Roadha Mihaaru
ހަތަރު މައުލޫއު: ކުންފުނިތަކުގެ ބޯޑު ސިޔާސީ ނުކުރުން

ހަތަރު މައުލޫއު: ކުންފުނިތަކުގެ ބޯޑު ސިޔާސީ ނުކުރުން

17 ޖުލައި 2019

މައިގަނޑު ހަތަރު މައުލޫއަކަށް ބަހާލައިގެން ދައުލަތުގެ ވިޔަފާރި ކުންފުނިތަކާ މެދު ލިޔަން ފެށި ސިލްސިލާގެ މި އަދަދު އަމާޒު ކުރަނީ ކުންފުނިތަކުގެ ބޯޑުގެ މައްޗަށެވެ. ބޯޑަށް ޑިރެކްޓަރުން އައްޔަނު ކުރުމާއިި ބޯޑު މެދުވެރިކޮށް ކުންފުނީގެ މެނޭޖްމަންޓް ޒިންމާ ކުރުވުމުގެ މައްޗަށެވެ.

މައިގަނޑު ހަތަރު މައުލޫއަކަށް ބަހާލައިގެން ދައުލަތުގެ ވިޔަފާރި ކުންފުނިތަކާ މެދު ލިޔަން ފެށި ސިލްސިލާގެ މި އަދަދު އަމާޒު ކުރަނީ ކުންފުނިތަކުގެ ބޯޑުގެ މައްޗަށެވެ. ބޯޑަށް ޑިރެކްޓަރުން އައްޔަނު ކުރުމާއިި ބޯޑު މެދުވެރިކޮށް ކުންފުނީގެ މެނޭޖްމަންޓް ޒިންމާ ކުރުވުމުގެ މައްޗަށެވެ.

ކުންފުންޏެއްގެ ބޯޑަކީ ކުންފުނި ހިނގަމުންދާ ގޮތް ދިރާސާކޮށް، ކުންފުނީގެ މެނޭޖްމަންޓް ޒިންމާ ކުރުވުމަށް ހިއްސާދާރުން އައްޔަނު ކުރާ ހިއްސާދާރުންގެ އެޖެންޓުންނެވެ. ހިއްސާދާރުންގެ ފަރާތުން، ކުންފުނި ހިނގަމުން ގެންދާ ގޮތް ބަލައި، ދިރާސާކޮށް، މަގުން ކައްސާލާ ނަމަ، މަގަށް އެޅުވުމުގެ ޒިންމާ ހަވާލުކުރެވޭ ފަރާތެވެ.

ބޯޑު ޑިރެކްޓަރުންގައި ހުންނަން ޖެހޭ ސިފަތައް

ކުންފުނިތަކުގެ ބޯޑަށް އައްޔަނު ކުރާ ޑިރެކްޓަރުންނަކީ ކުންފުނި ހިނގަމުންދާ ގޮތް ދިރާސާކޮށް، ހިސާބުތައް މުތާލިއާކޮށް، ފަންނީ ގޮތުންނާއި ތަޖުރިބާގެ ގޮތުން މެނޭޖްމަންޓް ޒިންމާ ކުރެވޭ މިންވަރުގެ ގާބިލްކަން ހުރި ބަޔަކަށް ވާން ޖެހެ އެވެ. ތަޖުރިބާ އާއި ފަންނުގެ ގޮތުން ގާބިލު ވުމުގެ އިތުރުން، ކުންފުނި ހަމަ މަގުން ނައްޓާލައިގެން ދާ ހިނދުގައި، މަގަށް އެޅުވުމަށް ޓަކައި ކުރަން ޖެހޭ ކަންތައްކުރުމުގެ ބާރު، ލިބިފައިވާ ބަޔަކު ކަމަށް ވެސް ކުންފުނީގެ ބޯޑު ވާން ޖެހެ އެވެ.

ކުންފުނިތަކުގެ ބޯޑަށް ހަރުދަނާ ޑިރެކްޓަރުން އައްޔަނު ކުރުމުގެ ފުރުސަތު ހޯދުމަށް މިއަދު ކުރަން އޮތް އެންމެ މުހިންމު އެއް ކަމެއް ކަމުގައި ފެންނަނީ ބޯޑުގެ މަގާމުތަކަކީ ސިޔާސީ ގޮތުން އަޑުގަދަ މީހާއަށް ދޭ ސިޔާސީ ހަދިޔާއަކަށް ހެދުމުގެ ބަދަލުގައި، ފަންނީ، ގާބިލު، ހުނަރުވެރި، ތަޖުރިބާކާރުން ކުންފުނިތަކުގެ ބޯޑަށް އައްޔަނު ކުރުމެވެ.

