Roadha Mihaaru
ހުޅު ބަދަލުކުރާ 100ވަނަ އޮޕަރޭޝަން އައިޖީއެމްއެޗުގައި

ކަކުލު ހުޅު ބަދަލުކުރުމުގެ 100 ވަނަ އޮޕަރޭޝަން އައިޖީއެމްއެޗުގައި

03 ނޮވެމްބަރ 2019

އާސަންދަ މެދުވެރިކޮށް ކަކުލު ހުޅު ބަދަލުކުރުމުގެ 100 ވަނަ އޮޕަރޭޝަން އައިޖީއެމްއެޗުގައި މިއަދު ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާސަންދަ މެދުވެރިކޮށް ކަކުލު ހުޅު ބަދަލުކުރުމުގެ 100 ވަނަ އޮޕަރޭޝަން އައިޖީއެމްއެޗުގައި މިއަދު ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި 66 އަހަރުގެ ފިރިހެނެއްގެ ކަކުލު ހުޅު ކާމިޔާބުކަމާއެކު އޮޕަރޭޝަން ކުރީ ތަޖުރިބާކާރު ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ހުސެއިން ފައިސަލާއި ޑރ. އިސްމާއިލް ޒާހިރު ކަމަށެވެ.

އެ އޮޕަރޭޝަނަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެކަމުގައި ބައިވެރިވެ ވަޑައިގެންނެވި ޑޮކްޓަރުންނާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ކަކުލު ހުޅު ބަދަލުކުރި މީހާއާ ބައްދަލުކުރައްވައި އޭނާގެ ހާލު ބައްލަވާލެއްވި އެވެ.

ސިއްހީ ހިދުމަތްތައް އަވަސްކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ކަކުލު ހުޅު ބަދަލުކުރުމުގެ ސާޖަރީ، އައިޖީއެމްއެޗާ ގުޅިގެން ޓްރީޓޮޕް އަދި މެޑިކާ ހޮސްޕިޓަލުގައި ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން 100 ވަނަ މީހާ ބަލާފައިވަނީ، އެ ދެ ހޮސްޕިޓަލުގައި ވެސް ކުރި އޮޕަރޭޝަންތައް ހިމަނައިގެންނެވެ.

ޓްރީޓޮޕާއި މެޑިކާ އަށް ބަލި މީހުން ރެފާ ކުރާނީ އައިޖީއެމްއެޗުންނެވެ. އެއީ ކަކުލު ހުޅު ބަދަލުކުރުމަށް އެ ހޮސްޕިޓަލްގެ ކިއު ކުޑަކުރުމަށެވެ.

އާސަންދަ މެދުވެރިކޮށް ކަކުލު ހުޅު ބަދަލުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އޮޕަރޭޝަންކުރި 100 ވަނަ މީހާގެ ހާލު، ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވަނީ.- ފޮޓޯ: އައިޖީއެމްއެޗް

އާސަންދަ މެދުވެރިކޮށް ކަކުލު ހުޅު ބަދަލުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އޮޕަރޭޝަންކުރި 100 ވަނަ މީހާގެ ހާލު، ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވަނީ.- ފޮޓޯ: އައިޖީއެމްއެޗް

އާސަންދައިގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލުގައި ވެސް ކަކުލު ހުޅު ބަދަލުކުރުމަށް މިިދިޔަ އޮގަސްޓް މަހު ސޮއިކޮށްފައި ވެ އެވެ. އެހެން ތަންތަނާ ހިލާފަށް ސީދާ އޭޑީކޭ އަށް ދައްކައިގެން އެ ޕެކޭޖުގެ ތެރެއިން އޮޕަރޭޝަން ކުރެވެ އެވެ. އެ އޮޕަރޭޝަނަށް ކަނޑައަޅާފައިވާ ޕެކޭޖުގެ އަގަކީ 63،500ރ. އެވެ. އާސަންދައިން ދޭނީ 60،000ރ. އެވެ. އެހެންވެ ބަލި މީހާގެ އަތުން ދައްކަން ޖެހޭނީ 3500ރ. އެކަންޏެވެ.

އައިޖީއެމްއެޗުގައި އެ އޮޕަރޭޝަންގައި ހަރަކާތްތެރިވެވަޑައިގެންނެވި ޑރ. ފައިސަލް "މިހާރު" އަށް ވިދާޅުވީ މިދިޔަ ހަފުތާއާ ހަމައަށް ކަކުލު ހުޅު ބަދަލުކުރުމުގެ ވެއިޓިން ލިސްޓުގައި 215 މީހުން އެބަތިބި ކަމަށެވެ. އެ ހުރިހާ އެންމެންނާ ވެސް ގުޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގެ ތެރެއިން އައިޖީއެމްއެޗުގައި އެންމެ ފުރަތަމަ އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ތެރޭގައި ވެސް ފައިސަލް ހިމެނިވަޑައިގަންނަވަ އެވެ. މިދިޔަ ޖުލައި މަހު އެ އޮޕަރޭޝަންކުރީ، ވެއިޓިން ލިސްޓުގައި ދެ އަހަރު މަޑުކޮށްގެން އިން މީހެއްގެ ފައިގެ ހުޅު ކަމަށް ވިދާޅުވި އެވެ. އެއާ ހިލާފަށް މިއަދު ކުރީ، އޮޕަރޭޝަން ކުުރުމަށް މިދިޔަ ހަފުތާގައި ނިންމި މީހެއްގެ އެވެ.

"މިއަދު އޮޕަރޭޝަން ކުރި މީހާ ވެސް ތިން އަހަރެއް ވެއްޖެ އެކަމެއްގައި އުޅޭތާ. ކުރިން ވެސް ލަފާދިނިން ހުޅު ބަދަލުކުރަން. އެކަމަކު މިިދިޔަ ހަފުތާގައި އޭނާ ނިންމީ އޮޕަރޭޝަން ކުރަން. އެެހެންވީމަ ހަފުތާއެއްގެ ތެރޭގައި އޮޕަރޭޝަން ކަންތައް ހަމަޖެހިގެން މި ދިޔައީ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" ފައިސަލް ވިދާޅުވި އެވެ.