Roadha Mihaaru
މައިކަލް ޖޯޑަންގެ ތާރީހީ ބޫޓެއް ނީލަމެއްގައި

މައިކަލް ޖޯޑަންގެ ތާރީހީ ބޫޓެއް ނީލަމެއްގައި ވިއްކައިލަނީ

12 މެއި 2020

އެމެރިކާގެ މަޝްހޫރު ބާސްކެޓް ލެޖެންޑް މައިކަލް ޖޯޑަންގެ ކެރިއަރުގައި ބޭނުންކުރި ތާރީހީ ބޫޓެއް ނީލަމެއްގައި ވިއްކައިލަން ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ބާސްކެޓް ލެޖެންޑް މައިކަލް ޖޯޑަންގެ ކެރިއަރުގައި ބޭނުންކުރި ތާރީހީ ބޫޓެއް ނީލަމެއްގައި ވިއްކައިލަން ހުޅުވާލައިފި އެވެ.

އެމެރިކާގެ އޮކްޝަން ހައުސް ސޮދަބީޒުން ކުރިއަށް ގެންދާ ނީލަމުގައި ޖޯޑަން ބޭނުންކުރި އެއާ ޖޯޑަން 1 ވިއްކައިލަން ހުޅުވައިލީ މިދިޔަ ހުކުރު ދުވަހު އެވެ. މި ނީލަން މި މަހުގެ 17 އާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ބޫޓް އެންމެ ދަށްވެގެން ވެސް 150،000 ޑޮލަރަށް ވިއްކައިލެވޭނެ ކަމަށް ސޮދަބީޒުން ބުންޏެވެ.

ރަތާއި ހުދާއި ކަޅު ކުލަ އެކުލެވޭ އެ ބޫޓަކީ ނައިކީން 1985 ސީދާ ޖޯޑަން އަށް ހާއްސަކޮށްގެން އުފެއްދި ބޫޓެކެވެ. އަދި އޭގައި ޖޯޑަންގެ އޮޓޯގްރާފް ވެސް ހިމެނެ އެވެ. އަދި އެ ބޫޓަކީ ކުލަބް ޝިކާގެ ބުލްސްގައި އޭނާ ހޭދަކުރި މުއްދަތުގެ ތެރޭގައި ކެރިއަރުގެ ވަރަށް ގިނަ ދުވަސްތަކެއްގައި ބޭނުންކުރި ބޫޓެކެވެ.

އެއާ ޖޯޑަން 1 އަށް ލިބުނު ބޮޑު މަޝްހޫރުކަމާ އެކު، ކުދިކުދި ބައެއް ބަދަލުތައް ގެނެސްގެން ނައިކީން އެ ވައްތަރުގެ ބޫޓް ފަހުން ބާޒާރަށް ވެސް ނެރެފައިވެ އެވެ. މި ބޫޓް ފަރުމާކޮށްފައި ހުންނަނީ އަރައިގެން ހުންނަ އިރު ފައިގެ ތަނބިކައްޓަށް ވުރެ ތަންކޮޅެއް މައްޗަށް ހުންނަ ގޮތަށެވެ.

ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި ބާސްކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޖޯޑަންގެ ކެރިއަރު 1984-2003 އާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އޭނާގެ ކެރިއަރުގެ ރަން ޒަމާނަކީ 1984-1998 އެވެ. އެ މުއްދަތުގެ ތެރޭގައި ޖޯޑަން ބާސްކެޓުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި އެމްބީއޭގެ ޗެމްޕިއަންކަން ހަ ފަހަރެއްގެ މަތިން ހޯދާފައިވެ އެވެ.

މިހާރު އުމުރުން 57 އަހަރުގެ ޖޯޑަން އަކީ ބާސްކެޓް ކެރިއަރުން ހޯދި އާމްދަނީން އެންމެ ފުރަތަމަ އެންބީއޭގެ ތާރީހުގައި ވެސް ބިލިއަނަކަށްވި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެ މަގާމު އޭނާ އަށް ލިބުނީ 2014 ގަ އެވެ. މިހާރު މިލްކިއްޔާތު 2.1 ބިލިއަން ޑޮލަރަށް އަރާ ޖޯޑަން އަކީ ފަސް ކުދިންގެ ބައްޕައެކެވެ. އޭނާގެ ތިބެނީ ދެ ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ.