Roadha Mihaaru
ޕްރެސް ދޫކޮށް ކޮންޓޭ ނުކުމެއްޖެ

އެސިސްޓެންޓުންނަށް ފުރުސަތު ދީފައި ކޮންޓޭ ޕްރެސްއިން ނުކުމެއްޖެ

08 މެއި 2021

މިލާން (8 މެއި) - އިންޓަ މިލާންގެ ކޯޗް އެންޓޯނިއޯ ކޮންޓޭއާ އެކު އެ ޓީމުގައި މަސައްކަތްކުރާ ކޯޗުން ސްޓާފުންނަށް ފުރުސަތު ދީފައި ކޮންޓޭ ޕްރެސް ދޫކޮށް ނުކުމެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިލާން (8 މެއި) - އިންޓަ މިލާންގެ ކޯޗް އެންޓޯނިއޯ ކޮންޓޭއާ އެކު އެ ޓީމުގައި މަސައްކަތްކުރާ ކޯޗުން ސްޓާފުންނަށް ފުރުސަތު ދީފައި ކޮންޓޭ ޕްރެސް ދޫކޮށް ނުކުމެއްޖެ އެވެ.

ސަމްޕްޑޯރިއާ އާ ދެކޮޅަށް މިއަދު ކުޅޭ މެޗާ ގުޅިގެން ބޭއްވި ޕްރީ މެޗު ޕްރެސް ލިޑް ކުރުމުގެ ފުރުސަތު ކޮންޓޭ ދީފައި ވަނީ އޭނާގެ އެސިސްޓޭންޓް ކޯޗުންނަށެވެ. އެއީ 11 އަހަރަށް ފަހު އިންޓައަށް ސެރީ އާ ގެ ޗެމްޕިއަންކަން ލިބުމުން އޭނާގެ ކޯޗުން ސްޓާފުން ކުރި މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން އޭނާ ކުރި ކަމެކެވެ.

އެންމެ ފުރަތަމަ ވާހަކަ ދެއްކީ އެސިސްޓެންޓް ކޯޗް ކްރިސްޓިއަން ސްޓެލީނީ އެވެ. އޭނާ ބުނީ ލީގު ޗެމްޕިއަންކަން ލިބުނު އިރު އެންމެން ތިބީ އެއް ތަނެއްގައި ނޫން ކަމަށެވެ. އެހެންނަމަވެސް ސަސުއޯލޯ އާއި އެޓަލާންޓާ ކުޅުނު މެޗުގެ ފަހު ކަށިގަނޑާއެކު އަދާޔާ ހިލާފު އުފަލެއް ލިބުނު ކަމަށް ސްޓެލީނީ ބުންޏެވެ. އިންޓައަށް ލީގު ކަށަވަރުވީ ދެ ވަނައިގައި އޮތް އެޓަލާންޓާއަށް ސަސުއޯލޯ އަތުން މިދިޔަ ހަފުތާގައި މޮޅު ނުވެވުމުންނެވެ.

ފިޓްނަސް ކޯޗް އެންޓޯނިއޯ ޕިންޓޫސް ވަނީ، މި ސީޒަންގައި ރޮމެލޫ ލުކާކޫގެ ފަރާތުން ފެނުނު ތަފާތު ކުޅުމަށް ތައުރީފު ކޮށްފަ އެވެ. އޭނާ ފިޓްކޮށް ހުރުމުން ޕިންޓޫސް ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ.

ޓެކްނިކަލް ކޯޗް ޕައޮލޯ ވެނޯލީ، ވަނީ އިންޓަގެ ކުޅުންތެރިންނާއި ކޯޗް ކޮންޓޭގެ ދައުރު ބޮޑުކަން ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ އިންޓަގެ މުޅި ކޮމިޔުނިޓީއަށް ކުޅުންތެރިންނާއި ކޯޗް ކޮންޓޭ އުފާވެރިކަން ގެނެސްދީފައިވާ ކަމަށެވެ.

މެޗު އެނަލިސިސް ކޯޗް އަދި ކޮންޓޭގެ ބޭބެ ޖިއަންލޫކާ ކޮންޓޭ ބުނީ، އޭނާގެ ކޮއްކޮ އެންޓޯނިއޯ ކޮންޓޭގެ މަސައްކަތުގެ އަހްލާގަކީ އިންޓަގެ ކާމިޔާބުގައި މުހިންމު ސިފަ އެއް ކަމަށެވެ. އިންޓަގެ އެތެރޭގައި ކޮންޓޭ ދަމަހައްޓާފައިވާ ސަގާފަތުގެ ސަބަބުން މަސައްކަތް ކުރަން ފަސޭހަ ކަމަށް ޖިއަންލޫކާ ކޮންޓޭ ބުންޏެވެ.

ރިހިބިލިޓޭޝަން ކޯޗް ސްޓެފަނޯ ބުރުނޯ ބުނީ، ކޮވިޑް-19 ގެ ސަބަބުން ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށާއި މުޅި ޓީމަށް މި ސީޒަންގައި އުނދަގޫ ކުރިމަތިވެގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް އުނދަގޫ ސީޒަނެއްގައިވެސް ކާމިޔާބާ ހަމައަށް ވާސިލުވުމުން ހިތްހަމަ ޖެހުން ލިބޭކަމަށް ބުރުނޯ ބުންޏެވެ.

އެތުލެޓިކް ކޯޗް ކޮސްޓަންޓީނޯ ކޮރާޓީ ބުނީ، ކުޅުންތެރިންނާއި ކޯޗުން ސްޓާފުންނަށް ޝުކުރު ނޫން ބަހެއް އޭނާގެ އަތުގައި ނެތް ކަމަށެވެ.

ގޯލްކީޕިން ކޯޗް އެޑްރިއާނޯ ބަނަޔޫޓީ ބުނީ އިންޓަގައި އަހަރުތަކެއް ވަންދެން ހޭދަ ކުރުމަށް ފަހު ލިބުނު ކާމިޔާބުން ބޮޑު އުފަލެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. ސީޒަންގެ ފުރަތަމަ ކޮޅު އުނދަގޫ ކުރިމަތި ވިނަމަވެސް ނިމިގެން ދާއިރު ޗެމްޕިއަނެއްގެ ގޮތުގައި ނިމުމަކީ ކޯޗް ކޮންޓޭ އާއި ކުޅުންތެރިން ކުރި ބުރަ މަސައްކަތްކަން އޭނާ ފާހަގަ ކުރި އެވެ.