Roadha Mihaaru
މަނީ ލޯންޑްރިން ހުއްޓުވުމަށް ޑޭޓާ ޓްރެކިން ބޭނުންކުރަނީ

މަނީ ލޯންޑްރިން ހުއްޓުވުމަށް ސިންގަޕޫރުން ޑޭޓާ ޓްރެކިން ބޭނުން ކުރަނީ

12 ސެޕްޓެމްބަރ 2016

ސިންގަޕޫރު (ސެޕްޓެމްބަރު 12) - މަނީ ލޯންޑްރިން ހުއްޓުވުމަށް ސިންގަޕޫރުން އާ ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސިންގަޕޫރު (ސެޕްޓެމްބަރު 12) - މަނީ ލޯންޑްރިން ހުއްޓުވުމަށް ސިންގަޕޫރުން އާ ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފި އެވެ.

ސިންގަޕޫރުގެ މަރުކަޒީ ބޭންކް، މަނިޓަރީ އޮތޯރިޓީ އޮފް ސިންގަޕޫރު (އެމްއޭއެސް) ގެ މެނޭޖިން ޑިރެކްޓަރު ރަވީ މެނޮން ވިދާޅުވީ މަނީ ލޯންޑްރިން ހުއްޓުވުމަށް ޑޭޓާ ޓްރެކިން ބޭނުން ކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން މަރުކަޒީ ބޭންކުގައި މިހާރު ސާވޭލަންސް ޔުނިޓެއް ގާއިމްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަނީ ލޯންޑްރިންނާއި ގަވާއިދާ ޚިލާފަށް ހިންގާ ފައިސާގެ މުއާމަލާތްތައް ހުއްޓުވޭނީ މާލީ އިދާރީތަކުން އިޚްލާސްތެރިކަން ކުރިއަށް ނެރެގެން ކަމަށެވެ.

މެލޭޝިއާގެ އިންވެސްޓްމެންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ މައްސައިގައި ސިންގަޕޫރުގެ ބޭންކުތައް ވެސް ބައިވެރިވެފައިވެ އެވެ. ނަމަވެސް އެ މައްސަލަ އަށް މެނޮން އަލިއަޅުވާލައްވައިފައެއް ނުވެ އެވެ. މެލޭޝިއަން ޑިވެލޮޕްމަންޓް ބަރުހާދު ނުވަތަ 1އެމްޑީބީ އަކީ އެ ގައުމުގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު 2009 ވަނަ އަހަރު އުފެއްދެވި ބޭންކެކެވެ. އެ ބޭންކުގެ ޚިޔާނާތުގެ ތުހުމަތު ވަނީ ނަޖީބުގެ އިސްތަށިފުޅުގައި ވެސް އަޅުވައިފަ އެވެ. އެއީ އެ ބޭންކުން 681 މިލިއަން ޑޮލަރު ނަޖީބުގެ އެކައުންޓަށް ޖަމާކޮށްފައިވާތީ އެވެ. ތަހުގީގަށް ފަހު މެލޭޝިއާ އިން ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ދެއްވި ހަދިޔާއެއް ކަމަށެވެ.

މެލޭޝިއާ ބޭންކުގެ ބިލިއަން ޑޮލަރުގެ ޚިޔާނާތާ ގުޅިގެން އެންމެ ފުރަތަމަ ގާނޫނީ ފިޔަވަޅު އެޅި ގައުމަކީ ވެސް ސިންގަޕޫރެވެ. މަނީ ލޯންޑްރިން ހުއްޓުވުމަށް ސިންގަޕޫރުގެ މަރުކަޒީ ބޭންކުން ޚާއްސަ ޔުނިޓެއް އުފެއްދީ މިދިޔަ މަހު އެވެ. މެލޭޝިއާ ބޭންކުގެ މަނީ ލޯންޑްރިންއާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވިގެން ސިންގަޕޫރުން މިދިޔަ މަހު ވަނީ 180 މިލިއަން ޑޮލަރު ހިފަހައްޓައިފަ އެވެ.