Roadha Mihaaru
އައްޑޫ ފްލައިން ސްކޫލު މައްސަލައިގައި އޭޖީގެ ލަފައަކަށް

އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅު އަޅަން އޭޖީގެ ލަފައަކަށް އެދިއްޖެ

31 މެއި 2021

މައްސަލަ ގޯސްވެފައިވާ އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފައަކަށް އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މައްސަލަ ގޯސްވެފައިވާ އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފައަކަށް އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ މިއަދު ވިދާޅުވީ، އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ދަރިވަރުންނަށް އިހުމާލުވެފައިވާ ނަމަ އެކަމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދަބެއް ލިބެން ޖެހޭ ނަމަ އެކަން ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލައިން ސްކޫލުގެ މައްސަލައިގައި އެޅޭނެ ފިޔަވަޅުތަކާއި އެ ކަމުގައި ކުރިއަށް ދާނެ ގޮތަކާ ގުޅޭގޮތުން އޭޖީގެ ލަފައަކަށް އެދިފައިވާ ކަމަށެވެ.

"ފްލައިން ސްކޫލުގެ ދަރިވަރުންނާއި ސްކޫލާ ދެމެދު ވެފައިވަނީ ސިވިލް ކޮންޓްރެކްޓެއް. އޭގެ ތެރޭގައި ހުންނާނެ ޖޫރިސްޓިކްޝަން ނުލިބޭ ދިމާތައް ވެސް. އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު ވާނީ އޭޖީގެ ލަފައަކަށް ވެސް އެދިފައި، މި ކަމުގައި ކުރިއަށް ދާނީ ކޮން ގޮތެއްތޯ ބަލައި، މި ކަމުގައި އަޅުގަނޑުމެންނަށް އެޅޭނީ ކޮން ފިޔަވަޅުތަކެއްތޯ މި ބޭފުޅުން އެކައުންޓަބުލް ކުރަން،" ހަމަދު ވިދާޅުވި އެވެ.

އެ ކަންކަމުގެ އިތުރުން އޭއޭއޭގެ ފައިނޭންޝަލް އޮޑިޓެއް ހަދަން މީރާގައި އެދިފައިވެ އެވެ. އޭރުން ފްލައިން ސްކޫލުގެ މާލީ ހާލަތު އެނގޭނެ ކަމަށް ހަމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައަށް ހައްލު ހޯދުމުގައި ސަރުކާރުން ދެކެނީ އޭއޭއޭގެ މިހާރުގެ މެނޭޖްމަންޓަކީ އޮޕްޝަނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ މިހާރު ތިބި ދަރިވަރުންގެ ކޯސް ފުރިހަމަކުރެވޭނެ އިތުރު ގޮތްތަކެއް ހޯދައި ދިނުމެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވިގޮތުގައި، ފްލައިން ސްކޫލުގެ މައްސަލަ ވެފައިވަނީ ގައުމީ ކަމަކަށެވެ. އެކަން ހައްލުކުރަން ސިވިލް އޭވިއޭޝަނުން މަސައްކަތް ކުރާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ދަރިވަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދައުލަތުން ދިނުމާ ގުޅޭގޮތުން އޭޖީގެ ލަފައަކަށް އެދުނު ކަމަށެވެ. ނަމަވެސް އޭޖީން ލަފާ ދިނީ އެކަމުގައި ސަރުކާރުން ކޯޓަށް ދިއުމުގެ ބަދަލުގައި ދަރިވަރުން ކޯޓަށް ދިއުމަށެވެ.

"ސަރުކާރުން މި ކަމުގެ ތެރޭގައި ޖާމިނުވުން އެއީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ބަންޑާރަ ނައިބު އަޅުގަނޑުމެންނަށް ލަފާ ދެއްވާފައި ވަނީ،" ޑރ. ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލައިން ސްކޫލުގައި މިހާރު ކިޔަވާ ދަރިވަރުންގެ ކޯހުގެ ބާކީ މުއްދަތު އެހެން ތަނަކުން ފުރިހަމަކުރުމުގެ ފުރުސަތު ފަހިވޭތޯ ވެސް ބެލި ކަމަށެވެ. އެގޮތުން، މެލޭޝިއާ އާއި ބާސެލޯނާ ފަދަ ގައުމުތަކުގެ ފްލައިން ސްކޫލުތަކަށް ހުށަހެޅި ނަމަވެސް އިއާސާ އެޕްރޫވްޑް ތަނަކަށް ނުވުމުން އެހެން ސްކޫލެއްގައި ޕައިލެޓް ޓްރެއިނިން ފުރިހަމަކުރެވޭނެ މަގެއް ނުފެނުނު ކަމަށް ވިދާޅުވި އެވެ.

އެ ތަނުގައި މިހާރު ކިޔަވާ ދަރިވަރުންގެ ޕައިލެޓް ތަމްރީނުތައް އަލުން ފެށުމުގެ ހަރަދު ބަލަން ފިނޭންސް މިނިސްޓްރީގައި އެދުމުން ދަރިވަރުންނަށް 320 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.

އޭއޭއޭ އަށް ހައްލެއް ނުގެނެވުމުން އެ ސްކޫލުގައި ކިޔަވާ 175 ދަރިވަރުން ތިބީ ވަަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެހެންވެ، އެ ސްކޫލު ބޭރުކޮށް އެހެން ހައްލެއް ހޯދައިދިނުމަށް ދަރިވަރުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. ނަމަވެސް، އެ ސްކޫލުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ދިވެހި ކޮލެޖަކާ ހަވާލުކޮށްގެން އެ ތަން ހިންގާށެވެ. ފްލައިން ސްކޫލުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު "މިހާރު" އަށް ވިދާޅުވީ ދަރިވަރުންގެ މައްސަލަތަކަށް ހައްލުތަކެއް ހޯދައިދޭންޖެހޭ ކަމަށެވެ. ފްލައިން ސްކޫލު ހިންގަން ރާއްޖޭގެ ބަޔަކަށް ހުޅުވާލައިފި ނަމަ ދިވެހިންގެ ސަގާފަތުގެ ތެރެއިން ވެސް ކުދިންނަށް މަންފާތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.