Roadha Mihaaru
ދައުލަތް އަދި ކުންފުނި، ދެ ލަފުޒު އެކުވުމުގެ ނަތީޖާ

ހަތަރު މައުލޫއު: ދައުލަތް އަދި ކުންފުނި، މި ދެ ލަފުޒު އެކުވުމުގެ ނަތީޖާ

03 ޖުލައި 2019

ދައުލަތުގެ ވިޔަފާރި ކުންފުނިތައް އިސްލާހު ކުރުމުގައި ހިނގަން އޮތް މަގާއި، ކުރަން ފެންނަ ކަންތައްތައް ބަޔާން ކުރުމަށް އެކުލަވާލެވޭ މިލިޔުންތައް ބައިކޮށްފައި ވާނީ މައި ހަތަރު މައުލޫއަށެވެ. އެގޮތުން ހ. "ދައުލަތުގެ ކުންފުނިތަކު"ގެ އަސާސީ ސިފަތަކާއި މަގުސަދްތަކަކީ ކޮބައިކަމާއި، ށ. ކުންފުނިތަކުގެ ބޯޑުގެ މައްސޫލިއްޔަތު ކަނޑައެޅުމާއި ބޯޑަށް ޑިރެކްޓަރުން އައްޔަނު ކުރުމާއިި ބޯޑު މެދުވެރިކޮށް ކުންފުނީގެ މެނޭޖްމަންޓް ޒިންމާ ކުރުވުމާއި، ނ. ކުންފުނިތަކުގެ މެންޑޭޓާއި ހިންގުމުގެ އޮނިގަނޑު ކަނޑައެޅުމާއި އެ އޮނިގަނޑަށް ބަދަލު ގެނައުމާއި އަދި ރ. ކުންފުނިތައް އުފައްދައި އުވާލައި، ގެއްލައި ގުނަކުރުމުގައި އަމަލު ކުރަން ފެންނަ ގޮތާ މެދު ބަލައިލާނެމެވެ.

ދައުލަތުގެ ވިޔަފާރި ކުންފުނިތައް އިސްލާހު ކުރުމުގައި ހިނގަން އޮތް މަގާއި، ކުރަން ފެންނަ ކަންތައްތައް ބަޔާން ކުރުމަށް އެކުލަވާލެވޭ މިލިޔުންތައް ބައިކޮށްފައި ވާނީ މައި ހަތަރު މައުލޫއަށެވެ. އެގޮތުން ހ. "ދައުލަތުގެ ކުންފުނިތަކު"ގެ އަސާސީ ސިފަތަކާއި މަގުސަދްތަކަކީ ކޮބައިކަމާއި، ށ. ކުންފުނިތަކުގެ ބޯޑުގެ މައްސޫލިއްޔަތު ކަނޑައެޅުމާއި ބޯޑަށް ޑިރެކްޓަރުން އައްޔަނު ކުރުމާއިި ބޯޑު މެދުވެރިކޮށް ކުންފުނީގެ މެނޭޖްމަންޓް ޒިންމާ ކުރުވުމާއި، ނ. ކުންފުނިތަކުގެ މެންޑޭޓާއި ހިންގުމުގެ އޮނިގަނޑު ކަނޑައެޅުމާއި އެ އޮނިގަނޑަށް ބަދަލު ގެނައުމާއި އަދި ރ. ކުންފުނިތައް އުފައްދައި އުވާލައި، ގެއްލައި ގުނަކުރުމުގައި އަމަލު ކުރަން ފެންނަ ގޮތާ މެދު ބަލައިލާނެމެވެ.

މައިގަނޑު ހަތަރު ނަޒަރަކުން ދައުލަތުގެ ކުންފުނިތަކާ މެދު ވިސްނާލުމަށް ކުރެވޭ މި މަސައްކަތުގެ ފުރަތަމަ ލިޔުން އަމާޒުކުރަނީ ދައުލަތުގެ ކުންފުންޏަކަށް ވިޔަތީ ހިފަހައްޓަން ޖެހޭ އުސޫލުތަކާއި އަސާސްތަކާއި، އެފަދަ ތަންތަން ހިންގުމުގައި ހިފަހައްޓަން މުހިންމު ކަންކަމުގެ މައްޗަށެވެ.

