގްރީ ވަނީ ބުނެފަ އެވެ.

"ރޮނާލްޑޯ އަކީ އިބްރަހިމޮވިޗް ފަދަ ކުޅުންތެރިއެއް. ފަރިތަކުރުންތަކުގައި ޓީމު އެއްބައިވަންތަކޮށް ސަމާސާ ވެސް ކުރާނެ. ބޭނުންވާ ވަގުތުތަކުގައި ޓީމަށް ހިތްވަރު ވެސް ދޭނެ. މެޗުތަކަށް ތައްޔާރުވުމުގައި ނަމޫނާ ދައްކާނެ. މިއީ ރޮނާލްޑޯގެ ފަރާތުން ދަސްކުރެވޭނެ ކަންތައްތައް. އަހަރެންގެ ފޮތުގައި ވެސް މި ކަންތައްތައް ބުނެދީފައިހުންނާނެ،" ދާދި ފަހުން ނެރުނު އޭނާގެ ފޮތް ދައްކާލުމަށް ފަހު އަލެގްރީ ބުންޏެވެ.

އަލެގްރީ އަންނަ ސީޒަނުގައި ޔުވެންޓަސް އިން ނުފެންނާނެ ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކާ ބެހޭގޮތުން އޭނާ ބުނީ އެއީ ކޮންމެ އަހަރެއްގައި ވެސް މީޑިއާ އިން އެ ފަދަ ރިޕޯޓްތައް ގެނެސްދޭ ކަމަށާއި އެއީ ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށެވެ.