Roadha Mihaaru
މިލިއަނުން ހޭދަކޮށް އެތައް ދަރިވަރަކަށް ބޮޑު ލަނޑެއް!

މިލިއަނުން ހޭދަކޮށް އެތައް ދަރިވަރަކަށް ބޮޑު ލަނޑެއް!

10 ޖޫން 2021

ޕައިލެޓަކަށްވުމުގެ ޝައުގާ އެކު މުހައްމަދު (ފުރިހަމަ ނަމެއް ނޫން) އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާ މީގެ ހަ އަހަރު ކުރިން ގުޅުނީ ވެސް އާއިލާގެ ބޮޑެތި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަނދާންކުރަމުންނެވެ؛ އާއިލާގައި ތިބި ދެ ބެއިންގެ ތެރެއިން ހުރި ހަމައެކަނި ފިރިހެން ދަރިއަށްވުމާއި އުމުރުން ދުވަސްވެފައިވާ ބައްޕަ މަސައްކަތުން ރިޓަޔާކޮށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނެކަމާ އެކުގަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕައިލެޓަކަށްވުމުގެ ޝައުގާ އެކު މުހައްމަދު (ފުރިހަމަ ނަމެއް ނޫން) އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާ މީގެ ހަ އަހަރު ކުރިން ގުޅުނީ ވެސް އާއިލާގެ ބޮޑެތި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަނދާންކުރަމުންނެވެ؛ އާއިލާގައި ތިބި ދެ ބެއިންގެ ތެރެއިން ހުރި ހަމައެކަނި ފިރިހެން ދަރިއަށްވުމާއި އުމުރުން ދުވަސްވެފައިވާ ބައްޕަ މަސައްކަތުން ރިޓަޔާކޮށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނެކަމާ އެކުގަ އެވެ.

އެކަމަކު، 29 އަހަރުގެ އެ ޒުވާނާ ބުނީ އޭނާގެ ހަޔާތުން އެތައް އަހަރެއް ގެއްލުމާއި ކުރި ބޮޑު ހޭދައިން ނުކުތް ނަތީޖާއެއް ނެތް ކަމަށެވެ. ކިޔެވުމާ އެކު ދިރިއުޅުން ވެސް ހުއްޓި، ކުރިއަށްދާނެ މަގު ވެސް އޮތީ ބަންދުވެފަ އެވެ.

"އޭ ލެވެލް ނިންމާފައި ފުރަތަމަ އުޅުނީ އެމްބީބީއެސް ހަދަން ވެގެން. އެކަމަކު ފަހުން ޕައިލެޓް ކަމަށް ޝައުގު އުފެދުނީމަ އަދި އަވަސްވާނެއޭ ހިތަށް އަރާފައި ލޯނު ވެސް ލިބިގެން މި ދިޔައީ ކިޔަވަން. އެންމެ ފުރަަތަމަ ނިންމީ ކިޔަވަން ބޭރަށް ދާން. އެކަމަކު ވިސްނީ ރާއްޖެއިން ޕައިލެޓުކަން ކިޔެވޭތީ ރާއްޖެއިންނޭ ކިޔަވާނީ، ބޭރަށް ދިއުމުގެ ބޭނުމެއް ނެތޭ،" މަތީ ތައުލީމް ހާސިލްކުރަން ބީއެމްއެލްއިން ދޭ ލޯނުގައި 2015 ވަނަ އަހަރު ކިޔަވަން ފެށި ޒުވާނާ ބުންޏެވެ.

އެޅުނު އެންމެ ޅަ އެތި

މުހައްމަދު ބުނީ އޭނާ އޭއޭއޭ އަށް ދިއުމުގެ ކުރިން ދެބެއިންގެ ދެދަރި ކޮއްކޮއެއް އެ ސްކޫލަށް ދިޔަ ކަމަށެވެ. އޭރު ވެބްސައިޓުން ހޯދި މައުލޫމާތުތަކުން ފްލައިން ސްކޫލުގައި މައްސަލައެއް އުޅޭ ކަމެއް އޭނާ އަށް ފާހަގައެއްނުވި އެވެ.

ނަމަވެސް ކަން ދިމާކުރީ އޭގެ ދިމާ އިދިކޮޅަށެވެ. ކިޔެވުން ނުނިމި، ނަފްސާނީގޮތުން ވެސް މީހާ ވީ ބަލިކައްޓެވެ.

"ވަރަށް ވަރަށް ވަރަށް ފްރަސްޓޭޓިން. ވަރަށް ބޮޑަށް އިމޯޝަނަލް، ސައިކޮލޮޖިކަލް ޓްރައުމާ ލިބިފައި މި ހިސާބަށް އައިސްފައި މި ހުރީ. މިތަން ދޫކޮށްލެވެން ނެތީ، އަޅުގަނޑަކީ އާއިލާގެ ކަންތައް ބަލަހައްޓަން ހުރި މީހާ. ބައްޕަ ވަރަށް މުސްކުޅި ވެއްޖެ. އެހެންވީމަ، އަޅުގަނޑު ނިންމާފައި ވަޒީފާއަކަށް ވަނީމަ ބައްޕަ އަށް ރިޓަޔާކުރެވެން އޮތީ ވެސް."

"ބައްޕަ ވިސްނައިގެން ހުރީ އަޅުގަނޑު ކިޔަވަން ދާތާ 1-2 އަހަރު ތެރޭގައި ނިމޭނެއޭ. އައިސްފައި ވަޒީފާއެއް ލިބި ހަމައަކަށް އެޅުނީމަ ރިޓަޔާވާ ވިސްނުން ހުރީ. އެކަމަކު ވެސް ދިގު ދެމިގެން ދިޔައީމަ ރިޓަޔާނުވެވި ހުރި،" ބޯޓު ދަތުރުކޮށް، އާއިލާ ބަލަހައްޓަމުން އަންނަ ބައްޕައާ ގުޅޭގޮތުން މުހައްމަދު ބުންޏެވެ.

އޭނާއަށް ދިން ކޯހުގެ ސްޓްރަކްޗާގައިވާ ގޮތުން ކިޔަވަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި ޓްރެއިނިން ނިމޭނެ އެވެ. އަދި ކިޔެވުމަށް ހަރަދުވާނެ ކަމަށް ބުނެފައިވަނީ 33،795 ޑޮލަރެވެ. އެކަމަކު މުހައްމަދު ބުނީ މިދިޔަ ފެބްރުއަރީ މަހު ނެގި އެކައުންޓް ސްޓޭޓްމަންޓުން ސްކޫލަށް އެކަނި ވެސް 52،106 ޑޮލަރު ދައްކާފައިވާކަން އެނގޭ ކަމަށެވެ.

ލޯނަށް 750،300ރ. ލިބުނުއިރު ވޭތުވެދިޔަ އަހަރުތަކުގެ ހުރުމާއި ކެއުމުގެ ހަރަދަށް އެކަނި ވެސް 397،005ރ. ހަރަދުކޮށްފި އެވެ.

މުހައްމަދު ކިޔަވަން ނެތި ލޯނުގެ މުއްދަތު ހަމަވުމުން 19 ވަނަ މަހަށް ފަހު އެ ލޯނު އަނބުރާ ދައްކަން ޖެހިފައި ވެ އެވެ. އެހެންވެ، އެ ލޯނަށް ކޮންމެ މަހަކު ވެސް ބައްޕަ ދިޔައީ 15،100ރ. ދައްކަމުންނެވެ. އެކަމަކު، މި ފަހުން އެ ލޯނުތައް ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން ލުއެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

އޭނާގެ ކިޔެވުން ފުރިހަމަވާން ބާކީ އޮތީ 8-12 ގަޑިއިރުގެ އުދުހުމެވެ. ރަނގަޅަށް ބޯޓުގެ މެއިންޓެނެންސް ބެލެހެއްޓިގެން ދިޔަ ނަމަ މިދިޔަ އަހަރުގެ ޖުލައި ހިސާބުގައި ކިޔެވުން ނިމުނީސް ކަމަށް މުހައްމަދު ބުނެ އެވެ. މިދިޔަ ފެބްރުއަރީ ހަތަރެއްގައި އެ ޒުވާނާ އެންމެ ފަހުން ބޯޓު ދުއްވުމަށް ފަހު ޕްރައިވެޓް ޕައިލެޓް ލައިސަންސް (ޕީޕީއެލް) ވަނީ ނަގައިފަ އެވެ. ބޭރަށް ދިޔަސް ބައެއް ގައުމުތަކުގައި ޕީޕީއެލް ބޭނުންކުރެވޭތީ އެއީ ލިބޭ ކުޑަ ހިތްހަމަޖެހުމެކެވެ. އެކަމަކު ވަޒީފާއެއް ލިބޭނީ ކޮމާޝަލް ޕައިލެޓް ލައިސެންސް (ސީޕީއެލް) ހޯދައިގެންނެވެ.

އޭއޭއޭގައި ބޭނުންކުރާ ބޯޓުތައް ގްރައުންޑުކޮށްފައި.-- ފޮޓޯ: ސްޓޫނެޓް ޔޫނިއަން

އޭއޭއޭގައި ބޭނުންކުރާ ބޯޓުތައް ގްރައުންޑުކޮށްފައި.-- ފޮޓޯ: ސްޓޫނެޓް ޔޫނިއަން

"ވަރަށް ބޮޑަށް ރިގްރެޓްކުރަން އޭއޭއޭ އަށް ދެވުނީމަ. ވަރަށް ގިނަ ކުދިން ވެސް ބުނާނެ އެއީ ހަޔާތުގައި އެޅުނު އެންމެ ބޮޑު ޅައެއްޗޭ އެއީ،" ކޯސް ނުނިމޭތީ ކައިވެނި ވެސް ދެ ފަހަރެއްގެ މަތިން ފަސްކޮށް، ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން މިދިޔަ އޭޕްރީލް މަހު މާލެ އައިސްފައިވާ ޒުވާނާ ބުންޏެވެ.

މުހައްމަދު ބުނިގޮތުގައި ހަ އަހަރުވެގެން ދިޔައިރު ކޯސް ނުނިމުނީ ސްކޫލުގެ ވަރަށް ގިނަ މައްސަލަތަކާ ހުރެ އެވެ. އޭގެ އެންމެ ބޮޑު އެއްޗަކީ އެއާކްރާފްޓް މެއިންޓަނަންސް ނުކުރުމެވެ. އޭގެ އިތުރުން ސްކޫލަށް ނުކަތާ ވަރަށް ކުދިން ނަގަން ފެށުމަކީ ވެސް އެ މައްސަލަތައް އެގޮތަށް ދިއުމުގެ އެއް އަސްލެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކީ 2018 ވަނަ އަހަރު ފްލައިން ސްކޫލަށް ނުކަތާ ވަރަށް އެ ތަނަށް ކުދިން ނެގުމެވެ. އޭގެ އަނެއްކޮޅުން އިންސްޓްރަކްޓަރުން ދިޔައީ ކެނޑިގެންނެވެ.

"ހަރަދަށްވުރެ ބޮޑަށް އަޅުގަނޑަށް ބޭކާރުވީ ވަގުތު. ވަރަށް ބޭކާރު ހަރަދު ހިނގައްޖެ. އެއަށްވުރެ ބޮޑަށް އަޅުގަނޑަށް ޓައިމް މައްސަލައަކަށްވީ. މި ވޭތުވެދިޔަ ހަ އަހަރެއް ދެން ނުލިބޭނެ. މަންމަ ބަލިވުމުން އެއްކޮށްފައި ހުރި ފައިސާއިން ވެސް ބައެއް ފަހަރު ހަރަދުކުރަން ޖެހޭ،" މާލެއަށް އުފަން އެ ޒުވާނާ ބުންޏެވެ.

މިގޮތަށް ކަންތައް ވުމުން އެމްބީބީއެސް ހަދަން ދެވުން ނަމައޭ ހިތަށް އަރާ ކަމަށް ބުންޏެވެ.

"ވަރަށް ގިނައިން ހިތަށްއެރި މިކަން ހުއްޓާލަން. އެކަމަކު ވެސް ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް އެޅިފައި އޮތީމަ ނުދެވިފައި މި ހުންނަނީ. ބަލަންޖެހޭ އާއިލާއެއް އެބައޮތް. މީހަކާ އިންނަން ވެސް އެބަޖެހޭ. ކަމެއް ނުކުރެވިފައި މި ހުންނަނީ މި ކަމާ ހެދި."

ގަމުގައި އެއާޕޯޓު ހިންގަން ދިން މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެ އެއާޕޯޓު ހިންގާ ކުންފުނިން ބުނީ ފްލައިން ސްކޫލު ހިންގުމުގެ އެގްރިމެންޓް އިތުރުކުރުމުގެ ވިސްނުމެއް ދެން ނެތް ކަމަށެވެ. އެހެންވެ، އޭއޭއޭއިން ފްލައިން ސްކޫލު އޮޕަރޭޓްކުރާ ނަމަ އަލުން ޖެހޭނީ ހުއްދަ ނަގާށެވެ. އެއާއެކު ދަރިވަރުންގެ ކިޔެވުން އެއްކޮށް ހުއްޓިގެންދާނެ އެވެ.

މުހައްމަދު ބުނީ އިތުރު ވަގުތު ބޭކާރުނުކޮށް ވީހާ ވެސް އަވަހަކަށް ކިޔެވުން ފުރިހަމަކުރަން އޭނާ ބޭނުންވާ ކަމަށެވެ. އެއްގޮތަކީ، ލޯނު އިތުރުކޮށްގެން ބޭރަށް ދިއުމެވެ. އެކަމަކު ޕީޕީއެލް ގަބޫލުކުރާ އެމެރިކާ އަށް މި ދަނޑިވަޅު ދިއުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެ ތަނަށް ކިޔަވަން ދާނަމަ އިތުރަށް 10،000-15،000 ޑޮލަރު ހަރަދުވާނެތީ އޭނާ އަށް މި ވަގުތު އޮތް އެންމެ ރަނގަޅު އޮޕްޝަނަކީ ސަރުކާރުން ފްލައިން ސްކޫލެއް ހުޅުވުމުން އެތަނުން ކިޔެވުން ނިންމައި ވަޒީފާ އަށް ނުކުތުމެވެ.

"އަސްލު ނެތް ހަމަ އެއްގޮތަކަށް ވެސް ކިޔެވުމަށް ދެން ވާނެ ގޮތެއް. ވަރަށް ބޮޑު ސުވާލެއްގައި މި ހުންނަނީ. އުއްމީދަކީ ކޮންމެ ވެސް ކަހަލަ ރަނގަޅު ހަބަރެއް ސަރުކާރުން ލިބުން،" ކިޔެވުން ކުރިއަށްގެންދާނެ އިތުރު ގޮތެއް ނެތުމުން މިދިޔަ އޭޕްރީލް މަހު މާލެ އައިސްފައި ހުރި ޒުވާނާ ބުންޏެވެ.

"އޭއޭއޭގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރިއަސް އެތަން ނުވާނެ އަޅުގަނޑަށް އޮޕްޝަނަކަށް. އަޅުގަނޑާއި ދެން ތިބި ދަރިވަރުންނަށް ވަރަށް ގޯސްކޮށް ކަންތައް ކުރީ. ބާކީ އޮތް މުއްދަތު ހިލޭ ދޭން ބުންޏަސް ނުދާނަން އޭއޭއޭއަކަށް."

ރަފްހާން ރިޔާޒު، 23، ވެސް ބުނީ 18 މަސް ދުވަހުގެ ތެރޭގައި އޭނާގެ ކިޔެވުން ނިމޭނެ ކަމަށް ފްލައިން ސްކޫލުން ދިން ސްޓްރަކްޗާއިން ދައްކާ ކަމަށެވެ. ރަނގަޅަށް ކިޔެވުން ދިޔަ ނަމަ މިދިޔަ އަހަރުގެ މާޗު މަހު އޮންނާނީ ރަފްހާންގެ ކިޔެވުން ނިމިފަ އެވެ.

"ސްކޫލުގައި ނޯންނާނެ ފިކްސްޑް ގަވައިދެއް. އެއް ފަހަރު ބުނާނެ، ހަތަރު އެގްޒާމް ނިންމާށޭ. ނިންމީމަ މިވެނި ފޭސް އެއް ފައްޓައިދޭނަމޭ. އޭތި ނިންމާފައި ދިޔައީމަ ބުނާނެ އަށް އިމްތިހާނު ނިންމާށޭ. އެގޮތަށް ނޯންނާނެ ފިކްސްޑް ގަވައިދެއް،" އަހަރެއް ވަންދެން ޓީއެމްއޭގެ ކެބިންކްރޫއަކަށް އުޅުމަށްފަހު ކިޔަވަން ދިޔަ ދަރިވަރު ބުންޏެވެ.

ކިޔެވުމުގައި ފާއިތުވި ތިން އަހަރު ރަފްހާނަށް ހާސިލްވި ކަމެއް ނެތަސް ފްލައިން ސްކޫލަށް އެކަނި ވެސް 800،000ރ. ހަރަދުކޮށްފި އެވެ. އޭގެ އިތުރުން އައްޑޫގައި ހުރުމާއި ކެއުމުގެ ކަންކަމަށް ކޮންމެ މަހަކު 6000-7000ރ. ހޭދަކުރި އެވެ. އެ ކަންކަމުގައި އެންމެ ބޮޑު އެހީއެއް ދިނީ ބައްޕަ އެވެ.

"ބޭނުމެއް ނޫން އެހެން ބަޔަކު އެތަން އޯވަޓޭކް ކުރާކަށް. ބޭނުން ވަނީ މި ގެއްލުނު ވަގުތާއި އަތުން ދިޔަ ހަރަދުގެ ކޮންމެ ވެސް ބަދަލެއް ސްކޫލު ފަރާތުން ވިޔަސް ސަރުކާރު ފަރާތުން ވިޔަސް ލިބެން،" ތިން ބެއިންގެ ތެރެއިން އެންމެ ދޮއްޓަށް ހުރި ރަފްހާން ބުންޏެވެ.

އޭނާގެ ކޯސް ނިމެން ބާކީ އޮތީ 10 ގަޑިއިރުގެ އުދުހެމެވެ. މިދިޔަ މާޗު މަހުން ފެށިގެން ފްލައި ކުރެވޭނެ ގޮތެއް ނެތި، އެންމެ ފަހުން މިދިޔަ އޭޕްރީލް މަހު އޭނާ ވަނީ އާއިލާ ކައިރިއަށް މާލެ އައިސްފަ އެވެ. ރަފްހާނަށް ޕީޕީއެލް ލިބެން ވެސް އޮތީ ބާކީ އެންމެ ދޮޅު ގަޑިއިރުގެ އުދުހުމުންނެވެ.

އެކަމަކު ތިން އަހަރު ވެގެންދާއިރު، އެއްވެސް ފައިދާއެއް ނުލިބި އޭނާގެ ބޮލުގައި އެޅުނީ ބޮޑު ލޯނެކެވެ.

"ރިގްރެޓްކުރަން އަބަދު ވެސް [އޭއޭއޭ އަށް ދެވުނީމަ]. އޭރުގައި ނެތް އިތުރު ޗޮއިސެއް. މި ހިސާބަށް އަސްލު އައީ ސަރުކާރާއި އިދާރާތަކާ އެންމެންގެ އިހުމާލުން. އެންމެންނަށް ވެސް މާ ކުރިން އެނގޭ ސްކޫލުގެ ހަގީގަތް. އަސްލު ބުނާ ނަމަ އަޅުގަނޑު އާދޭސްކުރިން އޮތޯރިޓީތަކުގައި ނުފޮނުވަން ފުރަތަމަ ދާން އުޅުނުއިރު ވެސް. އިތުރު ތަނަކަށް ދާން އުޅެންޏާ ލޯނެއް ނުދޭނަމޭ ބުނީމަ އިތުރު ޗޮއިސެއް ނެތީ. ދެން ދިޔައީ،" ރަފްހާން ބުންޏެވެ.

"ދެން މައްސަލައެއް ނެތް އޭއޭއޭއިން ނުނިންމުނަސް. ރާއްޖެއިން ބޭރުގެ އެހެން ސްކޫލުތައް ވެސް އެބަ ބަލަން. ދުނިޔޭގެ ގިނަ ސްކޫލުތަކުން، އައްޑޫގައި މި ހެދި އަވާސް ފުލީ ގަބޫލެއް ނުކުރޭ."

ދަރިވަރުން ބުނަނީ ބަދަލު ބޭނުންވާ ކަމަށް

ރަފްހާން ބުނީ އެހެން ބަޔަކު މިކަމަށް އަޔަސް ފްލައިން ސްކޫލު އަލުން ފަށަން 4-6 މަސް ނަގާނެ ކަމަށެވެ. އެހެންވެ، އެ ވަގުތަށް ވެސް މަޑުނުކޮށް ވީހާ ވެސް އަވަހަކަށް އެހެން ސްކޫލަކަށް ނަމަވެސް ދިއުމަށް ރަފްހާން ހުރި ތައްޔާރަށެވެ. ރަފްހާން ބުނީ އޭނާއަށް ވަގުތު ވަރަށް މުހިއްމު ކަމަށެވެ. އަށާރަ މަހުން ނިމެންޖެހޭ ކޯހަކަށް ތިން އަހަރުވެގެންދާއިރު އޭނާ ހުރީ މިހާރު މިކަމުން ފޫހި ވެސް ވެފަ އެވެ.

އެހެން ބަޔަކަށް އޭއޭއޭ ވިއްކާލާފައި ވިޔަސް އެ ތަނުގެ މެނޭޖްމަންޓަށް ފަސޭހައިން ފުރައިގެން ދެވިގެން ނުވާނެ ކަމަށް ފްލައިން ސްކޫލުގެ ދަރިވަރުން ދެކެ އެވެ. އެ ކުދިން ބުނާގޮތުން، ދަރިވަރުންނަށް ލިބުނު ގެއްލުމަށް ކޮންމެ ވެސް ވަރެއްގެ ބަދަލެއް ލިބެން ޖެހޭނެ އެވެ.

"ރީފަންޑު ހޯދަން އެދިފައިވަނީ. ހުރިހާ އެއްޗެއް ބްލޭމް ކޮށްފައި ވަނީ ކޮވިޑާ. ނަމަވެސް އެއާލައިންނަކާ ފްލައިން ސްކޫލެއް އެއްހަމަ ނުކުރެވޭނެ. ކޮވިޑް ވިޔަސް ދަރިވަރުން ކޯހުގެ ފީ ދައްކާ. އެއީ ހަމަޖެހޭ ވާހަކައެއް ނޫން،" ރަފްހާން ބުންޏެވެ.

ފްލައިން ސްކޫލުގެ މައްސަލައިގައި، އެ ސްކޫލުގެ އިސްވެރިންނާ މަޖިލީހުގެ ކޮމިޓީން މި އަހަރުގެެ ކުރީކޮޅު ބައްދަލުކުރައްވަނީ.- ފޮޓޯ: މަޖިލިސް

ފްލައިން ސްކޫލުގެ މައްސަލައިގައި، އެ ސްކޫލުގެ އިސްވެރިންނާ މަޖިލީހުގެ ކޮމިޓީން މި އަހަރުގެެ ކުރީކޮޅު ބައްދަލުކުރައްވަނީ.- ފޮޓޯ: މަޖިލިސް

ނަން ނުޖެހުމަށް ޝަރުތުކޮށް އައްޑޫން ވާހަކަދެއްކި ދަރިވަރަކު ބުނީ، ލޯނު ނުނަގައި އާއިލާގެ އެހީގައި ކިޔެވިއަސް މުއްދަތު ދިގުލައިގެން ދިއުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

އޭނާގެ ކޯހުގެ ސްޓްރަކްޗާގައި 42،000 ޑޮލަރު ދައްކަންޖެހޭނެ ކަމަށް ބުންޏަސް ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ކޯހަށް 43،000 ޑޮލަރު ދެއްކިފައިވެ އެވެ.

