Roadha Mihaaru
އަޅުގަނޑު ބަލައިނުގަތީ ކަންކަމަށް ފާޑުކިޔާތީ: ސުއޫދު

އަޅުގަނޑު ބަލައިނުގަތީ ކަންކަމަށް ފާޑުކިޔާތީ: ސުއޫދު

14 ޖުލައި 2019

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ ރައީސްކަމުގެ އިންތިޚާބުން ނާކާމިޔާބުވީ އެކި ކަންކަމަށް ފާޅުގައި ފާޑު ވިދާޅުވާތީ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ ރައީސްކަމުގެ އިންތިޚާބުން ނާކާމިޔާބުވީ އެކި ކަންކަމަށް ފާޅުގައި ފާޑު ވިދާޅުވާތީ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ސުއޫދަށް އެ އިންތިޚާބު ނާކާމިޔާބުވީ މައުމޫން ހަމީދާ ވާދަކުރައްވަ އެވެ. ވަކީލުންގެ މެދުގައި އިއްޔެ ބޭއްވި އެ އިންތިޚާބުގައި މައުމޫނަށް 543 ވޯޓް ލިބިވަޑައިގަތްއިރު ސުއޫދަށް ލިބިވަޑައިގަތީ 401 ވޯޓެވެ.

ނާކާމިޔާބުވި ސަބަބާ ގުޅޭގޮތުން ސުއޫދު ވިދާޅުވީ އިންތިޚާބު ކާމިޔާބުވީ "މީހުން ބަލައިނުގަންނާތީ" ކަމަށާއި ނަމަވެސް ސީދާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމާ ގުޅޭގޮތުން ފާޅުގައި ވާހަކަ ދައްކަވާ ސުއޫދު ވިދާޅުވީ ކަންކަމަށް ފާޑު ވިދާޅުވާތީ ބައެއްގެ ހިތްހަމަނުޖެހުން ހުރުން އެކަށީގެންވާ ކަމަށެވެ. އަދި އެއީ އިންތިޚާބު ނާކާމިޔާބުވި އެއް ސަބަބު ކަމަށް ވެދާނެ ކަމަށް ވިދާޅުވި އެވެ.

"ޕްރޮސިކިއުޓަރުން ކުރާ ކަންކަމަށް ވެސް ފާޑު ކިޔާ މީހެއް އަޅުގަނޑަކީ. އެކަންކަމާ އެ ބޭފުޅުން ހިތްހަމަނުޖެހުން އެކަށީގެންވޭ،" ރާއްޖޭގެ ގާނޫނީ ދާއިރާއާ ގުޅޭ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ނިސްބަތްވާ އައްޑޫ ސިޓީ ވޯޓް ފޮށިން ވެސް ކުރި ހޯއްދެވީ މައުމޫނެވެ. އެ ވޯޓް ފޮށިން ސުއޫދަށް ފަސް ވޯޓް ލިބިވަޑައިގަތްއިރު މައުމޫން ވަނީ ހަތް ވޯޓް ހޯއްދަވައިފަ އެވެ.

އެކަމާ ގުޅޭގޮތުން ސުއޫދު ވިދާޅުވީ އައްޑޫ ސިޓީ ފޮއްޓަށް ވޯޓް ލީ ހަމައެކަނި އެ ސިޓީގެ ވަކީލުން ނޫން ކަމަށެވެ.

ބާ ކައުންސިލަށް އިންތިޚާބުވެ ވަޑައިގެންފި ނަމަ ރާއްޖޭގައި ވަކީލުކަން ކިޔަވައިދޭ އުސޫލަށް ބަދަލު ގެންނަވާނެ ކަމަށް ސުއޫދު ވަނީ ވިދާޅުވެފަ އެވެ. މިހާރު ކިޔަވައިދޭ މުގައްރަރަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ތަފާތު ބޮޑުކޮށް އިންތިޚާބުވެ ވަޑައިގަތީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.

އެގްޒެކެޓިވް ކޮމެޓީ އަށް އިންތިޚާބުވި ހަ ވަކީލުންނަކީ މުހައްމަދު ފައިސަލާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަނާރާ ނައީމް، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އަނާރާ ނައީމެވެ.

ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމާއި ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި ގާނޫނީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަކީ ބާ ކައުންސިލުން ކުރަންޖެހޭ ކަންކަމެވެ.