Roadha Mihaaru
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށަނީ

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށަނީ

20 އެޕްރީލް 2021

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށާނެ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށާނެ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަނުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޝަރީފް ވިދާޅުވީ، މި މަހުގެ 10 ގައި ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިންމާފައިވާ ކަމަށެވެ. އެ އަށް ފަހު ދާއިމީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދާއިމީ ނަތީޖާގެ 90 ޕަސެންޓް ވެސް ކަށަވަރުކޮށްފައިވާ ކަމަށެވެ. ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އިންތިހާބުގެ ފަހު ނަތީޖާ އިއުލާނުކޮށް، ނިމޭނެކަން ފާހަގަކުރެއްވި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރާނެ ވަކި މުއްދަތެއް ގާނޫނަކު ނޯވެ އެވެ. އެކަމަކު، ވޯޓުލާތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަންޖެހެ އެވެ. އެ މުއްދަތު އަންނަ ހޮނިހިރު ދުވަހަށް ހަމަވާނެ އެވެ.

ދާއިމީ ނަތީޖާ އިއުލާނުކުރަން ފަށާއިރު، އީސީން ވަނީ ދެ ދާއިރާއެއްގައި އަލުން ވޯޓުލާން ނިންމައިފަ އެވެ. އެއީ ތ. ގާދިއްފުށްޓާއި ލ. މާވަށުގަ އެވެ.

އީސީން ބުނީ އެ ދެ ދާއިރާގައި ވެސް ވޯޓުގެ ދެ ވަނަ ބުރެއް ބާއްވަނީ ދާއިރާއިން ބޭރުން ދެ މީހަކު ވޯޓުލާފައިވާތީ އެވެ.