Roadha Mihaaru
ޕައިލެޓް ޓްރެއިންގެ ލޯނުން ރާއްޖޭން ބޭރުގައި ކިޔެވޭނެ

ރާއްޖޭގައިި ޕައިލެޓް ޓްރެއިނިން ހަދަން ދޫކުރި ލޯނުން ރާއްޖޭން ބޭރުގައި ކިޔަވަން ހުޅުވާލައިފި

16 ޖުލައި 2019

އައްޑޫގައި ހުންނަ ފްލައިން ސްކޫލުގައި ޕައިލެޓް ޓްރެއިނިން ހަދަން ދޫކުރި ލޯނުން، ރާއްޖޭން ބޭރުގައި ކިޔަވަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގައި ހުންނަ ފްލައިން ސްކޫލުގައި ޕައިލެޓް ޓްރެއިނިން ހަދަން ދޫކުރި ލޯނުން، ރާއްޖޭން ބޭރުގައި ކިޔަވަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އޭޝިއަން އެކަޑަމީ އޮފް އެއަރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައިގެންދާ މައްސަލައާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އުސޫލެއްގެ ގޮތުން ރާއްޖޭގައި ކިޔަވަން ދޫކުރާ ލޯނުން، ރާއްޖެއިން ބޭރުގައި ކިޔަވަން ބަދަލުކޮށްނުދޭ ކަމަށެވެ. ނަމަވެސް އެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމުގައި ދިމާވެފައިވަނީ ދަތިތަކަކީ އެ ދަރިވަރުންގެ އިހުތިޔާރުން ބޭރުގައިވާ ކަންތައްތަކެއް ކަމަށް ބުންޏެވެ.

"މި ދަރިވަރުންނަށް ލޯނަށް ދޫކޮށްފައިވާ ފައިސާ އިން ރާއްޖެއިން ބޭރުގައި ކިޔެވުން ފުރިހަމަކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން ކިޔެވުން ފުރިހަމަކުރުމަށް އިތުރު ފައިސާއެއް ހަރަދުވާ ނަމަ، އެ ފައިސާ ހަމަޖައްސަންވާނީ ދަރިވަރުން އަމިއްލައަށެވެ،" ބަޔާނުގައި ބުންޏެވެ.

ލޯނު ނަގައިގެން ކިޔަވަން ފަށާއިރު، ކިޔަވަން ދާން ހުށަހަޅާ ތަނާ ބެހޭ ސައްހަ މައުލޫމާތު ހޯދައި އެއީ ދަރިވަރަށް އެންމެ ރަނގަޅު މަރުކަޒުކަން ކަށަވަރުކުރުމަކީ ލޯނު ފައިސާއިން ދެކޮޅު ޖައްސާ އަދި ކިޔެވުން ފުރިހަމަކުރުމަށްޓަކައި އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅަކަށްވާތީ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައި ވެ އެވެ.

އެ ފުރުސަތުގެ ދަށުން ހަޔަ އެޑިއުކޭޝަނުން ލޯނު ނަގައިގެން ރާއްޖޭގައި ޕައިލެޓް ލައިސަންސަށް ކިޔަވަމުންދ އަންނަ ދަރިިވަރުން ރާއްޖެއިން ބޭރަށް ބަދަލުވާން އެދޭނަމަ، އެ ދަރިވަރަކު ކިޔެވުން ފުރިހަމަކުރުމަށް ދާން ބޭނުންވާ މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ، ފީ ސްޓްރަކްޗާ އަދި އައިޑީކާޑުގެ ކޮޕީއާއެކު [email protected] އަށް މެއިލްކުރަން އެދިފައި އެވެ. އެގޮތަށް ދާ މަރުކަޒަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އިތުރު ޓެސްޓަކާ ނުލާ މަތިން ދާ ބޯޓު ދުއްވުމުގެ ހުއްދައެއް ލިބޭ މަރުކަޒެއްކަން ޔަގީންކުރަން ވެސް އެދެ އެވެ.

އެކި ފަހަރުމަތިން ލޯނު ނަގައިގެން 96 ދަރިވަރަކު އަންނަނީ އައްޑޫ ފްލައިން ސްކޫލުގައި މިހާރު ވެސް ކިޔަވަމުންނެވެ. ލޯނު ނުނަގައި، އަމިއްލައަށް ފީ ދައްކައިގެން ކިޔަވާ ދަރިވަރުން ވެސް އެތަނުގައި އުޅެ އެވެ. ނަމަވެސް އެ ދަރިވަރުންނާ ގުޅޭގޮތުން މިނިސްޓްރީން އަދި ވަކިގޮތެއް ނުނިންމަ އެވެ.