Roadha Mihaaru
ޔ. ވިކްޓަރީއާ އެއްވަރުވެ ބީޖީ އަށް އުނދަގޫތަކެއް

ޔުނައިޓެޑް ވިކްޓަރީއާ އެއްވަރުވެ ބީޖީ އަށް އުނދަގޫތަކެއް

15 ސެޕްޓެމްބަރ 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ 0-0 އިން އެއްވަރުވެ، ބީޖީ ސްޕޯޓްސް އަށް އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ 0-0 އިން އެއްވަރުވެ، ބީޖީ ސްޕޯޓްސް އަށް އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.

ރެލިގޭޓްވުމުގެ ބިރުހީވެފައި އޮތް ބީޖީ މި މެޗަށް ނުކުތްއިރު އެ ޓީމަށް ތިން ޕޮއިންޓް ހޯދުން އޮތީ ވަރަށް މުހިއްމުވެފަ އެވެ. އެއީ އިއްޔެ ކުޅުނު މެޗުން ލީގުގެ ހަތް ވަނައިގައި އޮތް ވިކްޓަރީން ނިއު ރޭޑިއަންޓް އަތުން މޮޅުވުމުންނެވެ.

ލީގުގައި ބާކީ ފަސް މެޗު މި ދެ ޓީމަށް ވެސް އޮތްއިރު، ބީޖީ އެންމެ ފުލުގައި އޮތީ 16 މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު އެވެ. ވިކްޓަރީ ހަތް ވަނައިގައި އޮތީ 16 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.

މިދިޔަ އަހަރު ލީގަށް ގެނައި ބަދަލާ އެކު އެންމެ ފުލަށްދާ ޓީމެއް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ. އަދި ޕްރިމިއާ ލީގުގެ ހަތް ވަނައިގައި ނިންމާ ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަންގެ ދެ ވަނަ ޓީމާ ޕްލޭއޮފް މެޗުގައި ބައްދަލުކުރާށެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ތަނަވަސްކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. ބީޖީގެ ޑޭވިޑް އޮސާގީ އަޑެލޭކޭ އޭރިއާ ބޭރުން ދެ ބޯޅައެއް ފޮނުވާލިއިރު ގޯލާ ސީދާވާގޮތެއްނުވި އެވެ.

ބީޖީގެ އަފްލާހް (ކ) އާއި އައްސަދު (ވ) ކައިރިން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްޓަރީގެ ހައިޝަމް (މ) މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީޖީގެ އަފްލާހް (ކ) އާއި އައްސަދު (ވ) ކައިރިން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްޓަރީގެ ހައިޝަމް (މ) މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ 40 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ ބްރެޒިލް މިޑްފީލްޑަރު ރަފީނިއާ ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިންނެވެ.

ދެ ވަނަ ހާފްގައި ޔުނައިޓެޑް ވިކްޓަރީގެ އިބްރާހިމް ޝަފްރާޒް އާއި މުހައްމަދު ނައްޒާމަށް ވެސް ފުރުސަތުތަކެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ.

ބީޖީގެ ކެޕްޓަން އިބްރާހިމް ޝިޔާމް (ދޮނާ) ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އަދި ބީޖީގެ ނައިޖީރިއާ މިޑްފީލްޑަރު ޑެނިއަލް ފިލަމޮން ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީ ކީޕަރު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

މި ދެ ޓީމު ވެސް މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 65 ވަނަ މިނިޓްގައި ބީޖީގެ ހުސެއިން އަފްޒަލް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިިއިރު، ޔުނައިޓެޑް ވިކްޓަރީގެ އަލީ ނިޔާޒު އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދެ ވަނައިގައި އޮތް އީގަލްސް އާއި ތިން ވަނައިގައި އޮތް ޓީސީ އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.