Roadha Mihaaru
ލާމު ލިންކުގައި ސްޕީޑް ލިމިޓެއް އަދި ކަނޑައެއް ނާޅާ

ލާމު ލިންކުގައި ސްޕީޑް ލިމިޓްތަކެއް ރަސްމީކޮށް އަދި ކަނޑައެއް ނާޅަން: ޓްރާންސްޕޯޓް

18 ސެޕްޓެމްބަރ 2016

ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދި ލާމު ލިންކު ރޯޑުގައި ދުއްވަންޖެހޭ ވަކި ސްޕީޑްތަކެއް ކަނޑައަޅައި ބޯޑުތަކެއް ޖަހާފައި ހުއްޓަސް އެއީ އަދި ހުއްދަ ދީފައިވާ ސްޕީޑުތަކެއް ނޫން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދި ލާމު ލިންކު ރޯޑުގައި ދުއްވަންޖެހޭ ވަކި ސްޕީޑްތަކެއް ކަނޑައަޅައި ބޯޑުތަކެއް ޖަހާފައި ހުއްޓަސް އެއީ އަދި ހުއްދަ ދީފައިވާ ސްޕީޑުތަކެއް ނޫން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ލ. އަތޮޅު ޕޮލިސް ސްޓޭޝަންގެ ހެޑް، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން ކޮމާންޑަރު، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވި ގޮތުގައި ލާމު ލިންކުގައި ތަފާތު ތިން ސްޕީޑެއްގައި ދުއްވޭ ގޮތަށް ވަނީ ބޯޑު ޖަހައިފަ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އަވަށްތަކުގެ ތެރޭގައި 30 ކިލޯމީޓަރު، ކޯޒްވޭތަކުގައި 40 ކިލޯމީޓަރު އަދި މީހުން ނޫޅޭ ސަރަހައްދުތަކުގައި 60 ކިލޯމީޓަރެވެ.

ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހެދި 17 ކިލޯމީޓަރުގެ ދިގު މަގުގައި ސްޕީޑް ލިމިޓް އެންގުމަށް މިހާރު ބޯޑުތަކެއް ޖަހާފައި ހުއްޓަސް އެއީ ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ ސްޕީޑްތަކެއް ނޫން ކަމަށެވެ. އެއީ ކޮންޓްރެކްޓަރު ޖަހާފައިވާ ބޯޑުތަކެއް ކަމަށާއި އެކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ނާފިޒް ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ނާފިޒް ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ

"އެހެންވީމާ ލާމު ލިންކް ރޯޑްގައި ސްޕީޑް ލިމިޓްތަކެއް އަދި ކަނޑައެއް ނާޅާ. އެ މަގުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށިކަމެއް ވެސް އަޅުގަނޑުމެންނަށް ރަސްމީކޮށް ނާންގާ. މަގުތަކުގައި ދުއްވަންޖެހޭ ސްޕީޑް ކަނޑަައެޅުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް. މަގުގައި އަދި ބޯޑު ޖެހިޔަސް ކަމަކު ނުދާނެ. އެއީ އަޅުގަނޑުމެން ހުއްދަ ދީފައިވާ ބޯޑުތަކެއް ނޫން،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް، އަދި ހައިވޭއެއްގެ ގޮތަށް ހަދާފައިވާ އެންމެ ދިގު މަގުގައި ކުރަހާފައިވާ އެއްގަމު ނިޝާންތަކުގައި މައްސަލައެއް ނެތް ކަމަށެވެ. ހަމައެކަނި އޮތީ ދުއްވަންޖެހޭ ސްޕީޑްގެ މައްސަލަ އެވެ.

މަގު ހެދި ކޮންޓްރެކްޓަރު ޖަހާފައިވާ ބޯޑުތަކުގައި ވާ ސްޕީޑަށް ބަލާއިރު އެ މަގުގެ ވަރަށް ބޮޑު ސަރަހައްދެއްގައި ސައިކަލް ދުއްވަން ޖެހެނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ "އިންޖީނު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވައިދު" ގެ ދަށުން ހެލްމެޓް އަޅައިގެންނެވެ. އަދި ހަމަ އެގޮތަށް ގާނޫނުގެ ދަށުން ބޮޑު ބައެއްގައި ދުއްވޭނީ ސީޓްބެލްޓް ވެސް އަޅައިގެންނެވެ.

ލާމު އަތޮޅު ލިންކު ރޯޑު.-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ

ލާމު އަތޮޅު ލިންކު ރޯޑު.-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ

އޮގަސްޓް 29، 2009 ގައި ހެދި ގަވައިދުގައިވާ ގޮތުން ގަޑިއަކު 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވަން ކަނޑައަޅާފައިވާ މަގެއް ނުވަތަ ސަރަހައްދެއްގައި ސައިކަލް ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ. އަދި އެ ސްޕީޑަށް ވުރެ މަތީގައި ހަތަރުފުރޮޅުލީ އުޅަނދުފަހަރު ދުއްވަންޖެހެނީ ސީޓްބެލްޓް އަޅައިގެން ކަމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވެ އެވެ.

ލާމު ލިންކުގެ މަސައްކަތް ނިމި، ބޭނުންކުރަން ފަށާފައިވާއިރު، އެ މަގުގައި އާދަޔާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާ މައްސަލާގައި ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލް އަދި ލ. އަތޮޅު ޕޮލިސް ސްޓޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މަގު ބޭނުންކުރާނެ ގޮތުގެ އުސޫލެއް ވެސް އަދި ކަނޑައަޅާފައެއް ނެތެވެ.

ލާމު ލިންކް ރޯޑް ބޭނުންކުރަން ފެށި ފަހުން މިހާތަނަށް ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފަ އެވެ. އެ މަގު މިދިޔަ ޖުލައި 26ގެ ބަންދުގެ ތެރޭގައި ބޭނުންކުރަން ފެށިތަނާ ކަހަލަ ގޮތަކަށް ފުރަތަމަ އެކްސިޑެންޓް ހިނގީ ކައްދޫން ފޮނަދު އަށް އުމުރުން 18 އަހަރާއި 19 އަހަރުގެ ދެ ކުއްޖަކު ދިޔަ ސައިކަލެއް، ކޯޒްވޭ އެއް ފަރާތުގައި ހުރި ގާތަކެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ސައިކަލްގައި ތިބި ދެ ކުދިން ވިއްސައިގެން ގޮސް މޫދަށް ވެއްޓި، އެކެއްގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ދިޔަ އެވެ.

މީގެ އިތުރުން މިދިޔަ ބޮޑު އީދު ބަންދުގެ ތެރޭގައި ކައްދޫން ގަމަށް ދަތުރުރުކުރި ތިން ކާރެއް ޖެހި، އެއިން ދަތުރުކުރި މީހުންނަށް އެކިވަރުގެ އަނިޔާވި އެވެ. މީގެ އިތުރުން މާންދުއަށް ދުއްވާފައި ދިޔަ ޖިޕެއް ވެސް މިދިޔަ އީދު ބަންދުގައި ފުރޮޅާލި އެވެ.