Roadha Mihaaru
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހު

27 އޯގަސްޓް 2019

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާނެ ވަކި ތާރީހެއް އަދި ނިންމާފައި ނުވާ ކަމަށެވެ. އެ ތާރީހު ހަމަޖެހުމުން އާއްމުކުރާނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި އިންތިޚާބުތަކަށް ވުރެ، މިފަހަރުގެ އިންތިޚާބު ފުރިހަމަވާނެ ކަމަށް އީސީން ބުންޏެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގެ ކަންކަން ހަމަޖައްސާނީ ވޯޓު ލާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރީގެ އިންތިޚާބުތަކާ ހިލާފަށް، ކައުންސިލް އިންތިޚާބުގައި ވޯޓު ލާނީ ފޮއްޓަކަށް އެންމެ ގިނަވެގެން 700 މީހުން ކަމަށެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ވޯޓު ފޮށީގެ އިތުރުން އޮފިޝަލުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލާން އަންނަ ފެބްރުއަރީ މަހު ހުޅުވާލާއިރު، އެ އިންތިޚާބަށް 65-70 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ޝަރީފް ވިދާޅުވީ މީގެ ކުރީ އިންތިޚާބަށް ވުރެ، ކައުންސިލް އިންތިޚާބުގައި 178 ފޮށި އިތުރުވެގެންދާނެ ކަމަށެވެ. އޮފިޝަލުންގެ އަދަދު ވެސް 6000-7000 އަށް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރީ އިންތިޚާބުތަކުގައި އޮފިޝަލުންގެ ގޮތުގައި ނަގަނީ 5000 ވަރަކަށް މީހުންނެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބު ބާއްވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަށް ވަރަށް ބޮޑަށް ބަރޯސާވެގެން ކަމަށެވެ. އަންނަ އޮކްޓޯބަރު ހިސާބުގައި އެ އިސްލާހު މަޖިލީހަށް ހުށަހަޅާއިރު، އީސީން ވަނީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތާ ގުޅޭގޮތުން މަޖިލީހުގެ ކަމާބެހޭ ކޮމެޓީއާ މަޝްވަރާކޮށްފަ އެވެ.

ސިޔާސީ ގޮތުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 ޕަސަންޓް ޖާގަ އަންހެނުންނަށް ހާއްސަ ކުރުން ހިމެނެ އެވެ. އީސީން ވަނީ އެކަމަށް މަރުހަބާ ކިޔައިިފަ އެވެ.

ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަކީ، ރަށު ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށް ވެސް އެކި ފެންވަރުގައި މަޝްވަރާކޮށްފައި ވެ އެވެ. އެހެންވެ އަކްރަމް ވިދާޅުވީ އެކަމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށް އަންހެނުންގެ ކޮމެޓީގެ އިންތިޚާބަކީ އީސީން އިންތިޒާމްކުރާ އިންތިޚާބަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"އިންތިޚާބު ޕްރޮސެސް ތެރޭގައި ވަރަށް ބޮޑު ބަދަލެއް މި ފަހަރު ގެންނަން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ރާއްޖޭގައި މިހާރު އިންތިޚާބީ ކަންކަމުގައި ބޭނުންކުރާ އުސޫލާއި ޕްރޮސެސްއަކީ ދުނިޔޭގައި މިހާތަނަށް ޕްރެކްޓިސްކުރަމުންދާ އެންމެ ހާމަކަން ބޮޑު އެއް އުސޫލު ކަމަށް ގަބޫލުކުރަން،" އިންތިޚާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވި އެވެ.

އިންތިޚާބަށް ގެންނަ އިސްލާހުތަކުގެ ތެރެއިން، އޮބްޒާވަރުންނާއި މަންދޫބުންނާއި މޮނިޓަރުންނަށް އިންތިޚާބީ މަރުކަޒަށް ވޯޓާސް ލިސްޓް ވެއްދޭނެ ކަން ފާހަގަކުރެއްވި އެވެ. ކަރުދާސް ގެންދަން ބޭނުންނުވާ ނަމަ ފޯނު ނުވަތަ އައިޕެޑާއި ޓެބްލެޓް ފަދަ ވަސީލަތެއް ބޭނުންކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

"އޭގެ ސަބަބުން ވޯޓު ލާ ފަރާތްތަކާއި ކެންޑިޑޭޓުންނަށް ވެސް އެތައް ބައިވަރު ލުއި ފަސޭހަތަކެއް، ވޯޓު ލީ މީހުންނާއި ވޯޓު ލާ މަރުކަޒުގެ ބޭރުގައި ތިިބި މީހުންނާ އެކީގައި ކޮމިއުނިކޭޓް ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ،" ޝަރީީފް ވިދާޅުވި އެވެ.

"އެފަދަ ފަސޭހަތައް ގާނޫނުން ގެނައުމުން ރައްޔިތުންގެ އިތުބާރު މި އިންތިޚާބުތަކަށް އިތުރުވެގެންދާނެ އަދި މަގުބޫލުކަން އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ."

އިންތިޚާބުތަކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކުގައި ހެކި ނުލިބޭތީ ބައެއް މައްސަލަތައް ދޫކޮށްލެވިފައި ހުރިކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ވޯޓު ލާ މުއްދަތުގައި، ވަކި މުއްދަތެއް ވަންދެން އެކަމުގެ ރިކޯޑިންނެއް ބަލަހައްޓާނެ ގޮތާ ގުޅޭގޮތުން ވާހަކަދެއްކި ކަމަށެވެ. ބަޖެޓުން ބޮޑު ހަރަދެއް ކުރާއިރު އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.