Roadha Mihaaru
ފަނޑިޔާރު ޑީޑީގެ ތަހުގީގު ޓީވީން ލައިވްކޮށް ދައްކާނެ

ފަނޑިޔާރު ޑީޑީގެ މައްޗަށް ހިންގާ ތަހުގީގު ޓީވީން ލައިވްކޮށް ދައްކަނީ

19 ޖޫން 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ދެކޮޅަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާންމުކޮށް ހުޅުވާލައިގެން ހިންގާ ތަހުގީގު ޓީވީން ލައިވް ބްރޯޑްކާސްޓްކުރާނެ ކަމަށް ޖޭއެސްސީން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ދެކޮޅަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާންމުކޮށް ހުޅުވާލައިގެން ހިންގާ ތަހުގީގު ޓީވީން ލައިވް ބްރޯޑްކާސްޓްކުރާނެ ކަމަށް ޖޭއެސްސީން މިރޭ ބުނެފި އެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން އެ ތަހުގީގު އާންމުކޮށް ހުޅުވާލަން ފަނޑިޔާރު ޑީޑީ އެދިވަޑައިގަތުމުން ޖޭއެސްސީން ވަނީ އެގޮތަށް ނިންމައި، އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި މާދަމާ އެ ތަހުގީގު ފަށަން ވަނީ ހަމަޖައްސައިފަ އެވެ. މިއީ ފަނޑިޔާރެއްގެ މައްޗަށް ހިންގާ ތަހުގީގެއް އާންމުކޮށް ހުޅުވާލައިގެން ގެންދާ ފުރަތަމަ ފަހަރެވެ.

ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ދަރުބާރުގޭގައި ޖާގަ އޮތް މިންވަރަކުން އާންމުންނަށާއި މީޑިއާ އަށް އެތަނަށް ވަދެވޭނެ ކަމަށެވެ. އެ ތަހުގީގު ލައިވްކޮށް ޓީވީން ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ޕީއެސްއެމުން އެކަމުގެ ހުއްދައަށް އެދިފައިވާތީ އެ ފުރުސަތު ދީފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ.

"ލައިވް ކުރުމަށް މިހާތަނަށް އެދިފައި އޮތީ ޕީއެސްއެމުން. އޭގެ އިތުރުން އެހެން ފަރާތަކުން އެދުނު ކަމަށް ވިޔަސް އަޅުގަނޑުމެން އެ ފުރުސަތު ދޭނަން،" ޒަހީން ވިދާޅުވި އެވެ.

ޒަހީން ވިދާޅުވީ އެ ތަހުގީގަކީ ހުޅުވާލައިގެން ބާއްވާ ތަހުގީގެއް ކަމަށް ވިޔަސް، ތަހުގީގު ކުރިއަށް ދާ މާލަމުގައި ހިފަހައްޓަންޖެހޭ އުސޫލުތައް އާންމުން ވެސް ހިފަހައްޓަން ޖެހޭނެ ކަމަށާއި އެއާ ޚިލާފްވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެ ކޮމިޝަނުން އަޅާނެ ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިން ވެސް ބައިވެރިވާނެ ކަމަށް ޒަހީން ވިދާޅުވި އެވެ.

ޒަހީން ވިދާޅުވި ގޮތުގައި ތަހުގީގުގެ އަޑުއެހުމަށް ވަނުމަށް އެދޭ އާންމުންނަށް އެ ފުރުސަތު މާދަމާ ހެނދުނު 9 އިން ދަރުބާރުގެ އިން ލިބޭނެ އެވެ.

ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަނަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި އޮތުމުން ފަނޑިޔާރު ޑީޑީ މިހާރު ގެންދަވަނީ ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވަމުންނެވެ. އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރު ގަބޫލު ނުކުރަން ޖޭއެސްސީން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.