Roadha Mihaaru
މޮރިޝަސްއާ ދެކޮޅު ވޯޓަކީ ބޮޑު މައްސަލައެއްތަ؟

މޮރިޝަސްއާ ދެކޮޅު ވޯޓަކީ ބޮޑު މައްސަލައެއްތަ؟

26 މެއި 2019

ރާއްޖޭގެ ދެކުނުން އެންމެ ގާތުގައި އޮންނަ ހިކިފަސް ތަން ކަމަށްވާ ޗާގޯސް، އެ ތަނުގެ އަސްލު ރައްޔިތުން ކަމަށްވާ މޮރިޝަސްއާ ހަވާލުކުރުމުގެ ގަރާރަށް ރާއްޖޭން އދ. ގައި ވޯޓު ދިން ގޮތުން ވަރަށް އެބަ ފާޑުކިޔަ އެވެ. މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމުގެ ގަރާރަށް މުޅި ދުނިޔެ އިން ދެކޮޅުހެދީ އެންމެ ހަ ގައުމު ކަމަށް ވާއިރު އޭގެ ތެރޭގައި ރާއްޖެ ހިމެނުމުން، މިއީ އިސްތިއުމާރާއި އަޅުވެތިކަމަށް ތާއީދުކޮށް ދީފައިވާ ވޯޓެއް ކަމަށް މާނަކުރެވެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖޭގެ ދެކުނުން އެންމެ ގާތުގައި އޮންނަ ހިކިފަސް ތަން ކަމަށްވާ ޗާގޯސް، އެ ތަނުގެ އަސްލު ރައްޔިތުން ކަމަށްވާ މޮރިޝަސްއާ ހަވާލުކުރުމުގެ ގަރާރަށް ރާއްޖޭން އދ. ގައި ވޯޓު ދިން ގޮތުން ވަރަށް އެބަ ފާޑުކިޔަ އެވެ. މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމުގެ ގަރާރަށް މުޅި ދުނިޔެ އިން ދެކޮޅުހެދީ އެންމެ ހަ ގައުމު ކަމަށް ވާއިރު އޭގެ ތެރޭގައި ރާއްޖެ ހިމެނުމުން، މިއީ އިސްތިއުމާރާއި އަޅުވެތިކަމަށް ތާއީދުކޮށް ދީފައިވާ ވޯޓެއް ކަމަށް މާނަކުރެވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެގި ވޯޓުގައި ރާއްޖެ އިން އަމަލުކުރި ގޮތް ކުށްވެރިކޮށް، އިދިކޮޅު ޕީޕީއެމުން ވަނީ ސަރުކާރު މާފަށް އެދެން ޖެހޭނެ ކަމަށް ބުނެ އެވެ. އެކަމަކު އެއީ އެއްވެސް ވާހަކައެއް ނޫނެވެ. ޕީޕީއެމްގެ ވެރިކަމުގައި ޖޫން 22، 2017 ގައި ވަނީ ޗާގޯސް ހޯދުމުގެ މައްސަލަ މޮރިޝަސް އިން ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅަން ފާސްކުރި އިރު، އެކަމާ ދެކޮޅަށް ވޯޓު ދީފަ އެވެ. މިހާރުގެ ސަރުކާރުން ވެސް މި ދެމެހެއްޓީ ހަމަ އެ ސިޔާސަތެވެ.

ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ރާއްޖޭގެ އިން ވަކިކުރުމުގެ މައްސަލަ އދ. އިން އަދި އޮތީ ނުނިންމަ އެވެ. އެހެންވެ، ދިވެހި ސަރުކާރުން ވޯޓު ދިނުމުގައި ބެލި ކަމަށް ބުނާ މައިގަނޑު ސަބަބަކީ މިއީ އެވެ. އެއީ މޮރިޝަސް އަށް އެ ސަރަހައްދު ދޫކޮށްލުމުން، ސަރަހައްދީ އިން ކަނޑައަޅާއިރު ރާއްޖޭގެ ދެކުނުން ބައެއް ގެއްލުމެވެ. އެހެންވެ މި ބަހުސްގައި ޕީޕީއެމުން ދައްކާނެ ވާހަކައެއް ނެތެވެ.

ޗާގޯސްގެ ރަށްތައް

ޗާގޯސްގެ ރަށްތައް

އަމަލުކުރުން ލާޒިމް ނޫން ގަރާރާ ދެކޮޅަށް ރާއްޖެއާ އެކު ވޯޓު ދިނީ އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލެވެ. އެހެންވެ މިއީ ވެސް ފާޑުކިޔާ ކަމެކެވެ. އެކަމަކު ސުވާލަކީ ޑިޕްލޮމެޓިކް ގޮތުން ވިސްނާއިރު މޮރިޝަސް ރުއްސައިގެން ވާނެ ފައިދާ އަކީ ކޮބައި ހެއްޔެވެ؟

މި ބަހުސްގައި މާޒީ އަށް ވެސް ބަލަން ޖެހެ އެވެ.

