Roadha Mihaaru
ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން ބޮޑެތި އިސްލާހުތަކެއް

ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން ބޮޑެތި އިސްލާހުތަކެއް ހުށަހަޅައިފި

25 ޖޫން 2019

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ މަޖިލީހަށް އިއްވައިފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅާ ފިޔަވަޅުތަކުގެ މައްސަލަތައް ކޯޓުތަކަށް ނުބެލޭ ގޮތް ހެދުމާއި އެފަދަ ފިޔަވަޅުތައް އިސްތިއުނާފް ކުރެވޭނެ ނިޒާމެއް ޖޭއެސްސީގައި އުފެދުން ހިމެނޭ ކަމަށެވެ. އެގޮތުން ފިޔަވަޅު އެޅުމުގައި ޖޭއެސްސީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ އެކަން އިސްތިއުނާފް ކުރެވޭނެ ގޮތް ހެދުމަށްޓަކައި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހެއް އާ އިސްލާހުގެ ދަށުން އުފެދޭނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"އެ މަޖިލީހުން ބަލާ މައްސަލަތައް އެއީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގެ ގޮތުގައި ބެލެވޭނީ. އެ މަޖިލީހުން ނިންމާ ނިންމުމެއް އިތުރު އެއްވެސް ތަނަކަށް ހުށަނޭޅޭނެ ކަމަށް މި ބަޔާން ކުރަނީ. މީގައި އިތުރަށް ފާހަގަ ކޮށްލަން ބޭނުން ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ނިންމުންތައް ނިންމުމުގައި ހަމައެކަނި މި ބަލަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ އިޖްރާއާތުގެ ސައްހަކަން އެކަނި." ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި އެ އިސްލާހުގެ ދަށުން ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމާ ނިންމުމެއް އިސްތިއުނާފް މަޖިލީހަށް ނުބެލޭނެ އެވެ. އަދި ފަނޑިޔާރަކު ވަކިކުރަން މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް ވެސް އިތުރު ކޯޓަކަށް ނުބެލޭނެ ގޮތަށް ވެސް އާ އިސްލާހުގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަނޑިޔާރަކާ ގުޅޭގޮތުން ނިންމާ ނިންމުމެއް ތިން މަރުހަލާގެ ކޯޓުތަކަށް ހުށަހެޅިގެން ފަނޑިޔާރުން އެއަށް ގޮޮތްތަކެއް ކަނޑައަޅާ ކަމަށް ވަންޏާ ޖުޑީޝަލް ސާވިސް ކޮމިޝަން އުފެއްދުމުގެ މަގްސަދު ވެސް ގެއްލިގެންދާނެ. އެކަމަކު ހަމައެއާ އެކީގައި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އޮންނަ މަރުހަލާއެއް އިސްތިއުނާފް މަރުހަލާއަކީ. އެހެންވީމަ އެގޮތުގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް މި އިސްލާހު ހުށަހެޅީ." ރިފްއަތު ވިދާޅުވި އެވެ.

މީގެ އިތުރުން ޖޭއެސްސީގައި އާންމުންގެ ފަރާތުން އިންނަވާ މެމްބަރާއި މަޖިލީހުގެ ތެރެއިން އިންނަވާ މެމްބަރާއި ވަކީލުންގެ ތެރެއިން އިންނަވާ މެމްބަރާއި ރައީސްގެ މެމްބަރެއްގެ ގޮތުން ޖޭއެސްސީގައި އިންނަވާ މެމްބަރަކީ ވަކީލެއް ކަމަށްވާ ނަމަ، ޖޭއެސްސީގެ މެމްބަރުކަމުގެ މުއްދަތުގައި ކޯޓުތަކުގައި ވަކާލާތު ކުރުން ވެސް އާ އިސްލާހުގެ ދަށުން މަނާ ކުރެވޭނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"ކޯޓަށް ގޮސް ވަކާލާތު މީހަކު ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި އިންނަ ކަމަށް ވަންޏާ އޭގެން އާންމުންގެ ހިތުގައި އެބަ ޝައްކު އުފެދޭ. ޚާއްސަކޮށް އެގޮތަށް މަސައްކަތްކުރާ ވަކީލަކު ފަނޑިޔާރުންނަށް ފިޔަވަޅު އަޅާ މީހެއްގެ ގޮތުގައި އިންނަ ކަމަށް ވަނީވިއްޔާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ އިންޓަގްރިޓީއާ މެދު ސުވާލު އުފެދޭނެ." ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި ޖޭއެސްސީއަށް މައްސަލަތައް ފަސޭހަކަމާ އެކު ހުށަހެޅޭ ގޮތަށް އަދި އަވަހަށް މައްސަލަ ބެލޭނެ އިންތިޒާމް ހަމަޖައްސަން ވެސް އެ އިސްލާހުގައިވަނީ ހިމަނައިފަ އެވެ. އެގޮތުން އީމެއިލް އާއި ސިޓީ މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ ގޮތް ހެދުމާއި ފަސޭހައިން ކުއްލި ޖަލްސާތައް ބޭއްވޭނެ ގޮތް ހެދުން ވެސް އެ އިސްލާހުގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ޖޭއެސްސީގެ ދަށުން ހިނގާ މުއައްސަސާއަކަށް ހެދުމާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ބޭފުޅުން އައްޔަން ކުރުމުގެ ބާރު ވެސް ޖޭއެސްސީއަށް ދިނުމަށް އެ އިސްލާހުގައި ހިމަނާފައިވާ ރިފްއަތު ވިދާޅުވި އެވެ. އަދި ކޯޓުތަކުގެ ރަޖިސްޓްރާ އައްޔަން ކުރުމުގެ ބާރު ވެސް ޑީޖޭއޭ އަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.