Roadha Mihaaru
ފިޔަވަޅުތައް އުވާލައިފިނަމަ އެެމެެރިކާއާ މަޝްވަރާ ކުރާނަން

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި ނަމަ އެެމެެރިކާއާ މަޝްވަރާ ކުރާނަން: ރޫހާނީ

15 ޖުލައި 2019

ތެހެރާން (ޖުލައި 15) - ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާ އިން އަލުން ރުޖޫއަ ވެއްޖެ ނަމަ ވޮޝިންޓަނާ އެކު މަޝްވަރާ ކުރާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖުލައި 15) - ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާ އިން އަލުން ރުޖޫއަ ވެއްޖެ ނަމަ ވޮޝިންޓަނާ އެކު މަޝްވަރާ ކުރާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

"މަޝްވަރާ ކުރުން އީރާނުން އަދިވެސް ގަބޫލް ކުރޭ. އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ނިއުކްލިއާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާ ނަމަ އެމެރިކާއާ މިއަދު ވެސް މަޝްވަރާ ކުރަން ތައްޔާރު،" ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ރޫހާނީ ވިދާޅުވި އެވެ.

އީރާނާއި އެމެރިކާއާ ދެމެދު މަސްރަހު ހޫނުވެފައި ވަނީ ނިއުކްލިއާ އެއްބަސްވުމުން މިދިޔަ އަހަރުގެ މެއި މަހު އެމެރިކާ ވަކިވުމުންނެވެ. ރައްދުގައި އީރާނުން ވަނީ ނިއުކްލިއާ އެއްބަސްވުމަށް އެ ގައުމުން ވެސް އިހްތިރާމް ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި މި މަހު ކުރީކޮޅު ވަނީ ޔުރޭނިއަމް ފައްކާ ކުރަން ފަށައިފަ އެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އީރާންގެ އިގްތިސާދަށް ހީނަރުކަން ކުރިމަތިވާން ފެށުމުން އެ ގައުމުން ވަނީ ނިއުކްލިއާ އެއްބަސްވުން ސަލާމަތް ކުރުމަށް ޔޫރަޕުގެ ގައުމުތަކުން މަސައްކަތް ކުރުމަށް އެދިފަ އެވެ. ފްރާންސް، ޖަރުމަން އަދި އިނގިރޭސި ވިލާތުން ވަނީ އެއްބަސްވުން ދެމެހެއްޓޭތޯ މަޝްވަރާ ކުރުމަށް އިއްޔެ ގޮވާލައިފަ އެވެ. އެއްބަސްވުމުގައި ދެން ސޮއިކޮށްފައި ވަނީ ރަޝިޔާ އާއި ޗައިނާ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވިދާޅުވެފައި ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވީ ކުރީގެ ރައީސް ބަރަކް އޮބާމާ އަށް ޖެއްސުން ކުރެއްވުމުގެ ގޮތުން ކަމަށެވެ. ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމުން އެ ގައުމުގެ ބައިވެރިޔާ އިޒްރޭލުން ވަނީ ތައުރީފް ކޮށްފަ އެވެ.