Roadha Mihaaru

އައްޑޫ ގައި ސައިކަލަކުން ވެއްޓި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާދެނީ

އައްޑޫ ގައި މިއަދު ހެނދުނު ސައިކަލަކުން ވެއްޓި އަނިޔާވި މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫ ގައި ފަރުވާދޭން ފަށައިފި އެވެ.

ސައިކަލަކުން ވެއްޓި އަނިޔާވި މީހަކު އައިސީޔޫގައި
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

01 ސެޕްޓެމްބަރ 2019

އައްޑޫ ގައި މިއަދު ހެނދުނު ސައިކަލަކުން ވެއްޓި އަނިޔާވި މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫ ގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ، އުމުރުން 47 އަހަރުގެ އެ ފިރިހެންމީހާ އަށް އަނިޔާވީ ހިތަދޫ ސަރަހައްދީ ބަނދަރަށް ހެނދުނު 8:00 ހާއިރު ސައިކަލް ގައި ދަނިކޮށް، ކޮންޓްރޯލް ނުވެ ސައިކަލާ އެކު، ބަނދަރަށް ދާ ކޯޒްމަތިން އަރިމަތީގައި ހުރި ހިލަތަކުގެ މައްޗަށް ވެއްޓިގެން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެ މީހާ ހޮސްޕިޓަށް ގެންދިޔައީ ފުލުހުންނެވެ.

އެ މީހާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު، ހާލު ސީރިއަސް ކަމަށާއި އިތުރު ފަރުވާ އަށް މާލެ ފޮނުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

އެ މީހާ ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި ހިލަތަކުގެ މައްޗަށް އޭނާ ވެއްޓި ނިތްކުރިމަތި ހިލަގަނޑެއްގައި ޖެހިފައިވެ އެވެ. އަދި އަޅައިގެން ހުރި ހެލްމެޓް އޮތީ މޫދުގަ އެވެ.