ކުންފުނީގެ ގާނޫނުގައި ހަވާލާ ދީފައިވާ "ސަރުކާރު ކުންފުނި"ގެ ބަދަލުގައި، އިނގިރޭސި ބަހުން ކިޔާ 'ސްޓޭޓް އޯންޑް އެންޓަޕްރައިސަސް' ނުވަތަ "ދައުލަތުގެ ކުންފުނި" މިލަފްޒު ހިޔާރުކޮށްފައިވަނީ ދައުލަތުގެ ކުންފުނި ގޮތުގައި ހިންގުމާއި، ސަރުކާރުގެ ކުންފުނި ގޮތުގައި ހިންމުގައި އަމަލުކުރަންވީ ގޮތުގެ އަސާސީ މުހިންމު ތަފާތުތަކެއް ހުރިކަމަށް ގަބޫލުކުރެވޭތީ އެވެ. އެ ތަފާތުގެ ސަބަބުން، މިފަދަ ކުންފުނިތައް ހިންގައި، ދިރި ދަމަހައްޓައި، ކުރިމަގު ފަރުމާކުރުމުގައި، ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވާނޭ ކަމަށް ގަބޫލުކުރެވޭތީ އެވެ.

"ދައުލަތުގެ ކުންފުނިތަކަކީ" ސަރުކާރުގެ އިދާރާތަކެއް ނޫނެވެ. މުއައްސަސާއެއް އުފެއްދުމުގެ މަގުސަދަކީ ރައްޔިތުންނަށް "އަގުހެޔޮ" ހިދުމަތެއް ފޯރުކޮށްދިނުން ކަމުގައި ވަނީ ނަމަ، އެ މަގުސަދު ހާސިލުކުރުމަށް އުފައްދަން އެންމެ އައުލާކަން ބޮޑީ ދައުލަތުގެ އިދާރާއެކެވެ. ވަކި ކުންފުނިތަކެއް ނޫނެވެ. ޑިސާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އަކީ ހިދްމަތް ދޭ އިދާރާއެކެވެ. ކާރިސާއެއް ދިމާވުމުން، މާލީ ފައިދާ އަށް ވިސްނާ މަޑުކުރާކަށް ނުޖެހެ އެވެ.

ދައުލަތުގެ ކުންފުނިތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، އެތަންތަނަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އުފެދިފައިވާ ސަރުކާރުގެ އިދާރާތަކެއް ކަމެއް، ނުވަތަ ހިއްސާދާރުންނަށް ފައިދާ ލިއްބައިދިނުމަށް އުފައްދާފައިވާ ކުންފުނިތަކެއް ކަމެއް، ކުންފުނި ހިންގަން ހަވާލުކޮށްފައިވާ މެނޭޖްމަންޓަށް ވެސް ނޭނގުމެވެ. ރައްޔިތުންނަށް ވެސް އޮޅުމެވެ.

އޮޅުވާ ނުލައްވައްޗެވެ. ހަރުދަނާކޮށް އުފެދި، ފައިދާ ހުރި ގޮތުގައި ހިންގަމުންގެންދާ ދައުލަތުގެ ކުންފުނިތަކުން ހެޔޮ އަގުގައި ރައްޔިތުންނަށް ހިދުމަތެއް ފޯރުކޮށްދިނުމަށް ހަވާލުނުކުރާށޭ ބުނުމަކީ މި ލިޔުމުގެ މަގުސަދެއް ނޫނެވެ. މަގުސަދަކީ، މިފަދަ ހިދުމަތެއް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ދައުލަތުގެ ކުންފުންޏަކަށް ހަވާލު ކުރުވަނީ ނަމަ، ވިޔަފާރީގެ ގޮތުން އެ ހިދުމަތް ދެވޭނޭ އަގާއި، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ބޭނުންވާ އަގާއި ދެމެދުގެ ތަފާތު- ސަބްސިޑީގެ މިންވަރު، ހާމަކަން މަތީގައި ކަނޑައެޅި، ހިސާބުތަކުން ފެންނާން އޮތުމެވެ. ދައުލަތުގެ ކޭޝްފޮލޯގެ ހާލަތަށް ބަލައި، ސަބްސިޑީގެ މިންވަރު، ކޭޝްގެ ގޮތުގައި ކުންފުންޏަށް ދޫނުކުރެވުނު ނަމަވެސް، ހިދުމަތުގެ އަސްލު އަގު ފެންނާން އޮތުމެވެ. ކުންފުނީގެ ހިސާބުތައް ހާމަކަން މަތީގައި ބެލެހެއްޓުމަށާއި، މިގޮތުން ދެވޭ ސަބްސިޑީގެ މިންވަރު ރައްޔިތު މީހާއަށް ސާފުކޮށް ފިލާފައި އޮތުމަށްޓަކަ އެވެ.

