Roadha Mihaaru

ބާ ކައުންސިލްގެ ނައިބު ރައީސަކަށް ކުރީގެ އޭޖީ މުއިއްޒު ވާދަކުރައްވަނީ

ބާ ކައުންސިލްގެ ނައިބު ރައީސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު ވާދަކުރައްވަން މިއަދު ނިންމަވައިފި އެވެ.

ބާ ކައުންސިލްގެ ނައިބުރައީސަކަށް މުއިއްޒު ވާދަކުރައްވަނީ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

03 ޖުލައި 2019

ބާ ކައުންސިލްގެ ނައިބު ރައީސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު ވާދަކުރައްވަން މިއަދު ނިންމަވައިފި އެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒުގެ ކޮއްކޮ އަބްދުﷲ މުއިއްޒަކީ، ބާ ކައުންސިލްގެ ނައިބު ރައީސަކަށް ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ. މުއިއްޒުގެ އިތުރުން މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަނަދޫ ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވެސް އެ މަގާމަށް ވާދަކުރައްވަ އެވެ.

ބާ ކައުންސިލްގެ ރައީސަކަށް ވާދަކުރައްވަނީ ކުރީގެ ނަޝީދުގެ ސަރުކާރުގައި އެޓާނީ ޖެނެރަލްކަން ކުރެއްވި ހުސްނުއް ސުއޫދާއި މައުމޫން ހަމީދެވެ. ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސަކީ ވެސް ސުއޫދެވެ.

މުއިއްޒު "މިހާރު" އަށް މިއަދު ވިދާޅުވީ އަލަށް އުފައްދާ ބާ ކައުންސިލްގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކަށް ވާނީ ގަވައިދުތަކާއި އުސޫލުތައް ކަނޑައެޅުން ކަމަށެވެ. މީގެ ކުރިން އެޓާނީ ޖެނެރަލްގައި މަސައްކަތް ކުރައްވާފައި ހުރުމުން، އެކަންކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނީ ފަންނުގެ ގާނޫނާ އެކު، ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފައްދާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު މި މަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައި، މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.