ދައުލަތުގެ ކުންފުންޏަށް ލިބޭ ގެއްލުން އާހިރުގައި މުޅި ރައްޔިތުންގެ ބޮލުގައި އެޅުވޭ ތުޅަކަށް ބަދަލުވާނެތީވެ، އަމިއްލަ ކުންފުންޏެއްގެ ބޯޑުގެ މެންބަރަކަށް ވުރެ ދައުލަތުގެ ކުންފުންޏެއްގެ ބޯޑު މެންބަރުންގެ ޒިންމާ މުހިންމު ވެފައި އެތައް ތަނަކުން "ބަރު" ވާނެ އެވެ. އެހެންކަމުން ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރާ ފަރާތްތަކަކީ ހުނަރުވެރި، ގާބިލު އަދި ތަޖުރިބާކާރު ބަޔަކަށް ވުން މަޖުބޫރެވެ. އަދި މީގެ އިތުރުން، ކުންފުނީގެ މެނޭޖްމަންޓް ޒިންމާދާރު ކުރުވުމުގެ ހުނަރާއި "ހިތްވަރު" ލިބިފައިވާ ބަޔަކަށް ވުން ވެސް މުހިންމެވެ.

ބޯޑު މެމްބަރުންނަށް ބޮޑު މުސާރަ ކަނޑާލުން

އަޅުގަނޑުމެންގެ އިގުތިސާދުގައި ވަޒީފާއެއް ނެތި ތިބި ފަރާތްތަކުގެ އަދަދު ނުހަނު ގިނަ މިދުވަސް ވަރުގައި، ދައުލަތުގެ ކުންފުނިތަކުގެ ބޯޑުގެ މަގާމުތަކަށް ސިޔާސީ ބޭފުޅުން ނުހަނު އުހަށް ފައި ނަގަމުން ގެންދެ އެވެ. ވަކި ޝަރުތެއް، ސަނަދެއް ބޭނުންނުވާ، މަސައްކަތް ކުރަން ޖެހޭ ވަކި ގަޑިއެއް، ތާވަލެއް ނެތް، އިއުލާނުކޮށް، އިންޓަވިޔު ކޮށްގެން "ރަނގަޅު" ފަރާތް ހޯދަން ނުޖެހޭ، މުސާރަ ބޮޑު، މި މަގާމުތަކަކީ، ލައްގާ ހުދަންބަރެއް ފަދަ ހަރު މުދަލަކަށް މިއަދު ވަނީ ވެފަ އެވެ.

އެހެންކަމުން، ބޯޑުގެ މެންބަރުކަން ހޯދުމަށް ބޭނުންވާ އެންމެ މުހިންމު ސަބަބު ކަމަށް ވާ، "ބޮޑު މުސާރަ" ދިނުން ހުއްޓާލަން ކެރިއްޖެ ނަމަ، ބޯޑުގެ މަގާމުތައް ހޯދުމަށް އޮތް ވާދަވެރިކަން "ލުއިވެގެން" ހިނގައިދާނެ ކަމަށް ބެލެވެ އެވެ. އުޖޫރައެއްގެ ގޮތުގައި ދައުލަތުގެ ކުންފުނިތަކުގެ ބޯޑުގެ ޑިރެކްޓަރުންނަށް ލިބޭނީ، ބޯޑު ބައްދަލު ވުމަށް ދޭ އެލަވަންސެއް އެކަނި ކަމަށް ކަނޑައެޅިއްޖެ ނަމަ، މި ނީލަމުން ވަރަށް ގިނަ ސިޔާސީ ބޭފުޅުން ނުކެމެވަޑައިގެންފާނެ ކަމަށް ވެސް ބެލެވެ އެވެ. ހަމައެކަނި ބޯޑުގެ ބައްދަލުވުންތަކަށް، ދޭ އެލަވެންސެއް ކަނޑައެޅުމަށް ފަހު، ފަންނީ ގޮތުންނާއި ތަޖުރިބާގެ މިންގަނޑުން ގާބިލު ބޭފުޅުންނަށް ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކުގެ މަގާމުތައް ހުޅުވާލައިފި ނަމަ، ތެދުވެރިިކަމާ އެކު ގައުމަށް ހިދުމަތްކުރުމުގެ ނިޔަތުގައި ގާބިލު ވަރަށް ގިނަ ޒުވާނުންނާއި، ދުވަަސްވީ ތަޖުރިބާކާރުން ދައުލަތުގެ ކުންފުނިތަކުގެ ބޯޑުގެ މަގާމުތަކަށް ކުރިމަތިލާނެ ކަމަށް ޔަގީން ކުރެވެ އެވެ.

ގަވަނަންސް ޑޮކިޔުމަންޓު

ދައުލަތުގެ ކުންފުނިތައް ރަނގަޅަށް ނުހިނގަނީ ކުންފުނީގެ ގަވަނަންސް ޑޮކިޔުމަންޓު ރަނގަޅު ނޫން ކަމުގައި ގިނަ ފަރާތްތަކުން ބުނެ، މިދެންނެވި ގަވަނަންސް ޑޮކިޔުމަންޓުގެ ގުއްރާސް ގިނަ ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ނަމަަވެސް ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑަކީ އޭގެ ޒާތުގައި މި ސަރަހައްދަށް ވިސްނާލި ނަމަވެސް ފުރިހަމަ ލިޔުމެއް ކަމަށް ވާހިނދު، 2008 އިން ފެށިގެން ދައުލަތުގެ ކުންފުނިތައް ވެސް ހިމެނޭ ގޮތުން ހުރިހާ ޕަބްލިކް ކުންފުންޏެއްގައި ކޯޕަރޭޓް ގަވަނަންސް ކޯޑަށް ވަނީ އަމަލު ކުރަން ފަށައިފަ އެވެ. އެސްޓީއޯ، އެމްޓީސީސީ، އެމްޓީޑީސީ، ބީއެމްއެލްގައި، ވެއަތުގެ ދިޔަ 10 އަހަރު ތެރޭގައި ހިނގާ ދިޔަ ހުރިހާ ކަމެއް ހިނގާދިޔައީ ކޯޕަރޭޓް ގަވަނަންސް ކޯޑުގެ މައްޗަށް ޑިރެކްޓަރުން ސަވާރުވެ ތިއްބަވައިގެންނެވެ. ކުންފުނީގެ އަހަރީ ހިސާބާއި، ކޮންމެ ތިން މަހަކުން ނެރޭ ކުއާޓަލީ ހިސާބުގައި ޑިރެކްޓަރުން ސޮއިކޮށް އާންމު ކުރަމުންނެވެ. ކޯޕަރޭޓް ގަވަނަންސް ކޯޑަށް 'ފުރިހަމައަށް' އަމަލު ނުކުރާ އެއްވެސް ޕަބްލިކް ކުންފުންޏެއް ނެތެވެ.

ޕަބްލިކް ކުންފުނިތަކުން ކޯޕަރޭޓް ކޯޑަށް އަމަލު ކުރަމުން، ކުންފުނީގެ ހިސާބުތައް ގަވާއިދުން އާންމު ކުރަމުން، ދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގައި، މިދެންނެވި ކުންފުނިތަކަށް ކަތުރުފަނި ވަދެ، ހާލި ހަދާ އެތެރެއިން ތޮރުފަމުން ދިޔަކަން މިވަނީ ބޭރުން ފެންނާށެވެ. އެހެންކަމުން، އެއްވެސް މިންވަރަކަށް ހިސާބުތައް އާންމު ކުރަން ނުޖެހޭ، ދައުލަތުގެ އެހެނިހެން ކުންފުނިތައް ހިންގުމަށްޓަކައި ބޮޑެތި ހެން ހީވާ ގަވަނަންސް ޑޮކިޔުމަންޓްތައް އެކުލަވާލައި، އެންމެން ސޮއިކޮށް ފައިލްކޮށް ފޮރުވުމަކުން، ދައުލަތުގެ ކުންފުނިތައް، އަދި ކިއެއްތަ އެއްވެސް ކުންފުންޏެއްގެ ހިންގުމުގައި ހުރި މައްސަލަތަކެއް ހައްލެއް ނުކުރެވޭނެ އެވެ.

ދައުލަތުގެ ކުންފުނިތައް ވެސް ހިމެނޭ ގޮތުން ކޮންމެ ކުންފުންޏެއް ނަމަވެސް ރަނގަޅަށް ހިންގޭނީ، ގާބިލު، ތަޖުރިބާކާރު، ކެރޭ، ޑިރެކްޓަރުންގެ ބޯޑެއް އައްޔަނު ކުރުމަށް ހިއްސާ ދާރުންނަށް ހިތްވަރު ލިބުމުންނެވެ. އަދި އެފަދަ ޑިރެކްޓަރުންގެ ބޯޑަކަށް ކުންފުނީގެ މެނޭޖްމަންޓަށް ފިޔަވަޅު އެޅުމުގެ ބާރާއި އިހުތިޔާރު ދެވުނު ދުވަހަކުންނެވެ.

މީގެ ބަދަލުގައި، ކުންފުނީގެ ބޯޑަށް އައްޔަކު ކުރާ ފަރާތްތަކަކީ ކުންފުނީގެ މެނޭޖްމަންޓާއި އެއް ރާގެއް ކިޔާ، އެއް ލަވަޔަކަށް ފައިހަމަ ކުރަން ތައްޔާރަށް ތިބި ސިޔާސީ ފަރާތްތަކެއް ކަމުގައި ވަނީ ނަމަ، ގަވަނަންސް ޑޮކިޔުމަންޓްގެ ސަފުހާގެ އަދަދު ގިނަކުރުމަށްޓަކައި ވަގުތާއި ފައިސާ ހަރަދު ކުރުމުގެ ބޭނުމެއް ނެތެވެ.

މި ސިލްސިލާގެ ތިން ވަނަ އަދަދުގައި ކުންފުނިތަކުގެ މޭންޑޭޓާއި ހިންގުމުގެ އޮނިގަނޑު ކަނޑައެޅުމާއި، އެ އޮނިގަނޑަށް ބަދަލު ގެނައުމާ ބެހޭ ގޮތުން ބަލައިލާނަމެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ އަދި އިގުތިސާދީ ދާއިރާގެ މައުލޫއުތަކަށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިއުއްވާ ލިއުންތެރިއެކެވެ.