Roadha Mihaaru
އަސްލަމްގެ ޖަވާބުތަކާ މެދު ނަޝީދު ރުހިވަޑައެއް ނުގަތް

މިނިސްޓަރު އަސްލަމްގެ ޖަވާބުތަކާ މެދު ނަޝީދު ރުހިވަޑައެއް ނުގަތް

11 އޯގަސްޓް 2020

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ނުފެށި ލަސްވާ މައްސަލައިގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ކުރެއްވި ސުވާލަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޖަވާބުތަކާ މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ނުފެށި ލަސްވާ މައްސަލައިގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ކުރެއްވި ސުވާލަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޖަވާބުތަކާ މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ފުވައްމުލަކުގެ ގިރާ ސަރަަހައްދު ހިމާޔަތްކުރުމުގެ ޕްރޮޖެކްޓު ފުރަތަމަ އިއުލާނު ކުރީ ނަޝީދުގެ ވެރިކަމުގައި 2011 ގަ އެވެ. އޭރު ވެސް މިނިސްޓަރަކަށް ހުންނެވީ އަސްލަމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދުގެ ސުވާލު އަމާޒު ކުރެއްވީ އެ މަޝްރޫއު މިހާ ހިސާބަށް އައި އިރު ވެސް ނުނިމި ދިގުލައިގެންދާ މައްސަލައާ ގުޅޭ ގޮތުންނެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރަން އުޅެނީ ނެދަލެންޑްސްގެ އެންޓަޕްރައިޒް އެޖެންސީ (އޯރިއޯ)ގެ ހިލޭ އެހީގަައި ކަަމަށާއި އެ ކުންފުންޏާ އެކަމުގައި މުއަމަލާތު ކުރަމުން އަންނަ ކަމަށެވެ.

އެ ޖަވާބާ މެދު ހިތްޕުޅުހަމަޖެހިވަޑައިގެން ނަޝީދު ވިދާޅުވީ، ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަކީ އަސްލަމް ވިދާޅުވި ގޮތުން ނަމަ، ބޭރުގެ ހިލޭ އެހީގައި ނޫނީ ނުހިންގޭނެ މަޝްރޫއެއްކަން ދޭހަވާ ކަމަށެވެ.

"އިއްޒަތްތެރި ވަޒީރުގެ ނުކުތާއަކީ މިއީ ގްރާންޓެކޭ. ގްރާންޓެއް ނޫން ގޮތަކަށް، ހިލޭ އެހީއެއް ނޫން ގޮތަކަށް މިކަން ކުރަން އުޅުނީމާ ހަގީގަތުގައި ބަޖެޓުގެ ބާރުވެރިކަމާ އެކީގައި އެކަމެއް އެ ކުރެވެނީ. ގްރާންޓެއްގެ ގޮތުގައި، ހިލޭ އެހީގެ ގޮތުގައި ބަޖެޓުގައި އެ ފެންނަ ކަންކަމަކީ ސަރުކާރުގެ އުއްމީދު،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

ނަޝީދު ވިދާޅުވި ގޮތުގައި، ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަކީ އެ މަނިކުފާނުގެ ސަރުކާރުގެ އޭރުގެ އުންމީދެކެވެ. އަދި އޭގެ ފަހުން ތިން ސަރުކާރަކުން އެކަން ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު އެންމެ ބޮޑަށް މިއަދު ނުރުހުން ފާޅުކުރެއްވީ ގުޅިފަޅުން ހިއްކާ ބިމުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ އަދި ހައުސިން ޔުނިޓް އަޅާނީ ކިހާވަރަކަށްތޯ އާއި އެކަމުގެ ޕްލޭނެއް އެބައޮތްތޯ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަށް އަސްލަމް ދެއްވި ޖަވާބާ ގުޅިގެންނެވެ.

އަސްލަމް ވިދާޅުވީ، ގުޅިފަޅު ތަރައްގީ ކުރާ ގޮތުގެ ޕްލޭނެއް މާލޭގެ ދާއިރާތަކުގެ މެމްބަރުންނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެކަމަކު އެހާ ސާފު ޖަވާބެއް އެ ސުވާލަށް ނުދެއްވައި ކުރިއަށް ވަޑައިގަންނަވަން އަސްލަމް އުޅުއްވުމުން އޭނާގެ ވާހަކަ މެދުކަނޑާލައްވައި ނަޝީދު ސުވާލުކުރެއްވީ ޕްލޭން އޮތީ ކޮންތާކުތޯ އެވެ.

"ޕްލޭނެއް އޮތުމަކީ، ޕްލޭނެއް ގެޒެޓް ކުރެވިފައި އޮތުން އިއްޒަތެރި ވަޒީރު. ޕްލޭނެއް އޮތުމަކީ އާއްމު ރައްޔިތުންނަށް އެ ޕްްލޭނެއް ފެންނާން އޮތުން. އެހެން ނޫނީ އެ އޮންނަނީ ޑްރާފްޓެއް،" ނަޝީދު ވިދާޅުވި އެވެ.

އަސްލަމްގެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިގެން ދެތިން ފަހަރު ނަޝީދު ވާހަކަފުޅު ދެއްކެވުމުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޝަރީފް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މިނިސްޓަރުން ދެއްވާ ޖަވާބާ ގުޅިގެން، މަޖިލީހުގެ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކުން އޮޅުން އަރާ ކަމަށެވެ.

"ވަޒީރުން މިތާނގައި އިތުރުފުޅު ހައްދަވަނީއޭ ވެސް ހީވާ ފަހަރު އާދޭ،" ޝަރީފު ވިދާޅުވި އެވެ.

ނިޒާމީ ނުކުތާ އިތުރަށް ކުރިއަށް ގެންދަވަން ނަޝީދު ފުރުސަތު ނުދެއްވުމުގެ ނަތީޖާ އަކީ ޝަރީފު އަޑުގަދަކުރައްވަން ފެއްޓެވެމުވެ. އެހެންވެ، މަޖިލީހުގެ ތަޅުމުގައި އެގޮތަށް ކަންތައް ނުކުރައްވާނެ ކަމަށް 100 ފަހަރު ލިޔުއްވަން ނަޝީދު ފަހުން ޝަރީފަށް އެންގެވި އެވެ.