Roadha Mihaaru
ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން ޓްރީ ޓޮޕުން ހިލޭ

ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން ޓްރީ ޓޮޕުން ހިލޭ ކުރެވޭ ގޮތަށް ހަމަޖައްސައިފި

26 ޖޫން 2019

ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން ޓްރީ ޓޮޕް ހޮސްޕިޓަލުން ހިލޭ ކުރެވޭ ގޮތް އާސަންދަ އިން މިއަދު ހަމަޖައްސައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން ޓްރީ ޓޮޕް ހޮސްޕިޓަލުން ހިލޭ ކުރެވޭ ގޮތް އާސަންދަ އިން މިއަދު ހަމަޖައްސައިފި އެވެ.

އާސަންދަ އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އަދި އައިޖީއެމްއެޗްއާ ދެމެދު މިއަދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ޓްރީ ޓޮޕަށް ބަލި މީހުން ރިފާ ކުރާނީ އައިޖީއެމްއެޗުންނެވެ.

އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ. އާސަންދައިގެ ފަރާތުން މެނޭޖިން ޑައިރެކްޓަރު މަރިޔަމް ޝަފީގު އަދި ޓްރީ ޓޮޕްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑޭޭވިޑް ފެއިންބާގެވެ.

މިއީ ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން ކުރަން ތިބި މީހުންގެ ކިޔު ކުޑަކުރަން ޓްރީ ޓޮޕާ އެކު ގާއިމްކުރި އެއްބަސްވުމެއް ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ ސަލީމް ވިދާޅުވި އެވެ. ކަކުލު ހުޅުގެ އޮޕަރޭޝަން ކުރަން މިހާރު ވެސް 173 މީހުން ކިއުގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕާއި އާސަންދައާ ދެމެދުވި އެއްބަސްވުމުގެ ދަށުން ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނުގެ އަގަކީ 65،000 ރ. ނަމަވެސް އެ އަގު އެއްކޮށް ދައްކާނީ އާސަންދައިންނެވެ.

މިި ވަގުތު ކުރެވޭނީ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން އެކަނި ނަމަވެސް ކުރިއަށް އޮތް ތަނުގައި އުނަގަނޑުގެ އޮޕަރޭޝަންތައް ވެސް ކުރިއަށް ގެންދަން އެއްބަސްވާނެ ކަމަށް އާސަންދައިގެ މެނޭޖިން ޑައިރެކްޓަރު ވިދާޅުވި އެވެ.

ޓްރީ ޓޮޕުން މީގެ ކުރިން ވެސް އާސަންދައިގެ އެހީގައި ޑިސްކައުންޓް އަގުތަކެއްގައި ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރި އެވެ. އޭރު ނަގަނީ އާސަންދަ އިން 50،000ރ. އަދި ބަލި މީހާގެ އަތުން 23،000ރ. އެވެ.