ގަބޫލުކުރެވޭ ގޮތުގައި، ދައުލަތުގެ ވަރަށް ގިނަ ކުންފުނިތައް ހިންގުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކުންފުނީގެ ވިޔަފާރި މުއާމަލާތްތަކާއި، "ހެޔޮ" އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް، މައްސުނިވެފައި އޮތުމެވެ.

މިފަދައިން ކުންފުނީގެ ވިޔަފާރި ހަރަކާތްތަކާއި، ރައްޔިތުންނަށް ދެވޭ ހިދުމަަތްތައް މައްސުނިވުމުން، ރަނގަޅު ނޫން އެތައް ކަމެއް ކުންފުނިތަކުގެ ތެރޭގައި ހިނގައި، ތަކެތި ގަތުމުގަޔާއި، ކޮންޓްރެކްޓް ހެދުމުގައި ނުސީދާ ފައިދާ ނެގުމުގެ ފުރުސަތު ކުންފުނީގެ މެނޭޖްމަންޓަށް ލިބިދެވެ އެވެ. މިގަހު ކޭލެއް އެގަހު ކޭލެއް ނުއެނގި، ގޭ އުނދުނު ފުއްޑަނުގައި، ބަންޑާރަ ބަނބުކެޔޮ ފިހަން ފަށައި، ކުންފުނީގެ މާލީ ގެއްލުމުގެ ޒިންމާ، ސަރުކާރުގެ ބޮލުގައި އެޅުވުމަށް މެނޭޖްމަންޓަށް ފުރުސަތު ދެވެ އެވެ.

މިފްްކޯގެ މެނޭޖްމަންޓުން ދައްކާނީ މަސް ގަތުމަށް މަޖުބޫރު އަގުތަކުގެ ވާހަކަ އެވެ. ދުނިިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލު، މަސް ގަންނަ އަގަށް ނުގެނެވޭ ވާހަކަ އެވެ. ސިޔާސީ ގޮތުން ކުރަން ޖެހޭ ހަރަދުތަކުގެ ވާހަކަ އެވެ. ގެންގުޅެން ޖެހޭ މީހުން ގިނަކަމުގެ ވާހަކަ އެވެ. ހިންގުމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކައި މެނޭޖްމަންޓް ޒިންމާ ކުރުމުގެ ފުރުސަތު، ހިއްސާ ދާރުންނަކަށް ނުލިބެ އެވެ.

ކުންފުނީގެ މެނޭޖްމަންޓުގެ "ގައި ދަށުވެ"، ހާމަކަން ބޮޑު ގޮތުގައި ހިންގުމުގެ ފުރުސަތު ގެއްލުމުގެ އިތުރުން، އަގުހެޔޮކޮށް ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އުފުލާ "ބުރަ"، ރައްޔިތުންނަށް ސާފެއް ނުވެ އެވެ. ސާފުކަމާ އެކު ސަބްސިޑީ ބަޔާން ކުރެވިފައި ނެތުމުން، ހިދުމަތުގެ އަގު ހެޔޮކޮށްދިނުމަށްޓަކައި ސަރުކާރުން ކޮށްދެނީ ކިހާވަރެއްގެ މަސައްކަތެއް ކަމެއް ރައްޔިތުންނަށް ސާފުނުވެ، ދައުލަތުގެ ކުންފުނިތަކާ މެދު ހިތްބަރުކުރުމަށާއި، ސަރުކާރުގެ ވައުދު ނުފުއްދުމުގެ ވާހަކަ އައިގެން ހިނގުމުގެ ފުރުސަތު ހުޅުވެ އެވެ. އެތެރޭގެ އުދުހުމުގެ އަގު ހަގީގަތުގައި ކުޑަކުރި ކަމެއް، ނުވަތަ ކަރަންޓުގެ އަގު ހެޔޮކޮށް ދެވިއްޖެ ކަމަށް ރައްޔިތުންނަށް ގަބޫލުނުކުރެވުމެވެ. ދައުލަތުގެ ބަޖެޓަށް ސަބްސިޑީ އިތުރުކޮށްގެން ސަރުކާރުން ކުރި މަސައްކަތްކުގެ އަގު ވަޒަން ނުކުރެވުމެވެ.