ފްރާންސުން މޮރިޝަސް އިސްތިއުމާރުކޮށްފައި އޮއްވައި އިނގިރޭސި ވިލާތުން 1810 ގައި ހަނގުރާމަކޮށް މޮރިޝަސްގެ ކޮންޓްރޯލް ހޯދި އެވެ. މިގޮތުގައި އޮތުމަށް ފަހު މޮރިޝަސް އިން އަމިއްލަ މިނިވަންކަން ހޯދަން ކުރި މަޝްވަރާތަކުގައި އިނގިރޭސި ވިލާތުން ޝަރުތުކުރީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލަމުން އައި ޗާގޯސް އިނގިރޭސި ވިލާތަށް ދޫކޮށްލުމަށެވެ. އެއީ ތިން މިލިއަން ޕައުންޑުގެ ބަދަލަކާ ވެސް އެކުގަ އެވެ. މި އެއްބަސްވުމަށް ފަހު މޮރިޝަސް އަށް 1968 ވަނަ އަހަރު މިނިވަންކަން ދިނެވެ.

އެކަމަކު މޮރިޝަސްގެ މިނިވަންކަމުގެ މަޝްވަރާތައް ކުރަމުން ދިޔައިރު އިނގިރޭސި ވިލާތުން ސިއްރިއްޔާތުގައި ދިޔައީ ޗާގޯސްގައި އަސްކަރީ މަރުކަޒެއް ހެދުމާ ބެހޭ ވާހަކަތައް ދައްކަމުންނެވެ.

މި ކަންތައް ހިނގަމުން ދިޔައިރު ދިވެހިރާއްޖޭގެ އައްޑޫގައި ތިބި އިނގިރޭސިން ވެސް އޮތީ ރާއްޖެ ދޫކޮށް ދާން ޖެހިފަ އެވެ. އެކަމަކު އައްޑޫ ދޫކޮށްލާއިރު ހަމަ އެތަނާ ކައިރިން އެހެން ތަނެއްގައި އަސްކަރީ މަރުކަޒެއް ހަދަން އޮތީ ރާވައި ނިންމައިފަ އެވެ. ޖުލައި 26، 1965 ގައި އިނގިރޭސިން ރާއްޖެ އަށް މިނިވަންކަން ދިނުމަށް ފަހު ހަމަ އެ އަހަރުގެ ނޮވެމްބަރުގައި ޗާގޯސް ގަނެ، ވެރިކޮށްލީ އެވެ.

ޑިއެގޯ ގާސިއާގެ އަސްކަރީ މަރުކަޒު

ޑިއެގޯ ގާސިއާގެ އަސްކަރީ މަރުކަޒު

ޗާގޯސް ހޯދުމަށް ފަހު އެތަނުގެ ނަން ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އަށް ބަދަލުކުރި އެވެ. އަދި އެމެރިކާއާ އެކު ހެދި ސިއްރު އެއްބަސްވުމާ އެއްގޮތަށް އެތަނުގައި އަސްކަރީ މަރުކަޒެއް ހެދުމުގެ މަސައްކަތް ފެށި އެވެ. މިކަމަށް އެންމެ ފުރަތަމަ ކަނޑައެޅި ރަށަކީ ދިރޭތަކެތި ގިނަ ތަނަކަށް ވުމުން އެ އެއްޗެހީގެ ހިމާޔަތަށް ކަމަށް ބުނެ އެމެރިކާ އާއި އިނގިރޭސި ވިލާތުން ނިންމީ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒު ހަދާށެވެ. އަދި އެ ބޭނުމަށްޓަކައި ޗާގޯސްގެ ހުރިހާ ރަށަކުން މީހުން ބޭރުކުރި އެވެ. އެގޮތުން އޭރު އުޅުނު ތިން ހާހެއްހާ މީހުންނަށް އެ މީހުންގެ ވަޒަން ދޫކޮށް ސީޝެލްސް އާއި މޮރިޝަސް އަދި އެހެން ގައުމުތަކަށް ދާން މަޖުބޫރުކުރުވީ އެވެ. އެއީ 1967 އާއި 1973 އާ ދެމެދު އެވެ. އެއީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބަލާނެ ކިތަންމެ ކަމެއް ހިނގި އެވެ.

ފަހުން ހާމަވި، ކުރީގެ ސިއްރު ލިޔުންތަކުން އެނގޭ ގޮތުގައި މިއީ ޗާގޯސްއާ މެދު އެމެރިކާ އާއި އިނގިރޭސި ވިލާތުން މާ ކުރިން ވެސް އެއްބަސްވެފައި އޮތް ގޮތެވެ. އެ ރަށްތަކުގައި މީހުން އުޅެގެން ނުވާނެ ކަމަށާއި އުޅެން ޖެހޭނީ "ކަނޑު ދޫނި އެކަނި" ކަމަށް އޮތީ އެއްބަސްވެފަ އެވެ.

