Roadha Mihaaru
ރާއްޖެއަށް އިތުރު ފްލައިން ސްކޫލެއް ބޭނުން: މިނިސްޓަރު

ރާއްޖެއަށް އިތުރު ފްލައިން ސްކޫލެއް ބޭނުންވޭ: މިނިސްޓަރު

04 ޑިސެމްބަރ 2020

ޕައިލެޓުން ތަމްރީނުކުރުމަށް ރާއްޖެއަށް އިތުރު ފްލައިން ސްކޫލެއް ބޭނުންވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕައިލެޓުން ތަމްރީނުކުރުމަށް ރާއްޖެއަށް އިތުރު ފްލައިން ސްކޫލެއް ބޭނުންވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ މައްސަލަ ހޫނުވެފައި ވަނިކޮށް މިނިސްޓަރު "މިހާރު" އަށް މިިދިޔަ ބުދަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިތުރު ފްލައިން ސްކޫލެއް އުފެއްދުމުން ވާދަވެރި ރޭޓެއްގައި ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

"ރާއްޖޭގައި އިތުރު ފްލައިން ސްކޫލެއް ބޭނުންވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްބީބީއެސް ކޯހުގެ ފެންވަރާއި މުގައްރަރު މޯލްޑިވްސް މެޑިކަލް ކައުންސިލުން ބަލައި ފާސްކުރާ އުސޫލުން، ޕައިލެޓްކަމުގެ ރެގިއުލޭޓްރީ ބޮޑީ އަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އެވެ. އެ އުސޫލުން، އައްޑޫ ފްލައިން ސްކޫލުގެ ފެންވަރާއި ކިޔަވައިދޭ އިންސްޓްރަކްޓަރުންގެ ފެންވަރު ބަލާނީ ސިވިލް އޭވިއޭޝަނުން ކަމަށް ވިދާޅުވި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާގައި ހިމެނެނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި އެފަދަ ތަންތަން ރަޖިސްޓްރީކުރުމެވެ.

ސިވިލް އޭވިއޭޝަނުން ހަދާފައިވާ އޮޑިޓް ރިޕޯޓު ދިރާސާކުރަމުން އަންނަކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފްލައިން ސްކޫލުގެ އެކި މައްސަަލަތަކާ ހެދި ސަރުކާރުން އެތަނަށް ފިޔަވަޅު އަޅާފައި ވަނިކޮށް، މި ފަހުން 15 ދަރިވަރަކު ވަނީ ކުއްލި ގޮތަކަށް ވަކިކޮށްފަ އެވެ. އެ ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރަމުންދާތާ ގިނަ ދުވަސްތަކެެއް ވަނީ ވެފަ އެވެ.