Roadha Mihaaru
އީދު ބަންދުގައި އައްޑޫ-ލަންކާގެ ދަތުރުތައް ކާމިޔާބު

އީދު ބަންދުގައި އައްޑޫ-ލަންކާގެ ދަތުރުތައް ކާމިޔާބު: މޯލްޑިވިއަން

18 ސެޕްޓެމްބަރ 2016

މިދިޔަ ބޮޑު އީދުގެ ބަންދުގެ ތެރޭގައި އައްޑު އާއި ސްރީ ލަންކާ އާއި ދެމެދު ބޭއްވި ދަތުރުތައް ކާމިޔާބު ކަމަށާއި ކުރިއަށް އޮތް ތަނުގައި ހާއްސަ ދުވަސްތަކުގައި އެފަދަ ދަތުރުތައް ބާއްވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

މިދިޔަ ބޮޑު އީދުގެ ބަންދުގެ ތެރޭގައި އައްޑު އާއި ސްރީ ލަންކާ އާއި ދެމެދު ބޭއްވި ދަތުރުތައް ކާމިޔާބު ކަމަށާއި ކުރިއަށް އޮތް ތަނުގައި ހާއްސަ ދުވަސްތަކުގައި އެފަދަ ދަތުރުތައް ބާއްވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް "މިހާރު" އަށް ވިދާޅުވީ އައްޑު އާއި ކޮލަމްބޯއާ ދޭތެރޭގައި އީދު ބަންދުގެ ތެރޭގައި ތިން ދަތުރެއް ކުރި ކަމަށެވެ. އެއީ މެއިންޓަނެންސް އަށް ކޮލަމްބޯ އަށް ދިޔަ އެއް ދަތުރުގެ އިތުރުން ޝެޑިއުލް ދެ ދަތުރު ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދަތުރުތައް ބޭއްވީ މާލެ-އައްޑޫ-ކޮލަމްބޯ، ކޮލަމްބޯ-އައްޑޫ-މާލެ އަށެވެ. ދަތުރުތައް ބޭއްވީ 200 މީހުންގެ ޖާގައިގެ އެއާބަސްގެ މަތިންދާބޯޓު އޭ 320ގަ އެވެ.

"ކޮލަމްބޯއަށް ދިޔަ ކޮންމެ ފްލައިޓެއް ދިޔައީ ފުލްކޮށް. އެކަމަކު މައްސަލަ އަކީ ފަސިންޖަރުން ކޮލަމްބޯ އަށް ލާފައި [މަތިންދާބޯޓު] ހުސްކޮށް އަންނަން ޖެހޭތީ. އެހެން ނޫނީ މި ދަތުރުތައް ފުދޭވަރަކަށް ކާމިޔާބު. ލިބުނު ކޮމެންޓްސް ވެސް ވަރަށް ރަނގަޅު،" ހާރިސް ވިދާޅުވި އެވެ.

"މިއީ މި ޗުއްޓީ އަށް ޓްރެވެލިން ފެސިލިޓޭޓް ކޮށްދޭން އަޅުގަނޑުމެން ކުރި ކަމެއް. ކުރިއަށް އޮތް ތަނުގައި ވެސް ހާއްސަ ދުވަސްތަކުގައި އައްޑޫ-ކޮލަމްބޯ ދަތުރުތައް ބާއްވާނެ."

އައިލެންޑް އޭވިއޭޝަނުން މީގެ ކުރިން ވެސް އައްޑު އާއި ކޮލަމްބޯއާ ދެމެދު ދަތުރެއް ބޭއްވި އެވެ.

ހާރިސް ވިދާޅުވި ގޮތުގައި އެ ސެކްޓާގައި އާންމުކޮށް ދަތުރުތައް ބޭއްވުމުން، ފަސިންޖަރުން ލިބޭ މިންވަރު ދަށެވެ.

"ހަފުތާއަކު ތިން ފްލައިޓް އެޅިޔަސް ލޯޑް ދަށްކޮށް މިދައްކަނީ. އެހެންވެ އެންމެ ރަނގަޅީ ހާއްސަ މުނާސަބަތުތަކާއި ޗުއްޓީތަކުގައި [އައްޑޫ-ކޮލަމްބޯއާ ދެމެދު] ދަތުރު އެޅުން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އީދު ބަންދުގައި މޯލްޑިވިއަންގެ ދަތުރުތަކަށް ވަރަށް ބާރު ބޮޑުވެ، ރާއްޖޭގެ ކޮންމެ ސެކްޓާއަކަށް ވަނީ އިތުރު 3-4 ދަތުރު ބާއްވައިފަ އެވެ. އާންމުކޮށް ކޮންމެ އެއާޕޯޓަކަށް އެވްރެޖްކޮށް ދުވާލަކު ފަސް ދަތުރު އައިލެންޑް އޭވިއޭޝަނުން ބާއްވަ އެވެ.

"އީދު ބަންދު ނިމޭތީ، މާލެއަށް މީހުން ގެންނަން ވެގެން ހުސްކޮށް 2-3 ފްލައިޓް ވެސް އިއްޔެ އަޅަން ޖެހުނު. ގެއްލުން ވިޔަސް ބައެއް ފަހަރު އަޅުގަނޑުމެން ކޮށްދޭންޖެހޭ ކަމެއް މިއީ. ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ގޮތްތަކެއް އާންމުންނަށް ހަމަޖައްސައިދިނުމަށް ސަރުކާރުން ވެސް އަންގާފައިވޭ. އެހެންވީމާ ހުސް ފްލައިޓް އަޅައިގެން ވެސް ޓްރެވެލިން ފެސިލިޓޭޓް ކޮށްދޭން އަޅުގަނޑުމެންނަށް ޖެހޭ،" ހާރިސް ވިދާޅުވި އެވެ.