Roadha Mihaaru
އޭއޭއޭގެ ދަރިވަރުންގެ ކިޔެވުން ނިންމަން ސަރުކާރު ލޯނެއް

އޭއޭއޭގެ ދަރިވަރުންގެ ކިޔެވުން ނިންމަން ސަރުކާރުގެ ލޯނެއް

19 ޑިސެމްބަރ 2021

އައްޑޫގައި ހިންގަމުންދިޔަ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ޕައިލެޓް ޓްރެއިނިން ހަދަން ފެށި ދަރިވަރުންގެ ކިޔެވުން، ގައުމީ އެއާލައިނުން އަލަށް ހަދާ ފްލައިން ސްކޫލުގައި ނިންމުމަށް ސަރުކާރުން ލޯނު ހަމަޖައްސައިދޭން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގައި ހިންގަމުންދިޔަ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ޕައިލެޓް ޓްރެއިނިން ހަދަން ފެށި ދަރިވަރުންގެ ކިޔެވުން، ގައުމީ އެއާލައިނުން އަލަށް ހަދާ ފްލައިން ސްކޫލުގައި ނިންމުމަށް ސަރުކާރުން ލޯނު ހަމަޖައްސައިދޭން ނިންމައިފި އެވެ.

ސްރީލަންކާގެ ކުންފުންޏަކުން ހިންގަމުންދިޔަ އޭއޭއޭއަށް ކޯހުގެ ފީގެ ގޮތުގައި އެތައް ހާސް ޑޮލަރު ދެއްކި ނަމަވެސް ކިޔެވުން ފުރިހަމަނުކުރެވި 100 އަށް ވުރެ ގިނަ ދަރިވަރުން އެބަތިއްބެވެ.

އެ ތަނުގެ ހިންގުން ބޮއްސުންލައިގެން ގޮސްފައިވަނިކޮށް އާ ފްލައިން ސްކޫލެއް ހިންގަން ނިންމީ، ގައުމީ ޔުނިވާސިޓީއާ ގުޅިގެން މޯލްޑިވިއަން އެއާލައިނުންނެވެ.

އެ ކުންފުނިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދަރިވަރުންގެ ކިޔެވުމުގެ ކޯސް ފީ ސްޓްރަކްޗާއާ ގުޅޭގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ "މިހާރު" އަށް މިއަދު ވިދާޅުވީ އޭއޭއޭގައި ކިޔެވުން ފުރިހަމަނުކުރެވި ތިބި 85 ދަރިވަރަކު ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ.

އެކި ދަރިވަރުން ތިބީ ކޯހުގެ އެކި ލެވެލްގަ އެވެ.

"އެއްބައި ކުދިންނަށް ވަރަށް އަވަހަށް ވެސް ކޯސް ނިންމިދާނެ. އެހެންވީމަ އެކި ކުދިންނަށް ފީގެ ގޮތުގައި ޖެހޭވަރު ތަފާތުވާނެ،" އޭނާ ވިދާޅުވި އެވެ.

ޖެނީފާ ވިދާޅުވީ ދަރިވަރުން ކިޔެވުން ނިންމަން ބޭނުންވާ ލޯނު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.

"އެ ހުރިހާ ދަރިވަރުންނަށް ވެސް މި މައުލޫމާތުތައް ހިއްސާކޮށްފައި ވާނީ،" ޖެނީފާ ވިދާޅުވި އެވެ.

އާ ފްލައިން ސްކޫލުގައި މި މަހުގެ ފަހުކޮޅު ކިޔެވުން ފެށުމަށް ފަހު އަންނަ މަހުގެ ތެރޭގައި އާ ބޯޓެއް ގެނެސް އުދުހުންތައް ފަށަން ވަނީ ނިންމައިފަ އެވެ.

ކޯހުގެ ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ. އެއަށް ފަހު، ކިޔެވުން ނިމޭ ވަރަކުން އެހެން ދަރިވަރުންނަށް ޖާގަ ދެމުން، ފުރަތަމަ އަހަރު މަދުވެގެން 80 ދަރިވަރުންނަށް އެ ސްކޫލުގައި ކިޔެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވިއަން އިން ކުރިން ބުނެފައިވެ އެވެ.