"ކޯސް ނުނިމާ ކޮންމެ ދުވަހަކީ އަމިއްލަ އާއިލާއާ އެކު އުޅުނަސް، ފެމިލީ އިން ހަރަދުކުރިއަސް މިއީ ވެސް ހަމަ ގެއްލުމެކޭ... ވަރަށް ގިނަ މީހުން ހިތަށްއަރާނެ އަމިއްލަ ހަރަދުގައި މިވަރު ސްޕެންޑުކުރީމަ އެއީ ހަމަ ކުރެވިގެން ކުރި ކަމެއްބާއޭ. އެހެންނެއް ނޫން. އަޅުގަނޑުގެ ފެމިލީ، ޕޭރެންޓްސް އެކަންޏެއް ނޫން. ވަރަށް ބައިވަރު މީހުންގެ އެހީއާއެކު މި ހިސާބަށް އާދެވުނީ،" އެ ދަރިވަރު ބުންޏެވެ.

"މެންޓަލީ ވަރަށް ޑައުންވާ ދުވަސްތައް ވެސް ދޭ. އަބަދު ވެސް އެގޮތުގައި ދަނީ. އަސްލު ބުނަންޏާ ކިޔެވުމަށް ކުރަންޖެހޭ ފޯކަސްއެއް ވެސް ނުވޭ."

އެ ދަރިވަރު ބުނީ ސްކޫލުގެ ކަންކަން ދޯދިޔާކޮށް ދިޔަޔަސް ދޫދިނުމެއް ނެތް ކަމަށެވެ. އާއިލާ އަށް އޭނާގެ ފަރާތުން ކަމެއް ކޮށްދެވޭނީ ވެސް ކިޔެވުން ނިންމައިގެން ކަމަށްވާތީ އެ ޒުވާނާ މިހާރު އެންމެ އިންތިޒާރުކުރަނީ ކޮކްޕިޓްގައި އިނދެ، ބޯޓު ދުއްވާލެވޭނެ ދުވަހަކަށެވެ.

"ލައިފް ހުއްޓިފައި މި ހުންނަނީ. ކޯސް ނުނިމި ހަ އަހަރު މި ވީ. ކުރިއަށް ދިއުމުގެ އެއްވެސް މަގެއް ނެތް. މުޅި ލައިފް އަނެއްހެން ހުއްޓިފައި މި ހުންނަނީ،" ކޯސް ނިންމަން ބާކީ 15 ގަޑިއިރުގެ އުދުހުން އޮތް ޒުވާނާ ބުންޏެވެ.

"ވަރަށް ބޮޑަށް ރިގްރެޓްކުރަން އޭއޭއޭ އަށް ވަދެވުނީމަ. އަޅުގަނޑު 2015 ގައި މިކޮޅަށް އައުމުގެ ކުރިން އޮޕަޗިއުނިޓީ ލިބުނު ބޭރަށް ކިޔަވަން ދާން ހަމަ ފެމިލީ ސައިޑުން. އެކަމަކު އޭގައި ކުޑަ ޑިލޭތަކެއް އުޅޭތީ އަވަހަށް ނިންމަން އައީ. އޭއޭއޭގެ މިސް މެނޭޖްމަންޓާ ހެދި ގިނަ ކުދިންނަށް މިހެން މި ވަނީ. ރޫލެއް، ރެގިއުލޭޝަނެއް އެއްވެސް އެއްޗެއް ސްކޫލަކުން ނީންނާނެ ފެންނާކަށް،" އައްޑޫގައި ހުރި ދަރިވަރު ބުންޏެވެ.

އެ ހުރިހާ ދަރިވަރުން ވެސް ބުނީ ކިޔެވުމަކީ މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓެއް ކަމަށެވެ. އެކަމަކު ބައެއްގެ ފަރުވާ ކުޑަކަމުން، ކިޔެވުން ނުނިމި ބޮޑު ދަރަންޏެއް ބޮލުގައި އެޅުވުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމަކަށް ނުވި އެވެ. އެހެންވެ، ފްލައިން ސްކޫލުގައި ތިބި ދަރިވަރުން މިހާރު ބޭނުންވަނީ އެކަމުގައި ޒިންމާވާ މީހުންނަށް އަޅައި ވީހާ ވެސް އަވަހަކަށް ކޯސް ނިންމޭނެ މަގު ފަހިވުމެވެ.