Roadha Mihaaru
ޕައިލެޓް ކޯސް ލިބުނު ބައެއް މީހުން ކޯސް ބަދަލުކުރަނީ

ޕައިލެޓުކަން ކިޔަވަން ލިބުނު ބައެއް ދަރިވަރުން އެހެން ކޯސްތަކަށް ބަދަލުވަނީ

09 ސެޕްޓެމްބަރ 2024

ސަރުކާރުގެ ލޯނު ސްްކީމުގެ ދަށުން ޕައިލެޓުކަން ކިޔަވަން ފުރުސަތު ލިބުނު ބައެއް ދަރިވަރުން، ޕައިލެޓުންނަށް ވަޒީފާގެ ދަތިކަން ބޮޑުވެފައިވާތީ ކޯސް ބަދަލުކުރަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސަރުކާރުގެ ލޯނު ސްްކީމުގެ ދަށުން ޕައިލެޓުކަން ކިޔަވަން ފުރުސަތު ލިބުނު ބައެއް ދަރިވަރުން، ޕައިލެޓުންނަށް ވަޒީފާގެ ދަތިކަން ބޮޑުވެފައިވާތީ ކޯސް ބަދަލުކުރަން ފަށައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަދާ މުހައްމަދު "މިހާރު" އަށް ވިދާޅުވީ ލޯނު ހަމަޖެހުމަށް ފަހު، މިހާތަނަށް ކިޔަވަން ނުފުރާ ތިބި ބައެއް ދަރިވަރުން އެހެން ކޯސްތަކަށް ބަދަލުކޮށްދޭން އެދެމުން އަންނަ ކަމަށެވެ.

"ވަރަށް މަދުން ނަމަވެސް ބައެއް ދަރިވަރުން ދަނީ ކޯސް ބަދަލުކޮށްދޭން އެދެމުން،" އޭނާ ވިދާޅުވި އެވެ.

ނަދާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ހަރަދުގައި ޕައިލެޓްކަން ކިޔަވަން މި އަހަރު 10 ފުރުސަތު ދީފައިވާއިރު، މިހާތަނަށް އެ ދަރިވަރުން ކޯސް ބަދަލެއް ނުކުރެ އެވެ. އެކަމަކު ކޯސް ބަދަލުކުރަން ބޭނުން ނަމަ އެ ފުރުސަތު އޮންނާނެކަން މިނިސްޓްރީން އިއުލާން ކުރާނެ ކަމަށް ނަދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕައިލެޓްކަން ކިޔަވަން ލޯނު ހަމަޖެހިފައިވާ ދަރިވަރުންގެ ތެރޭގައި ހަމައެކަނި އޯލެވެލް ހަދާފައިވާ ކުދިން ވެސް ހިމެނެ އެވެ. އެހެންވެ ޑިގްރީ ކޯހަކަށް ބަދަލުވުމުގެ ފުރުސަތެއް ނޯވެ އެވެ.

އެކަމަކު އެ ދަރިވަރުންނަށް ވެސް ފުރުސަތު ދެވޭނެ އެހެން ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އަށް ބޭނުންވާ ވަރަށްވުރެ ގިނައިން ޕައިލެޓުން ތަމްރީނުކޮށްފައި ވާއިރު އެ މީހުންނަށް ވަޒީފާ ނުލިބުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު އަހަރު ވަނީ ސަރުކާރުން ދޫކުރާ ލޯނުގެ ހަރަދުގައި ޕައިލެޓްކަން ކިޔަވަން 500 އެއްހާ ދަރިވަރުންނަށް ފުރުސަތު ދީފަ އެވެ. އެއް ދާއިރާއަކުން ކިޔަވަން މީގެ ކުރިން އެހާ ގިނަ ފުރުސަތެއް ނުދެ އެވެ.

ސަރުކާރު ބަދަލުވުމަށް ފަހު މި ސަރުކާރުގެ ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއް ދާއިރާއަކުން މިހާ ގިނަ ބަޔަކަށް ފުރުސަތު ދީފި ނަމަ، ވަޒީފާ ނުލިބި ގައުމީ މައްސަލައަކަށް ވެދާނެ އެވެ.

މިވަގުތު ވެސް ޕައިލެޓްކަން ކިޔަވައިގެން އައިސް ތިބި 70 އެއްހާ ދަރިވަރުން ތިބީ ވަޒީފާ ނުލިބި އެވެ. އެ ދަރިވަރުން ތަފާތު އެކި ދާއިރާތަކުން ވަޒީފާ އަދާކުރަމުން އަންނައިރު މި ދަރިވަރުންނަށް ޕައިލެޓަކަށް ވާން ފުރުސަތު ލިބޭނެ އިރެއް ވެސް ނޭނގެ އެވެ. އަދި މިވަގުތު ވެސް ރާއްޖެއިން ބޭރުގައި 300 އެއްހާ ދަރިވަރުން ޕައިލެޓްކަން ކިޔަވަމުން އެބަދެ އެވެ.

އެެހެންވެ މިނިސްޓަރު އަމީން ވަނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ އެކު އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ލޯނު ސްކީމްގައި ކިޔަވަން ނުގޮސް ތިބި ދަރިވަރުން އަދި ބެލެނިވެރިންނަށް މިކަން އޮޅުންފިލުވައިދީ ކޯސް ބަދަލުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާކުރާނެ ކަމަށް ވިދާޅުވެފަ އެވެ.