Roadha Mihaaru
ރަށުގެ އިހްތިސާސްގައި ވަނީ ރައްޔިތުންގެ މިލްކު: ނަޝީދު

ރަށުގެ އިހްތިސާސްގައި ވަނީ ރައްޔިތުންގެ މިލްކެއް: ނަޝީދު

22 އޯގަސްޓް 2019

ރަށްރަށުގެ މުއްސަނދިކަން އޮންނަން ޖެހޭނީ އެ ރަށްތަކުގެ ރައްޔިތުންނަށް ކަމަށާއި ރަށުގެ އިހްތިސާސްގައި ހުންނަނީ ރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ މިލްކު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުމާލޭގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރަށްރަށުގެ މުއްސަނދިކަން އޮންނަން ޖެހޭނީ އެ ރަށްތަކުގެ ރައްޔިތުންނަށް ކަމަށާއި ރަށުގެ އިހްތިސާސްގައި ހުންނަނީ ރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ މިލްކު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުމާލޭގައި މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ފަށަން ހުޅުމާލޭ ހުރަވީ ސްކޫލްގައި އޮތް ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ސަރުކާރަކީ ވެރިކަން ހިންގުމުގެ ބާރު ކަމަށް ވީ އިރު، މިލްކުވެރިކަމަކީ ދައުލަތުގައި އޮންނަން ޖެހޭ އެއްޗެއް ކަމަށެވެ. އަދި ދައުލަތް ބިނާވަނީ ކައުންސިލްތަކާއި ސަރުކާރާއި މަޖިލިސް ހިމެނިގެން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފާއިތުވެދިޔަ ސަރުކާރުތަކުން ގަބޫލުކުރި ކަމަކީ ރަށު ކައުންސިލަރުންގެ ކިބާގައި ރަށަށް އެކަށީގެންވާ ސިއްހީ ނިޒާމަކާއި ތައުލީމު ނިޒާމެއް ގާއިމްކުރުމަށް ބޭނުންވާ ތައުލީމާއި ހުނަރު ނެތް ވާހަކަ ކަމަށެވެ. އެކަމަކު އެކަން އެމްޑީޕީން ގަބޫލު ނުކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލަރުންގެ ވިސްނުމާއި ގާބިލްކަމާއި ތަނަވަސްކަމާއި ތަޖުރިބާ އެމްޑީޕީން ބަލައިގަނެ އެވެ. އެމްޑީޕީއަަށް ކައުންސިލަރުންގެ ގާބިލްކަން ހުރި މިންވަރު ދެނެގަނެވޭތީ ކައުންސިލަރުން ބާކީކޮށް އެއްފަރާތް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރަން ލާމަރުކަޒީ ނިޒާމަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ ބަޖެޓުގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ލިބެން ވާނީ އެ ކައުންސިލްތަކުން ކުރާ މަސައްކަތަށް ބަލައިގެން ކަމަށެވެ.

"ކައުންސިލްތަކަށް ރުފިޔާ އެކަނި ފުރޮޅިގެން ގޮސްގެން އަޅުގަނޑަށް ޔަގީން ތިޔަ ބޭފުޅުން ގަބޫލު ކުރައްވާނެ މިކަން އަދި ލާމަރުކަޒު ވެގެން ދަނީކީ ނޫން. ލާމަރުކަޒު ވުމަކީ ފަސް ޕަސަންޓުގެ މަސައްކަތް ފުރޮޅިގެން ދިއުން. އެ މަސައްކަތާ ގުޅޭ ރުފިޔާ މަސައްކަތުގެ ފަހަތުން ދިއުން،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ތަނަވަސް އަދި ޒުވާނުން ވަޒީފާ އަދާކޮށް ހަލާލު މަސައްކަތެއްކޮށް އާމްދަނީ ހޯދާ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމަކަށް ރާއްޖެ ހެދުން ކަމަށެވެ. އެކަމަކު ކައުންސިލްތައް ބާކީކޮށްލުމުން މިހާރު ރަށްރަށަށް ލިބިދޭން ޖެހޭ ހަގީގީ އާމްދަނީ ނުލިބޭ ކަމަށް ވިދާޅުވިި އެވެ.

އެމްޑީޕީން ލާމަރުކަޒީ ނިޒާމަކަށް ތާއިދު ކުރަނީ، ނަޝީދު ވިދާޅުވި ގޮތުގައި، ރަށަށް ލިބިދޭން ޖެހޭ އާމްދަނީގެ ހައްގު ވެރިފަރާތަކީ ރަށު ރައްޔިތުން ކަމަށް ވާތީ، އެ ފައިސާ މާލެ އިން ގެންދެވެން އޮތް މަގު ބަންދުކޮށް ރަށު ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށެވެ.