Roadha Mihaaru
ހުޅުމާލޭގައި ފުލުހުންގެ ދައުރު ބޮޑުކުރަންވެއްޖެ: ނާފިޒް

ހުޅުމާލޭގައި ޓްރެފިކް ފުލުހުން މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވާންޖެހޭ: ޓްރާންސްޕޯޓް

19 ސެޕްޓެމްބަރ 2016

ހުޅުމާލޭގައި އެކްސިޑެންޓުތައް އިތުރުވަމުންދާއިރު، އެ ރަށުގައި ޓްރެފިކް ފުލުހުން މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވާންޖެހޭ ކަމަށާއި އެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައިވާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހުޅުމާލޭގައި އެކްސިޑެންޓުތައް އިތުރުވަމުންދާއިރު، އެ ރަށުގައި ޓްރެފިކް ފުލުހުން މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވާންޖެހޭ ކަމަށާއި އެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައިވާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އެހެން ބުނިއިރު މި މަހުގެ ތިންވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 28 އަހަރުގެ އަންހެނަކު ވަނީ މަރުވެފަ އެވެ. ރ. ރަސްގެތީމު ފާތުމަތު ޝިއުނާ އެ އެކްސިޑެންޓުގައި މަރުވިއިރު، ސައިކަލް ދުއްވަން އިން މުހައްމަދު ޝާހިދު 35، އަށް ސީރިއަސް އަނިޔާތަކެއްވި އެވެ. މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ.

މި މަހުގެ ތިންވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހަލާކުވެފައިވާ ކާރު: ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ދަނީ އާންމުވަމުން.---ފޮޓޯ: ފޭސްބުކް

މި މަހުގެ ތިންވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހަލާކުވެފައިވާ ކާރު: ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ދަނީ އާންމުވަމުން.---ފޮޓޯ: ފޭސްބުކް

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ވެސް ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ކޮންޓްރޯލް ނުވެގެން ގޮސް ކެފޭއެއްގެ ތެރެއަށް ވަދެ އެތަނުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ.

ހުޅުމާލޭގައި އެކްސިޑެންޓްތައް އިތުރުވާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް "މިހާރު" އަށް ވިދާޅުވީ ޓްރެފިކް ފުލުހުންގެ ދައުރު ހަރުދަނާ ކުރެވިއްޖެ ނަމަ، ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ލިބޭނެ ކަމަށެވެ. ހާއްސަކޮށް އާދަޔާ ހިލާފަށް ބާރު ސްޕީޑްގައި ހުޅުމާލޭގައި ދުއްވާ މީހުން ހުއްޓުވުމަށް ފުލުހުން މިހާރަށް ވުރެ ގިނައިން މަގުމަތީގައި ހަރަކާތްތެރިވުމަކީ ކުރަން މަޖުބޫރު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނޫނީ މިކަން މައިތިރިއެއް ނުކުރެވޭނެ. ހުޅުމާލޭގެ މަގުތަކުގައި ބަމްޕަރު އަދިވެސް މަދު. ބައެއް ސަރަހައްދުތައް އެހާ އަނދިރި،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޓްރެފިކް މައްސަލަތަކަށް ބޮޑު ހައްލެއް ލިބޭނީ ގާނޫނުތަކަށް އިސްލާހު ގެނެސްގެންނެވެ. ހާއްސަކޮށް ޓްރެފިކާ ހިލާފުވުމަކީ ޖިނާއީ ކުށަކަށް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ނާފިޒް: ހުޅުމާލޭގައި ބޮޑެތި އެކްސިޑެންޓްތައް ހިނގުން ކޮންޓްރޯލް ކުރުމަށްޓަކައި، އެ ރަށުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ ދައުރު ބޮޑުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި.---މިހާރު ފައިލް ފޮޓޯ

"މިހާރު ބޮޑަށް މި ކުރަނީ ޖޫރިމަނާތައް. ލައިސަންސް ނެތި ސައިކަލް ދުއްވާ ކަމަށް އަދަބު ދެވޭނެ ޑިގްރީތަކެއް އަންނަން އެބަޖެހޭ. ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ޖޫރިމަނާ، ތިންވަނަ ފަހަރު ލައިސަންސް އަތުލުން އަދި ހަތަރު ވަނަ ފަހަރު ޖަލަށް ލުން ފަދަ އަދަބުތައް ކަނޑައަޅަން ވެއްޖެ. އެހެން ނޫނީ މި މައްސަލަތަކަށް ހައްލެއް ނެތް،" ނާފިޒް ވިދާޅުވި އެވެ.

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް އާންމުވާ މައްސަލާގައި، އެ ރަށުގައި އުޅޭ ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ.