Roadha Mihaaru

ތިން ރަށެއްގެ ބަނދަރުގެ މަސައްކަތަށް 71 މިލިއަނަށް ވުރެ ގިނަ ރުފިޔާ

ތިން ރަށެއްގެ ބަނދަރުގެ މަސައްކަތްތަކެއް ކުރަން ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރަން ހަވާލުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

23 ޖޫން 2019

ތިން ރަށެއްގެ ބަނދަރުގެ މަސައްކަތްތަކެއް ކުރަން ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއް ގައި، ށ. ނޫމަރާގެ ބޭރު ތޮއްޓާއި ނެރު ބައްތި އަދި ގްރޮއިން ޖަހަން ހަވާލުކުރީ ސާސް އީ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 9.9 މިލިއަން ރުފިޔާ އަށެވެ. މަޝްރޫއު ނިންމަން ދީފައި ވަނީ އެއް އަހަރުގެ މުއްދަތެވެ.

ނޫމަރާ ބަނދަރު ހެދުމުގެ މަސައްކަތުގައި ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ޝާނާ އަދި ސާސް އީ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު އަބްުދުﷲ ސަވާދު ސޮއިކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ނޫމަރާ ބަނދަރު ހެދުމުގެ މަސައްކަތުގައި ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ޝާނާ އަދި ސާސް އީ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު އަބްުދުﷲ ސަވާދު ސޮއިކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޓީސީސީއާ ހަވާލުކުރީ ނ. ހެނބަދޫގެ ބަނދަރު އަދި ސ. މީދޫ ބަނދަރުގެ މަސައްކަތެވެ. ހެނބަދޫގެ ނެރު ފުންކުރުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކުރުމާއި ބޭރު ތޮށި ޖެހުމައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިންމަން ދީފައިވަނީ 300 ދުވަހެވެ. މަޝްރޫއުގެ އަގަކީ 26.6 މިލިއަން ރުފިޔާ އެވެ.

މީދޫ ބަނދަރުގައި ބޭރު ތޮށި ޖެހުމާއި އެއްގަމު ތޮށި ހެދުމާއި ބަނދަރު ފުންކުރުމާއި ނެރު ބައްތި ޖެހުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި ލައިޓު ޖަހަން ޖެހެ އެވެ. އެއް އަހަރު ދުވަހުން ނިންމަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 35.4 މިލިއަން ރުފިޔާ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ވިދާޅުވީ ތިން ރަށުގެ ބަނދަރު ވެސް ހަދަން ނިންމާފައި ވަނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ.