Roadha Mihaaru
ބާ ކައުންސިލަށް ސިޔާސީ ނުފޫޒެއް ނުފޯރުވޭނެ: މައުމޫން

ސިޔާސީ ނުފޫޒެއް ނުފޯރުވޭނެ، ނުފޫޒުން އެއްކިބާވާނަން: މައުމޫން

14 ޖުލައި 2019

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލުން މަސައްކަތް ކުރާނީ ނުފޫޒުން އެއްކިބާވެ ތިބެ ކަމަށް އެ ކައުންސިލްގެ ފުރަތަމަ ރައީސް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލުން މަސައްކަތް ކުރާނީ ނުފޫޒުން އެއްކިބާވެ ތިބެ ކަމަށް އެ ކައުންސިލްގެ ފުރަތަމަ ރައީސް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 1،600 ވަކީލުންގެ މެދުގައި މާލެ އާއި އައްޑޫގައި ބޭއްވި ބާ ކައުންސިލްގެ ފުރަތަމަ އިންތިޚާބުގެ ރައީސް ކަމަށް މައުމޫން ވަޑައިގެންނެވީ ކުރީގެ ބަންޑާރަ ނައިބު އަދި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދާ ވާދަކުރައްވައިގެންނެވެ.

މައުމޫން "މިހާރު" އަށް ވިދާޅުވީ ބާ ކައުންސިލްގެ މަސައްކަތްތައް ކުރަމުން އަންނަ އިރު، އެއްވެސް ބަޔަކަށް ސިޔާސީ ނުފޫޒެއް ނުވަތަ އެހެން ނުފޫޒެއް ވެސް ނުފޯރުވޭނެ ކަމަށެވެ. އަދި ބާ ކައުންސިލަކީ މިނިވަން، މުސްތަގިއްލު ތަނަކަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބާ ކައުންސިލަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެންމެ އިސްކަމެއް ދެއްވައިގެން ފުރަތަމަ ކުރައްވާނެ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން މެމްބަރަކު އައްޔަން ކުރެއްވުމެވެ. ޖޭއެސްސީ އަށް ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެމްބަރު ލަތީފާ ގާސިމްގެ މެމްބަރުކަން މިހާރު ގެއްލިފައިވާތީ އެ މަގާމު އޮތީ ހުސްކޮށެވެ.

"އަޅުގަނޑު ވަރަށް މަރުހަބާ ދަންނަވަން ދެން ހޮވިވަޑައިގެންނެވި ބޭފުޅުންނަށް. އެ ހުރިހާ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް. އަޅުގަނޑުމެންގެ އޮތީ އެއް މަގްސަދެއް،" ސިޔާސީ ބައެއް ބޭފުޅުންގެ ދިފާއުގައި ކުރިން ކޯޓުތަކުގައި ވަކާލާތު ކުރެއްވި މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑެއް ހަމަ ގައިމުވެސް އެއްވެސް ފަރާތަކަށް ބުރައެއް ނުވާނަން."

މައުމޫން ވިދާޅުވި ގޮތުގައި ގާނޫނީ ފަންނުގެ ބިލް، ގާނޫނަކަށް ވުމާ ގުޅިގެން ބާ ކައުންސިލާ ހަވާލުކޮށްފައި ވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އެހެންވެ، ގާނޫނުގައި ބާ ކައުންސިލަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުގައި ވަކީލުންގެ މަސްލަހަތު ވެސް އެބަ އޮތް. އަޅުގަނޑު މަސައްކަތް ކުރާނީ ގާނޫނުގައި އޮތް ގޮތަށް ބަސް ބުނުމަށާއި ކަން ކުރުމަށް. ބާ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ވަކީލުންގެ ހައްގުގައި ފަސް ޖެހުމެއް ނެތި މަސައްކަތް ކުރާނަން،" މައުމޫން ވިދާޅުވި އެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ހޮވިވަޑައިގެންނެވި އިރު، ނައިބު ރައީސްގެ މަގާމަށް ތަފާތު ބޮޑު ނަތީޖާއަކުން ހޮވިވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. އޭނާއާ ވާދަކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

މި ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލެއްވި އެވެ. އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ މުހައްމަދު ފައިސަލް، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަނާރާ ނައީމް، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ސުޖޫން މުހައްމަދު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އަބްދުލް މާނިއު ހުސެއިން އެވެ.