Roadha Mihaaru
ލިޔޯނުން މުހިއްމު ފުރުސަތެއް ނަގާލައިފި

ލީގުގެ ރޭހުގައި ލިޔޯނުން މުހިއްމު ފުރުސަތެއް ނަގާލައިފި

13 މާޗް 2021

ޕެރިސް (މާޗް 13) - ފްރެންޗް ލީގުގައި ރޭ ރެއިމްސްއާ 1-1 އިން އެއްވަރުވެ ލީގުގެ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ލިޔޯނުން ނަގާލައިފި އެވެ.

ޕެރިސް (މާޗް 13) - ފްރެންޗް ލީގުގައި ރޭ ރެއިމްސްއާ 1-1 އިން އެއްވަރުވެ ލީގުގެ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ލިޔޯނުން ނަގާލައިފި އެވެ.

ރޭގެ މެޗުން މޮޅުވެގެން ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު ލިޔޯނަށް އޮތެވެ. އެކަމަކު އެއްވަރުވުމުން އެ ޓީމު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ލިލް އަށް 28 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އޮތީ 28 މެޗުން 60 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލިޔޯނަށް 29 މެޗުން ހަމަކުރެވުނީ 60 ޕޮއިންޓެވެ.

ފުރަތަމަ ހާފުގައި ރެއިމްސް އިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި އެ ޓީމުން ލީޑުނެގީ 34 ވަނަ މިނިޓްގައި މެތިއު ކަފާރޯ ޖެހި ގޯލުންނެވެ. އޭނާ މި ގޯލު ޖެހީ ތޯމަސް ފޮކެޓް ނަގައިދިން ހުރަހަކުންނެވެ. ނަތީޖާ ހަމަހަމަކުރަން ލިޔޯނުން ދެ ވަނަ ހާފްގެ ކުރީކޮޅުގައި ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވީ ރެއިމްސްގެ ގޯލްކީޕަރު ޕްރެޑްރަގް ރަޖްކޮވިޗް އެވެ. އެކަމަކު މެޗު އިތުރު ވަގުތުގެ ދެ ވަނަ މިނިޓް ތެރޭ ލިޔޯނުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެމްފިސް ޑިޕާއި ނަގައިދިން ހުރަހަކުން ލިޔޯނުގެ މި ގޯލު ޖެހީ ޓީނޯ ކަޑެވޭރޭ އެވެ. މިއީ ޒިމްބާބްވޭ ގައުމީ ޓީމަށް ކުޅޭ ކަޑެވޭރޭ މި ސީޒަނުގައި ޖެހި 10 ވަނަ ގޯލެވެ.

ލިޔޯންގެ ކޯޗު ރުޑީ ގާސިއާ ބުނީ އޭނާގެ ޓީމުގެ ފަރާތުން ފުރަތަމަ ހާފު ފެނިގެންދިޔައީ ދަށް ކުޅުމެއް ކަމަށާއި މި މެޗުން ތިން ޕޮއިންޓް ނުހޯދުނު އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށެވެ.

"ފުރަތަމަ ހާފު ނިންމާފައި އަހަރެން ބޭނުންވި 11 ކުޅުންތެރިން ވެސް ބަދަލުކުރަން. އެކަމަކު ކުރެވެން އޮތީ ތިނެއް. އަހަރެމެން ބޭނުންވި ވަރުގެ ކުޅުމެއް ފެނުނު މެޗެއް ނޫން މިއީ. މި މެޗުން ނަތީޖާ ނުނެރެވުމުގެ ގެއްލުން ބޮޑު،" ގާސިއާ ބުންޏެވެ. "ލީގުގެ ރޭހުގައި އަހަރެމެންނަށް މި ގެއްލުނީ މުހިއްމު ޕޮއިންޓްތަކެއް މި މެޗުން،"

ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ރެއިމްސް އޮތީ 29 މެޗުން 35 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ.