Roadha Mihaaru
މެޗު ލަސްކޮށްގެން ކުޅުމަކީ މޮޅު ކަމެއް ނޫން: ސުޒޭން

މެޗު ލަސްކޮށްގެން ކުޅުމަކީ މޮޅު ކަމެއް ނޫން: ސުޒޭން

04 ޖުލައި 2019

އިދިކޮޅު ޓީމު ކުޅުނަނުދީ މެޗު ލަސްކޮށްގެން ނަތީޖާ ނެރުމަކީ އޭނާ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި ފުޓްބޯޅައިގެ ރޫހަށް ބަލާއިރު އެއީ މޮޅު ކަމެއްގެ ގޮތުގައި ގަބޫލުނުކުރާ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އިދިކޮޅު ޓީމު ކުޅުނަނުދީ މެޗު ލަސްކޮށްގެން ނަތީޖާ ނެރުމަކީ އޭނާ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި ފުޓްބޯޅައިގެ ރޫހަށް ބަލާއިރު އެއީ މޮޅު ކަމެއްގެ ގޮތުގައި ގަބޫލުނުކުރާ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ބޮޑު ހަރަދުކޮށްގެން ސީޒަނަަކަށް ތައްޔާރުވާ ޓީމަކަށް އޮންނާނެ ގޮތަކީ މޮޅަށް ކުޅެގެން ނަތީޖާ ނެރުން ކަމަށެވެ. އެކަމަކު ދެން ނުކުންނަ، ތައްޔާރީގެ ގޮތުން ތަންކޮޅެއް އާދައިގެ ޓީމުތަކުން މެޗު ލަސްކޮށްލައިގެން ނަތީޖާ ނެރެން އުޅޭ ނަމަ ލަދުގަންނަންޖެހޭ ކަމަށާއި އެކަންތައްތައް މީޑިއާ އިން ވެސް ފާހަގަކުރަންޖެހޭނެ ކަމަށް ބުންޏެވެ.

"ލަސް ކުރުމަކީ ވެސް ޓެކްޓިކްސްގެ ބައެއް ކަމަށް ބައެއް މީހުން ބުނަނީ. ދެން އެހެންވީމަ ހަވީރު ކުޅޭ މެޗެއްގައި ފަހު ހާފުގައި ކޯޗު ކުޅުންތެރިންނާ ހަވާލުކޮށްފައި މި އޮންނަނީ ކޮންމެ ކުޅުންތެރިއަކު ވާނެއޭ ދެ ފަހަރު ސްޓެޗަރުގައި ފައިބަން. އެހެންވީމަ އިޝާ ނަމާދަށް ވެސް މެޗު ނުނިމޭނެ. މި ކަހަލަ ޓެކްޓިކްސް ބޭނުންކޮށްގެން މެޗުތައް ހަލާކުކުރާއިރު ވެސް ކޮންތާކުބާއޭ ޓެކްޓިކްސްގެ ވާހަކަ ދައްކާ މީހުން ތިބީ. މީޑިއާ ވެސް އެބަޖެހޭ މިކަން ފާހަގަކުރަން،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ކޮންމެ ކަމެއް ވެސް ފަށައިގެން ކުރާއިރު އެކަމަށް އެހެން ބަޔަކު އެއްބާރުލުންދީގެން ކުރުވާ ނަމަ އެއީ އާދަޔަކަށްވާނެ ކަމަށެވެ. އެގޮތަށް ވިސްނާއިރު މެޗުތައް ލަސްކޮށް ފުޓްބޯޅަ ހަލާކުކުރަން ފުރުސަތު ދިނުން އޭނާ ގަބޫލުކުރާ ފުޓްބޯޅައިގެ އުސޫލާ ހިލާފު ކަަމަށެވެ. ސުޒޭން ވަނީ މެޗުތައް ލަސްކުރަން ބޭނުންކުރާ ކަންތައްތަކާ ބެހޭގޮތުން މިސާލެއް ވެސް ދައްކައިފަ އެވެ.

"މިސާލަކަށް އަޅުގަނޑުމެންނަށް އުނދަގޫ ކަށްގަނޑު ފަޅައިގެން ގޮސްފައި ހުންނަ ފަޓުލޫނެއް ލައިގެން އުޅެން. އެއީ ފަޅައިގެން ގޮސްފައި އިންކަން އަމިއްލަ އަށް އެނގެންޏާ ހުންނާނެ އުނދަގޫ ގޮތެއް ވެސް. އެހެން މި ވާން ފެށީ އެއީ ހަޑި ކަމެއްގެ ގޮތުގައި ބަޔަކު ފާހަގަކުރީމަ. އެކަމަކު ކުއްލިއަކަށް ސޯޝަލް މީޑިއާގައި އެއީ މަޖާ މޮޅު ކަމެއް ކަމަށް ހަދާފައި ޓިކްޓޮކް ކަހަލަ އެއްޗެއްސަށް ލާން ފަށައިފި ނަމަ މާދަމާ ނޭނގެ އެންމެން ކަށްގަނޑު ފަޅައިގެން ގޮސްފައި ހުރި އެއްޗެއް ކަމެއް ލާނީކީ ވެސް،" މެޗު ލަސްކުރުން ޕްރޮމޯޓްކުރާ މީހުންނަށް އިޝާރާތްކޮށް ސުޒޭން ބުންޏެވެ.

