Roadha Mihaaru
ބަނގުރާ މަނާކުރުމުގެ ގަރާރު މަޖިލިހުން ބޭރުކޮށްލައިފި

ބަނގުރަލާއި އޫރު މަސް މަނާ ކުރުމުގެ ގަރާރު މަޖިލިހުން ބޭރުކޮށްލައިފި

24 ޖުލައި 2019

ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރު މަސް މަނާކޮށް، އެ އާ ގުޅޭ ގަވައިދުތައް ބާތިލް ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ގަރާރު މަޖިލިހުން ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރު މަސް މަނާކޮށް، އެ އާ ގުޅޭ ގަވައިދުތައް ބާތިލް ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ގަރާރު މަޖިލިހުން ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފި އެވެ.

މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރެއްވީ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ 87 މެމްބަރުންގެ ތެރެއިން އެންމެ މެމްބަރެކެވެ. އެއީ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރެވެ. އެ ގަރާރަށް ބަހުސް ކުރުމުގެ ފުރުސަތު ރިޔާސަތުން ހުޅުވާލައިލި އިރު، މަޖިލިހުގެ ތަޅުމުގައި އެހެން ބައެއް މެމްބަރުން ވެސް ތިއްބެވި އެވެ.

ޖާބިރުގެ ގަރާރު މަޖިލިހަށް ބަލައިނުގަނެ ބޭރުކޮށްލީ 55 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ އަށް މެމްބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު މަޖިލިހުގައި ތިއްބެވި އެވެ.

މިދިޔަ ހަފުތާގައި ފުރަތަމަ ކިޔުން އިއްވި ގަރާރުގައި ވަނީ ރާއްޖެ އަކީ 100 ޕަސެންޓު އިސްލާމީ ގައުމަކަށް ވީ ހިނދު، ދީނުގައި ހަރާންކޮށްފައިވާ އެއްވެސް ކަމެއް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކުރުމަށް ހުއްދަ ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޓޫރިޒަމްގެ ސިނާއަތް ވެސް ކުރިއަށް ގެންދަން ޖެހޭނީ އިސްލާމް ދީނާއި ގާނޫނުއަސާސީއާ ހިލާފު ނުވާ ގޮތެއްގެ މަތިން ކަމަށް ގަރާރުގައިވެ އެވެ.

ޓޫރިޒަމްގެ ސިނާއަތުގައި ފާއިތުވެ ގޮސްފައިވާ 40 އަހަރަށް ވުރެ ގިނަ ދުވަހު، މި ސިނާއަތުގެ ތެރެއިން ހިންގޭ ވިޔަފާރިއެއްގެ ގޮތުގައި ބަނގުރަލާއި އޫރު މަހާއި އޫރު މަހުން އުފައްދާ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމަކީ 100 ޕަސެންޓު މުސްލިމް ގައުމެއްގެ ގޮތުގައި އޮވެމެ، އެއްވެސް ސަރުކާރަކަށް ހުއްދަ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ޖާބިރުގެ ގަރާރުގައި ބުނެފައިވެ އެވެ.

އެހެންވެ، އޭނާ އެދިވަޑައިގެންފައި ވަނީ ރާއްޖެ އަށް މި ތަކެތި އިމްޕޯޓް ކުރެވޭ ގޮތަށް ހަދާފައި އޮތް ގަވައިދުތައް ބާތިލްކޮށް މިއީ އިސްލާމް ދީން ހަރާމްކޮށްފައިވާ އެއްވެސް ކަމަކަށް ޖާގަ ނުދޭ ކީރިތި ގުރުއާނުގައިވާ ގޮތުގެ މަތިން ހިންގޭ އިސްލާމީ ދައުލަތެއް ކަމުގައި ހެދުމަށެވެ.

ގަރާރުގައިވާ ގޮތުން، މި މައްސަލައިގެ މަގްސަދަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ އިސްލާމް ދީނާ ހިލާފު އެއްވެސް ވިޔަފާރިއެއް އެ ސިނާއަތުގެ ތެރެއިން ހިންގުމުގެ ފުރުސަތު ނެތް، އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިންގޭ ސިނާއަތަކަށް ޓޫރިޒަމް އިންޑަސްޓްރީ ބަދަލު ކުރުމެވެ.

މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ، ބަނގުރަލާއި އޫރު މަސް ރާއްޖެ އަށް އެތެރެކޮށް، ވިޔަފާރި ކުރަން ޖެހޭ ހާލަތެއް އޮތްތޯ ބަލައި ދިރާސާ ކުރަން ޖެހޭ ކަމަށެވެ. އަދި ބައެއް ތަންތަނުގައި ބަނގުރަލާއި އޫރު މަސް ވިއްކުމުގެ ހުއްދަ އޮވެފައި އެހެން ތަންތަނުގައި ވިއްކުމުގެ ހުއްދަ ނޯންނާތީ އެ ކަމަށް ފާޑު ވިދާޅުވި އެވެ. އަދި ރަލާއި އޫރު މަސް ވިއްކާފައި، ކެސީނޯ ނޭޅޭތީ އެކަމަށް ވެސް އޭނާ ފާޑު ވިދާޅުވި އެވެ.

ޖަލްސާގައި ވަނީ ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހްމަދު ހުށަހެޅުއްވި ގަރާރު މަޖިލިހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރަން އިގްތިސާދީ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ" ގާއިމު ކުރަން ގޮވާލައި ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ހުށަހެޅުއްވި ގަރާރު މަޖިލިހަށް ބަލައިގަނެ، އިގްތިސާދީ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

މީގެ އިތުރުން، ސަރުކާރުގެ ފަރާތުން އިސްލާމިކް ޔުނިވާސިޓީގެ ގާނޫނާއި ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ. އަދި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އާމިރު ހުށަހެޅުއްވި އާންމު ގަވައިދުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވަނީ މަޖިލިހުން ބޭރުކޮށްލައިފަ އެވެ.