Roadha Mihaaru
ޖޭއެސްސީ އިސްލާހުކުރަން އާއްމުންގެ ހިޔާލަށް ހުޅުވާލައިފި

ޖޭއެސްސީ އިސްލާހުކުރަން އާއްމުންގެ ހިޔާލަށް ހުޅުވާލައިފި

08 އޮކްޓޯބަރ 2022

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށް އާއްމުންގެ ހިޔާލަށް އިއްޔެ ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށް އާއްމުންގެ ހިޔާލަށް އިއްޔެ ހުޅުވާލައިފި އެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ގޫގުލް ޑޮކިއުމަންޓް މެދުވެރިކޮށް މައިގަނޑު 14 ސުވާލެއް ފާހަގަކޮށް، އެ ބަދަލުތައް ގެންނަން ފެންނަ ނަމަ ނުވަތަ ނުފެންނަ ސަބަބުތައް ބަޔާންކުރަން ދީފަ އެވެ.

އޭގެ ތެރޭގައި ކޮމިޝަން މިހާރު އެކުލެވިގެންވާ ގޮތަށް ތިން މަރުހަލާގެ ފަނޑިޔާރުން ހިމެނުމާ މެދު ދެކޭ ގޮތާއި ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްފައި ތިބި ފަނޑިޔާރުން ޖޭއެސްސީގައި ހިމެނުމާ މެދު ދެކޭ ގޮތް ހިމެނެ އެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ހަ މެމްބަރުންނަކީ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރުންނެވެ. އެހެން ވުމުން ޖޭއެސްސީގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. އެ މައްސަލަ ހައްލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ޖޭއެސްސީ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން ދަށު ކޯޓުތަކުގެ އިސް ގާޟީންނާއި ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންނާ އޭޖީ އޮފީހުން ވަނީ ބައްދަލުކޮށްފައިވެ އެވެ. އެ އޮފީހުން ވަނީ ޖޭއެސްސީ އިސްލާހުކުރުމާ ގުޅޭ މަޝްވަރާގައި ބައިވެރިވުމަށް މަދަނީ ޖަމިއްޔާތަކަށް ވެސް ހުޅުވާލައިފަ އެވެ.

ޖޭއެސްސީ މިނިވަންކުރުމަށްޓަކައި ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގައި ހުށަހަޅަން ވަނީ ނިންމައިފަ އެވެ.