Roadha Mihaaru
ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް

ފެބްރުއަރީ އަމުރުގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި

16 ޖޫން 2019

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އަމުރު ނެރެފައި ވަނިިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ފަހުން ދެން ތިއްބެވި ތިން ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރަކުން ވަނީ ކުރީގެ އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ޖޭއެސްސީ އަށް މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރުގައި ސޮއި ކުރެއްވި މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ދެކޮޅަށެވެ. އެކަމަކު އެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ސާފެއް ނުވެ އެވެ.

އެކަމާ ގުޅިގެން ޖޭއެސްސީގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިިޔާރު އަރީފާއި ފަނޑިޔާރު އާދަމްއާ ދެކޮޅަށް ޖޭއެސްސީ އަށް މައްސަލަ ހުށަހެޅިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ މައްސަލާގައި ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމިޔަސް، ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް އަމަލު ކުރުން ފަސްކުރަން އަމުރުކޮށްފަ އެވެ.

ފެބްރުއަރީ 1 ގައި ނެރުނީ ގައިރު ގާނޫނީ އަމުރެއް ކަމަށް ބުނެ ކުރީ ސަރުކާރުން އެ އަމުރު ތަންފީޒެއް ނުކުރެ އެވެ. ސުޕްރީމް ކޯޓުން މިހާތަނަށް ނެރުނު އެންމެ ވަރުގަދަ އެ އަމުރުގައި ވަނީ ސިޔާސީ ބޭނުމަށް ހައްޔަރުކޮށްފައިވާ ބޭފުުޅުން ދޫކޮށްލައި، މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ 12 މެމްބަރެއްގެ ގޮނޑި އަނބުރާ އިއާދަކުރާ ކަމަށް އަމުރު ކޮށްފަ އެވެ.