ފޯރުކޮށްދޭ ސަބްސިޑީ ރައްޔިތުންނަށް ސާފުކަން މަތީގައި އެނގެން މަޖުބޫރުވާ އަނެއް ސަބަބަކީ، ސަބްސިޑީ އިތުރުވެ، ނަތީޖާއެއް ގޮތުން ބަޖެޓު ބޮޑުވެ، ޑެފިސިޓު އިތުރުވެ، އާހިރުގައި ރައްޔިތުން އަތުން ނަގަން ޖެހޭ ޓެކްސް އިތުރުވެގެން ދާނެތީ އެވެ.

އެހެންކަމުން، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ލިޔާ މި ލިޔުންތައް ފެށުމުގައި، އެ މުއައްސަސާތަކަކީ ދައުލަތުގެ "ކުންފުނިތަކެއް" ކަމަށް ދެކި، ކުންފުނިތަކެއްގެ ގޮތުގައި ހިންގަން ޖެހޭނެ ކަން ގަބޫލު ކުރުމަކީ އެންމެ މުހިންމު އެއް އަސާސްކަން ޔަގީނެވެ. ދައުލަތުގެ ކުންފުނިތަކުން ވިޔަފާރީގެ ގޮތުގައި ހިންގާ މުއާމަލާތްތަކާއި، ހިދުމަތް އަގުހެޔޮ ކުރުމުގެ ގޮތުން ކުރާ ހަރަދު، ސާފުކޮށް ހިސާބުން ފެންނަން އޮތުމަށްޓަކަ އެވެ. ސަބްސިޑީގެ އަދަދު ހާމަކަން ބޮޑު ގޮތުގައި ކަނޑައަޅައި، އެ އަދަދު ރައްޔިތުން ސާފުވާނޭ ގޮތުގައި ބުނެދިނުން މަޖުބޫރެވެ. ސާފުކަން މަތީގައި މިކަންތައް ނުކުރެވުމުން، އަގު ހެޔޮ ހިދުމަތެއް ފޯރުކޮށްދީފި ކަމަށް ރައްޔިތު މީހާ ގަބޫލުނުކުރުމުގެ އިތުރުން، ނުރަނގަޅު ކަންތައް ކުންފުނި ތެރެއަށް ވަދެ، ކުންފުނީގެ ފައިދާ ލީކުވެގެން ދިޔައީ އަޑިންތޯ މަތިންތޯ ނޭނގި، އޮޅުންބޮޅުން ގިނަވެ، ރަނގަޅަށް ކުރެވުނު ކަމެއް، އަޅާނުލެވި ދޫކޮށްލެވުނު ކަމެއް ނޭނގޭ ހިސާބަށް ފެންގަނޑު ކިލަނބު ވެދެ އެވެ.

މި ސީރީޒްގެ ދެ ވަނަ ލިޔުމުގައި ކުންފުނިތަކުގެ ބޯޑު އުފައްދައި، ބޯޑު މެދުވެރިކޮށް މެނޭޖްމަންޓް ޒިންމާ ކުރުވުމާ ބެހޭ ގޮތުން ބަލައިލާނަމެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ އަދި އިގުތިސާދީ ދާއިރާގެ މައުލޫއުތަކަށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިއުއްވާ ލިއުންތެރިއެކެވެ.