Roadha Mihaaru
ޒަހާގެ މައްސަލައިގެ ބަހުސް މިރޭ

މިނިސްޓަރު ޒަހާ، ޒިންމާ އަދާނުކުރެއްވި ކަމަށް ބުނާ މައްސަލައިގެ ބަހުސް މިރޭ

01 ޖޫން 2020

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ޒިންމާ އަދާނުކުރެއްވި ކަމަށް ބުނާ މައްސަލައިގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިރޭ ޖަލްސާގައި އޮންނާނެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ޒިންމާ އަދާނުކުރެއްވި ކަމަށް ބުނާ މައްސަލައިގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިރޭ ޖަލްސާގައި އޮންނާނެ އެވެ.

މަޖިލީހުގެ ވެބްސައިޓުގައިވާ ގޮތުން، މިރޭ 11:30 ގައި ޖަލްސާއެއް ބާއްވަނީ ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނުހަދާ ހުރި މައްސަލައިގައި މިދިޔަ މަހުގެ އަށްވަނަ ދުވަހު މަޖިލީހުގެ ގަވާއިދު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން އެ ކޮމިޓީގެ ރިޕޯޓުގެ ބަހުސަށެވެ.

ކޮމިޓީގެ ނިންމުމުގައި ބުނެފައި ވަނީ، ސެޕްޓެމްބަރު 16، 2019 ގައި ތަންފީޒުކުރި މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ނުހެދި ލަސްވުމުން، ފިޝަރީޒް މިނިސްޓްރީ އަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާނުކުރާ ކަމަށެވެ. އެކަމުގައި ފިޝަރީޒް މިނިސްޓްރީން ގާނޫނާ ހިލާފުވެފައިވާ ކަމަށް ކޮމިޓީން ގަބޫލުކުރާ ކަމަށާއި ޒަހާ ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ޒިންމާ ނަންގަވާފައިނުވާ ކަމަށް ވެސް، އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވެ އެވެ.

"މި މައްސަލައާ ގުޅިގެން ކޮމެޓީއަށް ލިބިފައިވާ މައުލޫމާތުތައް ހިމަނައި ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން މި މައްސަލަ ނިންމަވައި ދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ކޮމެޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމެޓީން ނިންމި އެވެ،" ދިރާސާ ރިޕޯޓުގައި ވެ އެވެ.

"ވީމާ ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަކަށް މި ރިޕޯޓާމެދު ގޮތެއް ނިންމަވައި ދެއްވުމަށްޓަކައި މި ރިޕޯޓު ތިޔަ މަޖިލީހަށް ހުށަހަޅަމެވެ."

މަސްވެރިކަމުގެ ގާނޫނުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގަވައިދުތައް ހަދަން ޖެހެ އެވެ. އޭގެ އިތުރުން މަސްވެރިކަމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރަންޖެހެ އެވެ.

އެ މައްސަލައާ ގުޅިގެން ގަވާއިދު ކޮމިޓީގައި ފިޝަރީޒް މިނިސްޓްރީން ބުނީ ގަވައިދުތައް ހެދުން ލަސްވެފައިވަނީ މެނޭޖްމަންޓް ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތްތައް ކުރަމުން އަންނާތީ ކަމަށެވެ. މެނޭޖްމަންޓް ޕްލޭން ހެދުމަށް މަދުވެގެން ދެ އަހަރު ބޭނުންވާނެ ކަމަށް ބުންޏެވެ. ގަވައިދުތައް ނުހެދި ލަސްވާ އަނެއް ސަބަބެއް ކަމަށް ކޮމިޓީގައި މިނިސްޓްރީން އޭރު ބުނެފައިވަނީ އެކަމަށް ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމާއި ވަސީލަތްތައް ނެތުމުގެ ދަތިކަމެވެ.

މަސްވެރިންގެ ހާލަތު ނުބަލައި މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމުގައި ފިޝަރީޒް މިނިސްޓްރީ ފެއިލްވެފައިވާ ކަމަށް ބުނެ މިނިސްޓަރުގެ މަގާމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޒަހާ އިސްތިއުފާ ދެއްވުމަށް މީގެ ކުރިން ވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މެމްބަރުން ގޮވާލައްވާފައި ވެ އެވެ.

ރާއްޖޭގެ ކަނޑުތަކުގައި އާދަޔާ ހިލާފަށް މިޔަރު ގިނަވެ، މަސްވެެރިންނަށް އުނދަގުލަކަށް ވެފައިވާ ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރާ މެދު ބަހުސްކުރައްވަމުން މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ މިދިޔަ މާޗު މަހު ވިދާޅުވީ، މަސްވެރިންގެ ހައްގުތައް ހޯދައި ނުދެވިގެން އުޅެނީ "ސީދާ މިނިސްޓަރާ ހެދި" ކަމަށެވެ. ފިޝަރީޒް މިނިސްޓަރު ޒަހާ ވަނީ ފެއިލްވެފައިވާ ކަމަށާއި އެ މިނިސްޓަރާ އެކު ކުރިއަށް ދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފިޝަރީޒް މިނިސްޓާ ފެއިލްވެއްޖެ. ފިޝަރީޒް މިނިސްޓަ ބޮޑުތަނުން ފެއިލް ވެއްޖެ. މަސްވެރިންގެ ހައްގުތައް ހޯދައި ނުދެވިގެން އުޅެނީ ހަމަ ސީދާ މިނިސްޓަރާ ހެދި. އެެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންނަށް އެ މިނިސްޓަރު ގޮވައިގެން ކުރިއަށް ދެވިދާނެ ކަމަކަށް،" ރާއީ ވިދާޅުވެފައި ވެ އެވެ.