Roadha Mihaaru
ބާ ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަށައިފި

ބާ ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަށައިފި

13 ޖުލައި 2019

ބާ ކައުންސިލް އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބާ ކައުންސިލް އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ 1،600 ވަކީލުންގެ މެދުގައި އެ އިންތިޚާބު ބާއްވަނީ ހަމައެކަނި މާލެ އާއި އައްޑޫގަ އެވެ. އެ އިންތިޚާބުގެ ވޯޓުލުން މާލޭގައި ކުރިއަށް ދަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒު ހުންނަ ބާ ޖަމާލުއްދީންގަ އެވެ. އައްޑޫގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ޝަރަފުއްދީން ސްކޫލްގަ އެވެ. މާލޭގައި ދެ ވޯޓު ފޮއްޓެއް ބަހައްޓާ އިރު، އައްޑޫގައި ބަހައްޓަނީ އެއް ވޯޓު ފޮއްޓެވެ.

މި އިންތިޚާބުގައި ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި މައުމޫން ހަމީދެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. އޭގެ އިތުރުން އެގްޒެކަޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލެއްވި އެވެ.

ބާ ކައުންސިލް އިންތިޚާބަށް ހަމަޖައްސާފައިވަނީ 1.2 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބާ ކައުންސިލް އިންތިޚާބުގައި މީހަކު ވޯޓުލަނީ: ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރާނެ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ބާ ކައުންސިލް އިންތިޚާބުގައި މީހަކު ވޯޓުލަނީ: ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރާނެ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރުމަށް ފަހު، ރަސްމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ އެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.