Roadha Mihaaru
ޝަރުތަކާ އެކު ޕޮގްބާ ވިއްކާލަން ސޯލްޝެއާ އެއްބަސްވެއްޖެ

ޝަރުތަކާ އެކު ޕޮގްބާ ވިއްކާލަން ސޯލްޝެއާ އެއްބަސްވެއްޖެ

22 ޖޫން 2019

ލަންޑަން (ޖޫން 22) - ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ޝަރުތަކާ އެކު ވިއްކާލަން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖޫން 22) - ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ޝަރުތަކާ އެކު ވިއްކާލަން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުނީ މިއީ އާ ޗެލެންޖެއް ނަގަން ޖެހޭ ވަގުތު ކަމަށާއި އެހެން ޓީމަކަށް ބަދަލުވުމާ މެދު ވިސްނަމުން އަންނަ ކަމަށެވެ. ޔުނައިޓެޑުން އެންމެ ފުރަތަމަ ނިންމީ ޕޮގްބާގެ މުސާރަ ބޮޑުކޮށް އޭނާ ކްލަބްގައި މަޑުކުރުވާށެވެ.

އެކަމަކު އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގައި ޔުނައިޓެޑްގެ ބޯޑުން ޓީމުގެ ޓްރާންސްފާ ބަޖެޓަކަށް ކަނޑައަޅާފައިވަނީ 100 މިލިއަން ޕައުންޑް އެވެ. އޭގެ ތެރެއިން 15 މިލިއަން ޕައުންޑަށް ސްވަންސީގެ ޑެނިއަލް ޖޭމްސް ގަނެފައިވާއިރު، ޔުނައިޓެޑުން އަންނަނީ ކްރިސްޓަލް ޕެލަސްގެ ޒުވާން ފުލްބެކް ވަން ބިސާކާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. ޕެލަސް އިން ވަން ބިސާކާ ވިއްކާލަން ކިޔަނީ 60 މިލިއަން ޕައުންޑަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑްގެ ޓްރާންސްފާ ބަޖެޓް ކުޑަވުމުން ކޯޗު ސޯލްޝެއާ މިހާރު ނިންމާފައިވަނީ އުމުރުން 26 އަހަރުގެ ޕޮގްބާ ވިއްކާލާށެވެ. ސޯލްޝެއާ އެކަމަަށް އެއްބަސްވާން ކަނޑައެޅި ޝަރުތަކީ ޕޮގްބާ ވިއްކާލައިގެން ލިބޭ ފައިސާ އެއްކޮށް ޓްރާންސްފާތަކަށް ހޭދަކުރަން ދިނުމަށެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

ޕޮގްބާ ހޯދަން އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސް އާއި ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުމާ އެކު ކޯޗު ޒިނެދިން ޒިދާންގެ އެދުމާ އެކު ޕޮގްބާ ހޯދުމަށް ރެއާލުން މަޝްވަރާކުރަން ފެށި އެވެ. އެކަމަކު އޭރު ޔުނައިޓެޑުން ޕޮގްބާ ދޫކޮށްލަން ކީ އަގު ބޮޑުވުމުން އެ ޑީލް ކުރިއަށްގެންދަން ރެއާލުން ބޭނުންނުވި އެވެ. ޔުނައިޓެޑުން އޭރު ބޭނުންވީ ޕޮގްބާ 180 މިލިއަން ޔޫރޯ (201 މިލިއަން ޑޮލަރު) އަށް ވިއްކާލާށެވެ. އެކަމަކު ރެއާލުން އެންމެ މައްޗަށް ވެސް ޕޮގްބާ އަށް ބިޑްކުރާނީ 110 މިލިއަން ޔޫރޯ (123 މިލިއަން ޑޮލަރު) އެވެ.

ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޗިޓީ ވަނީ ދާދި ފަހުން ޔުނައިޓެޑްގެ އޮފިޝަލުންނާ އެކު ޕޮގްބާ ހޯދުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އިޓަލީގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ ބޭނުންވަނީ އަލުން ޔުވެންޓަސްއާ ގުޅޭށެވެ. ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ އަށް އެ ޓީމުން އެކަށީގެންވާ ފުރުސަތެއް ނުލިބޭތީ 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ބަދަލުވި އެވެ. ޔުނައިޓެޑުން އޭނާ އަލުން ގެނައީ 2016 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 89.3 މިލިއަން ޕައުންޑް (115 މިލިއަން ޑޮލަރު) އަށެވެ.

ޔުނައިޓެޑުން އަންނަނީ ލެސްޓާގެ ހެރީ މެގުއާ އާއި ވެސްޓް ހޭމްގެ އީސާ ޑިއޮޕް އަދި އެ ޓީމުގެ ޑެކްލަން ރައިސް ހޯދަން މަސައްކަތްކުރަމުންނެވެ.