Roadha Mihaaru
ގާނޫނާ ހިލާފުވި ފުލުހުންގެ މައްސަލަ އެންއައިސީ އަށް

ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ އަނިޔާވެރިވި ފުލުހުންގެ މައްސަލަ އެންއައިސީ އަށް

19 ޖުލައި 2016

ފުލުހުންގެ އިސް ވެރިން ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، ރައްޔިތުންނަށް އަނިޔާވެރިވާ ފުލުހުންތަކެއްގެ މައްސަލަ އެމްޑީޕީން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުލުހުންގެ އިސް ވެރިން ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، ރައްޔިތުންނަށް އަނިޔާވެރިވާ ފުލުހުންތަކެއްގެ މައްސަލަ އެމްޑީޕީން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ސެކްރެޓަރީި ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރާ ފުލުހުންގެ މައްސަލަ އެންއައިސީ އަށް ހުށަހެޅީ ހެއްކާ އެކު ކަމަށެވެ. އޭގެ ތެރޭގައި ޔުނިފޯމުގެ ގަވާއިދާ ހިލާފަށް ނަން ޓެގު ނައްޓާލައިގެން ތިބެ އެއްވުންތައް ރޫޅާލައި އަނިޔާވެރިކޮށް މީހުން ހައްޔަރުކުރި ފުލުހުންގެ ފޮޓޯ އާއި ވީޑިއޯ ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެންއައިސީ އަށް ހުށަހެޅީ ކިތައް ފުލުހުންގެ މައްސަލަ ކަމެއް އަނަސް ވިދާޅެއް ނުވެ އެވެ.

"އެންއައިސީން އެބަ އޮތް ނޫސްބަޔާނެއް ނެރެފައި ގާނޫނީ އިމުގެ ތެރެއިން ވަކިވަކި ފުލުހުންގެ މައްސަލަތައް ބެލުމުގެ ބާރު ވެސް އޮންނަ ކަން. އަދި ޔުނިފޯމު އެޅި ފުލުހުންގެ މައްސަލަ ބެލުމުގެ އިހްތިޔާރު ގާނޫނުން ވެސް ދީފައި އޮންނަނީ އެތަނަށް،" އަނަސް ވިދާޅުވި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ރޮޒައިނާ ވާހަކަ ދައްކަވަނީ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ރޮޒައިނާ ވާހަކަ ދައްކަވަނީ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅައި ގާނޫނީ އިމުން ބޭރުވާ ފުލުހުންގެ މައްސަލަ ކުރިއަށް އޮތް ތަނުގައި ވެސް ކޮމިޝަންތަކަށް ހުށަހަޅާނެ އެވެ.

ވަކިވަކި ފުލުހުން ގާނޫނާ ހިލާފު އަމަލުތައް ހިންގާ ނަމަވެސް ޒިންމާވާނީ ފުލުހުންގެ މުއައްސަސާ އިން ކަމަށް ބުނެ ފުލުހުން ބަޔާން ނެރެފައިވާ ކަން ފާހަގަކުރައްވަމުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވީ "އެއީ މަގުމައްޗަށް ނިކުންނަ ފުލުހުންނަށް އޮޅުވާލަން ނެރުނު ބަޔާނެއް" ކަމަށެވެ. ވަކިވަކި ފުލުހުން ގާނޫނާ ހިލާފުވާ ނަމަ ވަކިވަކިން ވެސް ފިޔަވަޅު އެޅޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މަގު މައްޗަށް ނެރޭ ފުލުހުން ލައްވައި ހުރިހާ ކަމެއް ކުރުވާފައި މުއައްސަސާ އިން ޒިންމާ ނަގާނެ ކަމަށް ބުންޏަސް އެކަން ގަބޫލުކޮށްގެން ނުވާނެ. އެއީ އޮޅުވާލަން ދައްކާ ވާހަކައެއް،" ރޮޒައިނާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޣައިރު ގާނޫނީ އަމުރުތައް ފުލުހުންގެ މައްޗަށް ކުރިއަސް އެ އަމުރުތަކަށް ފުލުހުން ތަބާވެގެން ނުވާނެ ކަމަށެވެ. ގާނޫނުން ރައްޔިތުންނަށް ފަހިކޮށްދީފައިވާ ހުރިހާ ކަމެއް ފުލުހުން މެދުވެރިކޮށް ނިގުޅައިގަތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ހަރަކާތްތަައް ހިންގުމުގެ މަގު މިވަނީ ބަންދުކޮށްފައި. ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީއެއްގައި ކޮންމެހެން އޮންނަން ޖެހޭ އަސާސީ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުން މިދަނީ. އަޅުގަނޑުމެން ފުލުހުންނަށް ވެސް ގޮވާލަން ގާނޫނާ ހިލާފު އަމުރުތަކަށް ތަބާނުވެ، ޣައިރު ގާނޫނީ އަމުރުތައް ހުއްޓުވަން މަސައްކަތް ކުރާށޭ،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީން ބުނީ މިނިވަން ކޮމިޝަންތައް ވެސް ސަރުކާރުގެ މުށުތެރެއަށް ލައި މިނިވަންކަން ގެއްލުވާލާފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުންނާ ގުޅޭ މައްސަލައެއް އަދި އިންސާނީ ހައްގުތަކާ ގުޅޭ މައްސަލައެއް ހުށަހެޅިއަސް މިނިވަންކަމާ އެކު ބަލާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެ ޕާޓީން ބުނެ އެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން އަބަދަކު ދެމިނޯންނާނެ ކަމަށާއި އެ ދުވަހަކުން ހުރިހާ މައްސަލަތަކެއް ވެސް ބެލޭނެ ކަމަށެވެ.