Roadha Mihaaru
ހަރަދު ބޮޑުވުމުން އިންޓައިން ކޯޗް ކޮންޓޭ ދޫކޮށްލައިފި

ހަރަދު ބޮޑުވުމުން އިންޓައިން ކޯޗް ކޮންޓޭ ދޫކޮށްލައިފި

27 މެއި 2021

މިލާން (27 މެއި) - އިންޓަ މިލާނުން ބޮޑު މުސާރައެއް ދޭ ކޯޗް އެންޓޮނިއޯ ކޮންޓޭ ދޫކޮށްލަން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިލާން (27 މެއި) - އިންޓަ މިލާނުން ބޮޑު މުސާރައެއް ދޭ ކޯޗް އެންޓޮނިއޯ ކޮންޓޭ ދޫކޮށްލަން ނިންމައިފި އެވެ.

މުސާރައިގެ ގޮތުގައި ކޮންޓޭއަށް އަހަރަކު 13 މިލިއަން ޔޫރޯ އިންޓައިން ދެ އެވެ. އޭނާ އަކީ ސެރީ އާގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗެވެ. އަންނަ އަހަރު ޖޫންގައި ކޮންޓްރެކްޓް ހަމަވާ ކޯޗްގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި ކޮންޓްރެކްޓް އުވާލުމުން ބަދަލުގެ ގޮތުގައި ކޮންޓޭ ހަތް މިލިއަން ޔޫރޯ ދޭން ޖެހޭނެ އެވެ.

އިޓަލީގެ ކުޅިވަރު ނޫސް ލަ ގެޒެޓާ ޑެލޯ ސްޕޯޓްސްގައި ބުނި ގޮތުގައި، ކޮންޓޭ ދޫކޮށްލަން އިންޓައިން ނިންމީ އެ ކުލަބުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ. ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި މާލީ ދަތިތަކުގެ ތެރެއިން އިންޓައަށް ވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތި ވަމުންނެވެ. ކްލަބުގެ ހަރަދުތައް ކުޑަ ނުކޮށްފި ނަމަ ކްލަބު ބަނގުރޫޓް ވެދާނެ ކަމުގެ ބިރު އިންޓަގެ ޗައިނާގެ އޯނަރުންނަށް އެބައޮތެވެ. އެހެންވެ އެ ޓީމުގެ ސްކޮޑްގައި ތިބި ހައި ޕްރޮފައިލް ބައެއް ކުޅުންތެރިން ވިއްކާލުމުގެ ވިސްނުމެއް އިންޓައިން ގެންގުޅެ އެވެ.

މި ސީޒަންގައިވެސް އިންޓައިން ވަނީ މަޝްހޫރު ކުޅުންތެރިންތަކެއް ގަނެފަ އެވެ. ކްރިސްޓިއަން އެރިކްސަން އާއި ރޮމެލޫ ލުކާކޫ އަދި އަޝްރަފް ހަކީމީ ސޮއި ކުރުވި އެވެ. އެ ކުޅުންތެރިންގެ ޓްރާންސްފާއަށްވެސް އިންޓައިން ބޮޑު ހޭދައެއް ކުރި އެވެ.

ސެރީ އާ ގެ ތަށި 10 އަހަރަށް ފަހު އިންޓައަށް ހޯދައިދިން ކޮންޓޭގެ ބަދަލުގައި އިންޓަ އާ ހަވާލުވާނެ ކަމަށް ބެލެވޭ ކޯޗުންގެ ނަންތަކެއް އިޓަލީގެ މީޑިއާތަކުން ދަނީ ދައުރު ކުރަމުންނެވެ. ލާޒިއޯގެ ކޯޗް ސިމޯން އިންޒާގީ އާއި ޔުވެންޓަސްގެ ކުރީގެ ކޯޗް މެކްސް އެލެގްރީ ނަން އިޓަލީގެ މީޑިއާތަކުން ވަނީ ގެނެސްފަ އެވެ.