ގްރީން ސްޓްރީޓްސް އެންމެ ފަހުން ކުޅުނު މެޗުގައި 2-0 އިން ޓީސީއާ ދެކޮޅަށް ކުރީގައި އޮއްވައި އެ ޓީމުން ނަތީޖާ ހަމަހަމަކުރީ ފަހު 20 މިނިޓް ތެރޭގައި ޖެހި ދެ ގޯލުންނެވެ. ސުޒޭން ބުނީ އޭނާ އަކީ މެޗު ލަސްކުރާ ކޯޗެއްނަމަ އެ މެޗުގައި އެކަން ކުރެވުނީސް ކަމަށާއި އެ ގޮތަށް އޭނާ އެކަން ނުކުރަނީ ކުޅުންތެރިން ފުޓްބޯޅައާ މެދު ދެކޭ ވިސްނުން ރަނގަޅު ގޮތުގައި ބެހެއްޓުމަށް ކަމަށެވެ.

"މެޗެއްގައި ލަސްކޮށްގެން އިތުރު ވަގުތުގައި އެ ހަދާ ދެ ސަބްސްޓިޓިއުޝަން ހަދައިގެން އެ ލިބޭ ތިން ޕޮއިންޓް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު ބޭނުންވަނީ މެޗެއްގައި ފުޓްބޯޅަ ކުޅެގެން އެ ލިބޭ ތިން ޕޮއިންޓް. ދުވަހަކު ވެސް ނުހުންނާނެ ކަނޑައެޅިގެން ކުޅުންތެރިއަކު އަނިޔާއެއް ވެގެންނޫނީ އިތުރު ގަޑީގައި ބަދަލުކޮށްގެން މެޗު ލަސްކުރަން އުޅެފައި،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ އެހެން ބައެއް ދިވެހި ކޯޗުން ފަދަ ސައިންޓިފިކް ޓެކްޓިކްސް އަށް މޮޅު މީހެއް ނޫން ކަަމަށާއި އެކަމަކު ހަގީގަތުގައި ފުޓްބޯޅައިގެ ވާހަކަ ދައްކާ ނަމަ އިދިކޮޅު ޓީމު ކުޅޭ ގޮތަށް ބަލައިގެން މެޗުތެރެއިން ކަންތައްތަކެއް ހާސިލްކުރުމުގައި އެންމެ މަދުން ގޯސްހެދިފައި ހުންނާނެ މީހަކީ އޭނާ ކަމަށެވެ.

މާޒިޔާ އާއި ވިކްޓްރީ އަށް ކާމިޔާބީތަކެއް ހޯދައިދިން ސުޒޭން ބުނީ ލީގުގައި މި ފަހަރު އަލަށް ވާދަކުރާ ދަ ގްރާންޑޭ އިން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައި އޮތުމަކީ އެ ޓީމުގެ ކޮންފިޑެންސަށް ރަނގަޅު ކަމެއް ކަަމަށާއި އެކަމަކު ގްރީން ސްޓްރީޓްސް ހަމަޖެހިލައިގެން ކުޅެފިނަމަ މި މެޗުން ބޭނުންވާ ޓާގެޓަށް ވާސިލްވެވޭނެ ކަމަށެވެ.

"ދަ ގްރާންޑޭ އަށް އެބައޮތް ހަމަޖެހިލައިގެން ކުޅެވެން. ގްރީން ތެޅިފޮޅި ވިސްނަންޖެހޭނެކަމެއް ނެތް ރަނގަޅު މެޗަކަށް ދިޔައީމަ ރަނގަޅުވާނެ. ގްރީންގެ މި ވަގުތުގެ ޓާގެޓަކީ ބްރޭކުގެ ކުރިން ހަމައެކަނި މި އޮތް މެޗު ނަގައިގެން ކުރަން ހުރި ވަރަށް މަސައްކަތްތަކެއް ކޮށް ރަނގަޅަށް ޓިމު ބައްޓަން ކޮށްލުން. އެ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރަކަށްވާނެ ދަ ގްރާންޑޭ މެޗުގެ ތިން ޕޮއިންޓް،" ސުޒޭން ބުންޏެވެ.

ދަ ގްރާންޑޭގެ ޕްރެކްޓިހުގެ ތެރެއިން އިންމަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަ ގްރާންޑޭގެ ޕްރެކްޓިހުގެ ތެރެއިން އިންމަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި ދަ ގްރާންޑޭ އޮތްއިރު މިރޭގެ މެޗުން މޮޅުވެގެން ބްރޭކަށްދާއިރު އެ ޓީމަށް އެއް ވަނަ މަގާމު ދެމެހެއްޓޭނެ އެވެ. ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗުތަކުން މޮޅުވަމުން ދިއުުމުން ކޮންފިޑެންސް ރަނގަޅުވާނެ ކަމަށާއި އެކަމަކު ދަ ގްރާންޑޭ އިން އަބަދުވެސް ކުޅޭނީ އިދިކޮޅު ޓީމަށް ދޭންޖެހޭ ފުރިހަމަ އިހުތިރާމް އަބަދުވެސް ދީގެން ކަމަށެވެ.

ލީގުގައި ދަ ގްރާންޑޭ މިހާތަނަށް ކުޅުނީ ފ. ނިލަންދޫ، ވިކްޓްރީ، ށ. ފޯކައިދޫ އަދި ޔުނައިޓެޑް ވިކްޓްރީ އެވެ. އިންމަ ބުނީ ކުޅުންތެރިންގެ ގޮތުން ބަލާއިރު މި ޓީމުތަކަކީ އެންމެ ވަރުގަދަ ޓީމުތައް ނޫން ކަމުގައި ވިޔަސް ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓްރީ އަތުން ހޯދުނީ ރަނގަޅު މޮޅެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެ ފަދަ މެޗުތަކުން ލިބުނު މޮޅަކީ ގްރީން ސްޓްރީޓްސް ކަހަލަ ވަރުގަދަ ޓީމަކާ ބައްދަލުކުރާއިރު ލިބޭނެ ހިތްވަރެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ކުރިން ކުޅުނު މެޗުތަކުގައި ވާދަކުރީ މި ވަގުތު ނަމުގެ ގޮތުން މާ މަޝްހޫރު ޓީމުތަކަކާއެއް ނޫން. އިދިކޮޅަށް ނުކުންނަ ޓީމަކީ އެ ފެންވަރުގެ ޓީމަކަށް ނުވިޔަސް މޮޅުވުމުގެ ފުރުސަތު އޮންނާނެ. އަޅުގަނޑުމެންނަކީ ފޭވަރިޓެއް ނޫން. ލީގަށް އާ ޓީމެއް. އެކަަމަކު ބަލި ޓީމަށް ވެސް މޮޅުވުމުގެ ގޮތްތަކެއް ނޫނީ ހިފެހެއްޓުމުގެ ގޮތްތަކެއް ވެސް ހުންނާނެ،" ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން އިންމަ ބުންޏެވެ.

އޭނާ ބުނީ ދަ ގްރާންޑޭގެ ފަރާތުން ރަނގަޅުކުރަން ފެންނަ ކަމަކީ މިހާރަށް ވުރެ ބޮޑަށް ކުޅުންތެރިން ދަނޑުމަތީގައި ނަތީޖާ ނެރެން ކުރާ މަސައްކަތް އިތުރުކޮށްލުން ކަމަށާއި އެކަންކޮށްފިނަމަ ކުރިއަށް ހުރި މެޗުތަކުގައި ވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"ހުރިހާ ކުޅުންތެރިން ވެސް ދަނޑުމަތީގައި ހުރިހާ އެއްޗެއް އެބަދޫކޮށްލާ. އަޅުގަނޑުމެން ކަހަލަ ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވީ ޓީމަކާ އަަޅާބަލާފައި. އޮޕޯނެންޓަށް އިހުތިރާމްނުކޮށް ގަދަކަން ދައްކަން އުޅެގެން ނަތީޖާ ނުނެރެވޭނެ. އޭގެ ބަދަލުގައި އެންމެ މުހިއްމު އެއްޗަކަށް އިންނާނީ އެހެން ލެވެލަކަށް ދާނަމަ މިހާރަށް ވުރެ ވެސް މަސައްކަތުގެ ރޭޓް ރަނގަޅުކުރުން. ޕާފޯމަންސް ލެވެލް މައްޗަށް ނެގުން،" އިންމަ ބުންޏެވެ.

"އިރާދަކުރެއްވިއްޔާ މި ނުކުންނަނީ ހުރިހާ ކުޅުންތެރިން އެކައްޗެއް ކިޔައިގެން ރަނގަޅު ނަތީޖާއެއްގެ އުއްމީދުގައި."

ގްރީން ސްޓްރީޓްސް އިން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ބަލިވެފައިވާއިރު، އެ ޓީމުގެ އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.