އަހަރެމެންނަށް އެ ރަށްތައް އެނގެނީ ޗާގޯސްގެ ގޮތުގައެއް ނޫނެވެ. ނަމެއްގެ ގޮތުގައި ކިޔަމުން މި އަންނަނީ އެ ތަނުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ރަށް ކަމަށް ޑިއެގޯ ގާސިއާ އަށް ނިސްބަތްކޮށެވެ. އެއީ ދިވެހިންނަށް ފޯޅަވައްސެވެ. މި ރަށްތައް އަލުން ހޯދަން ކުރާ މަސައްކަތުގައި މޮރިޝަސް އިން ބުނަނީ އެ މީހުން ޗާގޯސް ދޫކޮށްލީ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި އެގޮތަށް މަޖުބޫރުވެގެން ކަމަށެވެ. އަނެއް ސަބަބަކީ ކޮންމެ ގޮތަކަށް ރަށްތައް ދޫކޮށްލި ނަމަވެސް އެތަނުގެ އަހުލުވެރިންނާ މެދު އިހާނެތިކޮށް އަމަލުކޮށް ވަޒަނުން ބޭރުކޮށްލުމެވެ.

ޗާގޯސްގެ ރަށެއް

ޗާގޯސްގެ ރަށެއް

ރަށްތަކުން މީހުން ހުސްކުރުމަށް ފަހު އިނގިރޭސި ވިލާތުން ފޯޅަވަހި އެމެރިކާ އަށް ކުއްޔަށް ދިން ގޮތަށް އަދިވެސް އެތަން ބޭނުންކުރަމުން އަންނަނީ އެމެރިކާއިންނެވެ. އަފްޣާނިސްތާނާއި އިރާގު ހަނގުރާމާގައި އެ ގައުމުތަކަށް ބޮން އަޅަން ބޯޓުތައް ފޮނުވުމުގައި މި ރަށުގެ އަސްކަރީ މަރުކަޒުގެ ދައުރު ބޮޑެވެ. އަދި މިއީ ސީއައިއޭ އިން އެކި ތުހުމަތަށް ހައްޔަރުކުރާ މީހުންގެ ތަހުގީގަށް ހައްޔަރުކޮށް މީހުންނަށް ލާއިންސާނީ އަނިޔާ ދޭ ސިއްރު ޖަލުތައް ހުންނަ ތަނެއްގެ ގޮތުގައި ވެސް ވަނީ މަޝްހޫރުވެފަ އެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އިނގިރޭސި ވިލާތުން ވަނީ ފޯޅަވަހި އެމެރިކާ އަށް ކުއްޔަށް ދީފައިވާ މުއްދަތު 2036 ވަނަ އަހަރާ ހަމަޔަށް އިތުރުކޮށްފަ އެވެ.

މި ސަބަބާ ހެދި ގިނަ މީހުން ބުނާނީ އެހެންވެ ފޯޅަވަހި އަތުލައި އެތަނުގެ އަސްކަރީ މަރުކަޒު ނައްތާލަން ޖެހޭނެ ކަމަށެވެ. މޮރިޝަސްއާ އެތަން ހަވާލުކުރަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެއީ ކަމަށް ވަރަށް ފަސޭހައިން ގަބޫލުކުރެވޭނެ އެވެ. އެކަމަކު ހަގީގަތަކީ އެއެއް ނޫނެވެ. މޮރިޝަސް އިން ވެސް ބުނަނީ އިނގިރޭސި ވިލާތާއި އެމެރިކާ އިން ބުނާ ގޮތަށެވެ. ފޯޅަވައްސަކީ ދުނިޔޭގެ އަދި ސަރަހައްދުގެ ސަލާމަތަށް މުހިންމު މަސައްކަތްތަކެއް ހިންގާ ތަނެއް ކަމަށް އެ ގައުމުތަކުން ބުނާ ބުނުން މޮރިޝަސް އިން ވެސް ގަބޫލުކުރެ އެވެ. މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވީދު ކުމާރު އދ.ގެ އާންމު މަޖިލީހުގައި ވެސް ވިދާޅުވީ ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ކަނޑައެޅިޔަސް ފޯޅަވަހި ހަމަ އެގޮތުގައި ހިންގަން ދޫކުރާނެ ކަމަށެވެ.

އެހެންވެ މިކަމުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް އޮތުމަކުން ވެސް ބަހުސް ނިމޭކަށް ނެތެވެ. ކޮންމެ ގޮތަކަށް ވޯޓު ދިނަސް ފާޑު ނުކިޔާނެ ގޮތެއް ވެސް ނެތެވެ.