Roadha Mihaaru
މޯދީއަށް ނިޝާން އިއްޒުއްދީންގެ ލަގަބް އަރުވަނީ

މޯދީއަށް ނިޝާން އިއްޒުއްދީންގެ ލަގަބް އަރުވަނީ

08 ޖޫން 2019

ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ޝަރަފް މޯދީއަށް އެރުވުން އޮންނާނީ އެމަނިކުފާނު މިއަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު ހަވީރު ރައީސް އޮފީހުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

މި ޝަރަފް މޯދީއަށް އަރުވަން ނިންމީ، ރައީސް އޮފީހުން ބުނިގޮތުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. އަދި ގައުމުގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް މޯދީ ދެއްވާ ހާއްސަ އަހައްމިއްޔަތާއި އެކި ރޮނގުރޮނގުން ރާއްޖެއަށް ދެމުން އަންނަ ދީލަތި އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް މީގެ ކުރިން ވެސް ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުވާފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ މި ޝަރަފް އެރުވީ މާޗު 15، 1972 ގައި، އިނގިރޭސި ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް ނުވަތަ ޑިއުކް އޮފް އެޑިންބަރާ އަށާއި އޭނާގެ ބޮޑުބޭބެ އާލް މައުންޓްބެޓަންއަށެވެ.

އޭގެ ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮކްޓޯބަރު 30، 1984 ގައި ދެކުނު ކޮރެއާގެ ރައީސް ޗުންޑޫ ހުވާން އަށާއި ނޮވެމްބަރު 16، 1989 ގައި ކޮމަންވެލްތުގެ ސެކެރެޓަރީ ޖެނެރަލް ޝްރީދަތު ރާމްޕާލްއަށް އެރުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ޑިސެމްބަރު 2، 2009 ގައި، ފޯ ސީޒަން ގްރޫޕްގެ ވެރިޔާ ސައުދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ތަލާލް ބިން އަބްދުލްއަޒީޒް އާލްސައުދަށް ވެސް އެ ލަގަބު އަރުވައިފަ އެވެ.

މި ޝަރަފް އެންމެ ފަހުން އެރުވީ 2013 ގައި، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި، ފަލަސްތީނުގެ ރައީސް ޑރ. މަހުމޫދު އައްބާހަށެވެ.