Roadha Mihaaru
ތިން ފޮއްޓެއްގެ ވޯޓު މާދަމާ ގުނަން ނިންމައިފި

ތިން ފޮއްޓެއްގެ ވޯޓު މާދަމާ ގުނަން ނިންމައިފި

16 އެޕްރީލް 2021

މިހާތަނަށް ނަތީޖާ ކަނޑަނާޅާ ހުރި ތިން ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ މާދަމާ ކެނޑުމަށް ފަހު، ވޯޓު ގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިހާތަނަށް ނަތީޖާ ކަނޑަނާޅާ ހުރި ތިން ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ މާދަމާ ކެނޑުމަށް ފަހު، ވޯޓު ގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ނިންމައިފި އެވެ.

ގައުމީ ލަފާދޭ ކޮމިޓީއާ އެކު އީސީ އިން ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ، ތިން ވޯޓު ފޮއްޓެއްގެ ތިންވަނަ ސެކިއުރިޓީ އުރަ ކެނޑުމާ ގުޅޭ ގޮތުންނެވެ. އެއީ ކޭޓީ-3 ގެ މ. މުލައް ދާއިރާ އާއި އެލްޓީ-2ގެ ފ. ނިލަންދޫ ދާއިރާ އާއި ވައިޓީ-21 ގެ މ. މުލި ދާއިރާ އެވެ.

މި ތިން ފޮށި ގުނާނެ ގަޑިއެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް މާދަމާ ރޭ ގުނާނެ ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވި އެވެ.

"މިހާރު ވާ ގޮތަކީ ވަގުތީ ނަތީޖާ ސާފުކުރަމުން ދިޔަ އިރު އެއްވެެސް ވަރަކަށް ސެކިއުރިޓީ އުރަ 3 ނުކަނޑާ، [ވަގުތީ ނަތީޖާ] ސާފު ނުވާނެ ތިން ފޮށި،" ޝަރީފު ވިދާޅުވި އެވެ.

މި ފޮށިިތަކުގެ ނަތީޖާ ކަނޑައެޅުމުން އަންނަ ހޮނިހިރު ދުވަހު އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ވޯޓުގެ ނަތީޖާ ކަނޑައަޅަން 18 ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމި ކަމަށެވެ. ނަމަވެސް އެހެން ގޮތްތަކަށް އެ ފޮށިތަކުގެ ނަތީޖާ ބެލުމަށް ފަހު، ނަތީޖާ މިހާރު އިއުލާންކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"... އިތުރު ބެލުން ތަކެއް ބަލައިގެން އޭގެ ތެރެއިން ވަރަށް ގިނަ ފޮށިތަކެއްގެ ނަތީޖާ އަޅުގަނޑުމެންނަށް މިހާރު ސާފު ކުރެވިއްޖެ. އެއީ ގުނާ ޝީޓް ނަގައިގެންނާއި، ކައުންޓާ ފޮއިލް ބަލައިގެންނާއި، ސެކިއުރިޓީ އުރަ ނުކަނޑާ އަޅުގަނޑުމެންނަށް ސާފުކުރެވިއްޖެ،" ޝަރީފު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތަކުގެ ތެރޭގައި ވޯޓު ގުނުމުގަ އާއި ވޯޓު ބާތިލް ކުރުމުގައި އެކި އޮފިޝަލުން އަމަލުކުރަމުން ދިޔައީ އެކި ގޮތަށް ކަމަށް ކޮމިޓީގެ މެމްބަރުން ފާހަގަކުރައްވާ، މީހުންނަށް އެކަށީގެންވާ ތަމްރީން ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެހެން ކަންތައް މެދުވެރިވީ ބަލިމަޑުކަމެއްގެ ހާލަތުގައި އިންތިހާބު ބާއްވަން ޖެހުމުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިންތިހާބާ ގުޅިގެން ހުށަހަޅާފައިވާ އެކި ޝަކުވާތައް މަޝްވަރާކުރަން އަންނަ ހޮނިހިރު ދުވަހު ގައުމީ ލަފާދޭ ކޮމިޓީއާ އެކު އިތުރު ބައްދަލުވުމެއް ބާއްވަން ވެސް އޭނާ ނިންމި އެވެ.