Roadha Mihaaru
ބާ ކައުންސިލްގެ ރައީސްކަން މައުމޫނަށް

ބާ ކައުންސިލްގެ ރައީސްކަން މައުމޫނަށް، ނައިބަކަށް މުއިއްޒު

13 ޖުލައި 2019

ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ ރައީސްކަމަށް މައުމޫން ހަމީދު އިންތިޚާބުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ ރައީސްކަމަށް މައުމޫން ހަމީދު އިންތިޚާބުވެއްޖެ އެވެ.

ރާއްޖޭގެ 1،600 ވަކީލުންގެ މެދުގައި އިންތިޚާބު ބޭއްވީ މާލެ އާއި އައްޑޫގަ އެވެ. އެއީ މާލޭގައި ދެ ފޮއްޓާއި އައްޑޫގައި ފޮއްޓެކެވެ.

އިންތިޚާބުގައި މައުމޫން ކުރި ހޯއްދެވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާ ވާދަކުރައްވަ އެވެ. މިހާތަނަށް ގުނި ވޯޓުން އޭނާ އަށް 267 ވޯޓު ލިބިވަޑައިގެންފައިވެ އެވެ. ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ސުއޫދަށް މިހާތަނަށް ލިބިވަޑައިގަތީ 196 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ކަށަވަރެއް ނުވެ އެވެ. ނަމަވެސް އެ ފޮށީގެ ނަތީޖާ އިން ސުއޫދަށް ކުރި ހޯއްދެވޭނެ ކަމަކަށް ނުފެނެ އެވެ.

ނައިބު ރައީސްގެ މަގާމަށް ތަފާތު ބޮޑުކޮށް ކުރީގައި އުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. އޭނާއާ ވާދަކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

މި ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލެއްވި އެވެ. އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެ މަގާމުތަކަށް އިންތިހާބުވި ހުރިހާ ބޭފުޅުން އަދި ކަށަވަރުވާ ވަރަށް ވުރެ ވޯޓުގެ ފަރަގު ކުޑަ އެވެ. ނަމަވެސް މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ މުހައްމަދު ފައިސަލް، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަނާރާ ނައީމް، ސިވިލް ކޯޓުގެކުރީގެ ގާޒީ އައިޝާ ސުޖޫން މުހައްމަދު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އަބްދުލް މާނިއު ހުސެއިން އެވެ.

ބާ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންގެ ދައުރަކީ ތިން އަހަރެވެ. އަދި ދެ ދައުރަށް ވުރެ ގިނައިން އެ ކޮމިޓީގައި ނުހިމެނޭނެ އެވެ. އަދި ރައީސް ކަމަށް އިންތިހާބުކުރާ މީހަކަށް އެ މަގާމު އަދާކުރެވޭނީ އެއް ދައުރަށެވެ. ބާ ކައުންސިލް ހިންގަން ދައުލަތުން ބަޖެޓް ދިން ނަމަވެސް އެ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންނަށް އެއްވެސް މުސާރައެއް އަދި މާލީ އިނާޔަތެއް ވެސް ނުލިބޭނެ އެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި ގާނޫނީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަކީ ބާ ކައުންސިލުން ކުރަންޖެހޭ ކަންކަމެވެ.