މަސްވެރިކަމުގެ ފައިދާ މަސްވެރިންނަށް ހޯދައިދެވޭނެ ގޮތްތަކާ ގުޅޭގޮތުން ޚިޔާލުހޯދުމަށް ގދ. ތިނަދޫގައި މިރޭ ބޭއްވި ބައްދަލުވުމުގައި، މަސްވެރިންނާއި އާއްމުން ގިނަ ކަންބޮޑުވުންތަކެއް ހުށަހަޅައިފި އެވެ. އެ ކަންކަމަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މައްސަލަތައް ހައްލުކޮށްދެއްވައި މަސްވެރިންނަށް ލުއި ފަސޭހަ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
13 ޖުލައި 2019
މަސްވެރިކަމުގެ ފައިދާ މަސްވެރިންނަށް ހޯދައިދެވޭނެ ގޮތްތަކާ ގުޅޭގޮތުން ޚިޔާލުހޯދުމަށް ގދ. ތިނަދޫގައި މިރޭ ބޭއްވި ބައްދަލުވުމުގައި، މަސްވެރިންނާއި އާއްމުން ގިނަ ކަންބޮޑުވުންތަކެއް ހުށަހަޅައިފި އެވެ. އެ ކަންކަމަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މައްސަލަތައް ހައްލުކޮށްދެއްވައި މަސްވެރިންނަށް ލުއި ފަސޭހަ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ޖަޒީރާ ހޮޅުއަށި"ގެ ތިން ވަނަ ބައްދަލުވުން ހާއްސަކުރީ މަސްވެރިކަމާ ގުޅޭގޮތުންނެވެ. ތިނަދޫގައި ބޭއްވި ބައްދަލުވުމުގައި ގިނަ ބަޔަކު ބައިވެރިވެ، އެމީހުންނަށް ދިމާވާ މައްސަލަތައް ހިއްސާކޮށްފައިވެ އެވެ. އެގޮތުން މަސް ފެކްޓްރީ އާއި އައިސް ޕްލާންޓާއި މަސްވެރިންނަށް މިހާރު ހުރި ފުރުސަތާ ގުޅޭގޮތުން ސުވާލުތައް ކުރިމަތިކުރި އެވެ.
ޚިޔާލު ފާޅުކުރި ގިނަ މީހުން ވަނީ، މިދިޔަ ޑިސެމްބަރު މަހު ސަރުކާރުން ތައާރަފުކުރި "މަސްވެރިޔާ ކާޑު"ގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދީފައިނުވާ ކަމަށް ބުނެފަ އެވެ. އަދި މަސްވެރިކަމުގެ މަސައްކަތްތަކަށް ދޫކުރަމުން އަންނަ ލޯނުގެ މައުލޫމާތުތައް ވެސް ނޭނގޭ ކަމަށް ބުނެފައިވެ އެވެ. އެކަންކަމަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ، އާއްމުންނަށް މައުލޫމާތުދީ އެކަން ރަނގަޅުކުރުމަށް ސަމާލުކަން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
ތިނަދޫގައި މިރޭ ބޭއްވި "ޖަޒީރާ ހޮޅުއަށި"ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ)، ނައިބު ރައީސް ފައިސަލް ނަސީމް އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ބައިވެރިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ގދ. ހޯޑެއްދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒް އިން ހިދުމަތް ނުލިބޭތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އެތަން އަލުން ފަށައިގަތުމުން ފަސޭހަތަކެއް ލިބޭނެކަން، ހިޔާލުފާޅުކުރި ގިނަ މީހުން ބުނެފައިވެ އެވެ. އެކަކު ވަނީ ހޮރައިޒަން ސަރުކާރުގެ ދަށަށް ބަދަލުކުރުމަށް އެދިފަ އެވެ.
ރައީސް ވަނީ އެތަނުގެ މަސައްކަތްތައް ހުއްޓިފައި އޮތް ސަބަބު ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މަސްވެރިކަމުގައި ބިދޭސީން ހަރަކާތްތެރިވުމާ ގުޅޭގޮތުން ވެސް ބައެއް މީހުންގެ ހިޔާލު ތަފާތެވެ. މަސްދޯނި ފަހަރު ބޮޑުވުމުގެ ސަބަބުން އެ ދޯނިފަހަރު ސާފުކޮށް ރަނގަޅަށް ބަލަހައްޓަން ބިދޭސީން ބައިތިއްބަން ޖެހޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. ނަމަވެސް ގާނޫނުގެ ތެރެއިން އެކަމަށް ހައްލު ގެނެސްދިނުމަށް ވަނީ އެދިފަ އެވެ. ބައެއް މީހުން ވަނީ މަސްވެރިކަމުގައި ބިދޭސީން ހަރަކާތްތެރިވާތީ އެކަން ބަލައިދިނުމަށް އެދިފަ އެވެ.
އެ މަސައްކަތަކީ ދާއިމީކޮށް ނަފާވާނެ ކަމަކަށް ހެދުމާއި މަސްވެރިކަމަށް ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމަށް ވެސް އެދިފައިވެ އެވެ. ރައީސް ވިދާޅުވީ އެއީ މަޝްވަރާކުރަން ރަނގަޅު ކަމެއް ކަމަށާއި ރަނގަޅު ގޮތެއް ހޯއްދަވައިދޭނެ ކަމަށެވެ.
ތިނަދޫގައި މިރޭ ބޭއްވި "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމުގައި އާއްމުންގެ މީހަކު ހިޔާލު ހުށަހަޅަނީ.-- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ ފެލިވަރަށް 40 އަހަރު ވެގެންދިޔައިރު ވެސް ކެޕޭސިޓީ އަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. ކޫއްޑު އަށް 30 އަހަރު ވެގެންދާއިރު ވެސް ޖާގަ އިތުރުކޮށްފައިނުވާ ކަމަށާއި ހަގީގީ މައްސަލައަކީ އެއީ ކަމަށް ވިދާޅުވި އެވެ.
ދަޅުގައި މަސް ބަންދުކޮށްގެން އެ ވިއްކަން ކުރިން ބޭނުންނުވީ ކަމަށާއި ހުރިގޮތަށް މަސް ބަންދުކުރުމުން އެއިން ފައިދާވާ ބަޔަކު ވެސް ތިބި ކަމަށް ވިދާޅުވި އެވެ. އޭގެ ފައިދާ މިހާރު ވެސް ނަގަމުންދާ ކަމަށާއި އެއަށް ބަދަލު ގެންނަން ޖެހޭކަމަށް ވިދާޅުވި އެވެ.
"ރާއްޖެ އަށް ބާނާ މަސް އޭގެ ހެޔޮގޮތުގައި، ރަނގަޅުގޮތުގައި ކޭން ކުރެވިގެން (ދަޅުގައި ބަންދުކޮށްގެން)، އަދި އިތުރު ގޮތްގޮތް ހަދައިގެން އެއަށް ލިބޭ ބޮޑު އަގު. އެކަން ނުކުރި ސަބަބު މައްސަލައަކީ. މަސްވެރިކަން މި ހިސާބުގައި އޮތް ސަބަބު. އެހެން ނޫންނަމަ ޓޫރިޒަމާ އެއްވަރުގައި މަސްވެރިކަމުގެ ސިނާއަތުން ވަންނަ އާމްދަނީ ދައުލަތަށް ވެސް ރައްޔިތުންނަށް ވެސް އޮންނާނެ،" ނައިބް ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުުވުމުގައި ރައީސް ވިދާޅުވި އެވެ.
މަސްވެރިންގެ ގޮތުގައި ފިޝަރީޒްގައި ރަޖިސްޓްރީކޮށްފައިވަނީ 9،000 މީހުންނެވެ. ލިސްޓު ނުކޮށް، ފަރުމަހާއި އެހެން މަސްވެރިކަމުގައި އިތުރު 5،000 އުޅޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ތިނަދޫގައި މިރޭ ބޭއްވި "ޖަޒީރާ ހޮޅުއަށި"ގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
"މަސްވެރިންގެ ފަރާތުން އަންނަ ޝަކުވާތައް އަޅުގަނޑުމެން އަޑުއަހަމުން މި ގެންދަނީ. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް އަޑުއަހައި ގެންނަންޖެހޭ ބަދަލުތައް ގެންނާން،" ރައީސް ވިދާޅުވި އެވެ.
މަސްވެރިންގެ ކަންބޮޑުވުމާ އެކު އޮޑެގައްލާގައި ރިސޯޓު ނުހަދަން ނިންމި ނިންމުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ހުވަދު އަތޮޅު ހިމެނޭ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރެވުމުން ބޮޑު ކަންނެލީގެ މަސްވެރިކަމަށް ހެޔޮ އަގު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ސަރުކާރުގެ ސިޔާސަތުގައި އެ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓު އެޅުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ބޮޑު އަގު ލިބޭ ގޮތަށް މިފްކޯއަށް ބަދަލު ގެންނަންޖެހޭ
މަހުގެ އަގު އަންނަ އަހަރު މަތިވާން ފަށާނެ: ރައީސް
ޒަހާގެ މައްސަލައިގެ ބަހުސް މިރޭ
ޖަޒީރާ ހޮޅުއަށި މިރޭ ތިނަދޫގައި، ރައީސް ބައިވެރިވާނެ
މަސްވެރިންގެ ދުވަހުގެ ހަފްލާއަށް ރައީސް ވަޑައިގަންނަވަނީ
އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކޮށްފި
މުލަކުގައި ކޯލްޑް ސްޓޯރޭޖެއް ހަދަން ސައުދީގެ ބަޔަކަށް
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
މަސްވެރިން އޮކްޓޯބަރު 1ގެ ކުރިން ދަފްތަރުވާން ޖެހޭ
މިޔަރު ބޭނުމުން ލިބޭނެ ގެއްލުން މާ ބޮޑު: ޖަމިއްޔާތައް