Roadha Mihaaru
އިސްލާހާއެކު ޑީޖޭއޭއިން ކުރަންޖެހޭ މަސައްކަތް ފަށައިފި

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ގެނައި ބަދަލާ އެކު ޑީޖޭއޭ އިން ކުރަންޖެހޭ މަސައްކަތްތައް ފަށައިފި

09 ސެޕްޓެމްބަރ 2019

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އަދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަދަންޖެހޭ އުސޫލުތަކުގެ މަސައްކަތް އެ ޑިޕާޓްމަންޓުން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އަދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަދަންޖެހޭ އުސޫލުތަކުގެ މަސައްކަތް އެ ޑިޕާޓްމަންޓުން ފަށައިފި އެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމާ އެކު، ޑީޖޭއޭގެ ހިންގުން ޖޭއެސްސީގެ ދަށަށް ބަދަލުވެ، ކޯޓުތަކާއި ފަނޑިޔާރުންނާ ގުޅޭ ބައެއް އިދާރީ ކަންކަމާއި އެ ކަމާ ބެހޭ އުސޫލުތައް ހެދުމުގެ ބާރު ޑީޖޭއޭއާ ވަނީ ހަވާލުކޮށްފަ އެވެ.

ޖޭއެސްސީގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން، ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަންދެން، މިހާރު އެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރު ހުންނަވާނެ އެވެ.

ޑީޖޭއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. ނަޒީރު ވިދާޅުވީ، ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކޮންމެ ކޯޓެއްގެ ވެސް ޗީފް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން އެ ކޯޓެއްގެ ހިނގަމުން ދިއުމާއި އެއް މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުވުމުގައި ޑީޖޭއޭގެ ދައުރު އޮންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ކޯޓުތަކުގެ ރަޖިސްޓްރާ އިން އައްޔަން ކުރުމާއި ވަކި ކުރުމާއި މައްސަލަތައް އަވަހަށް ނިންމަށް ޝަރުއީ ވަފުދުތައް ކޯޓުތަކަށް ފޮނުވުމާއި ދަށު މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމާއި ފަނޑިޔާރުންގެ ޗުއްޓީ އާއި ސަލާމުގެ ކަންކަން ބެލެހެއްޓުމުގެ އިތުރުން ކޯޓުތަކުން ނަގާ ފީގެ އަގު ކަނޑައެޅުމާއި ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރުމަށް ކޮމިޓީއެއް އެކުލަވާލައި، އެކަމުގެ އުސޫލުތައް ހެދުން ވެސް އެ އިސްލާހުގެ ދަށުން ޑީޖޭއޭއާ ހަވާލުވެފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ. އެހެންވެ، އެކަންކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަދަންޖެހޭ އުސޫލުތަކަކާއި ގަވާއިދުތަކަކާއި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން ތައްޔާރުކޮށް، ނެރެމުންދާނަން،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑީޖޭއޭގެ ހިންގުން ޖޭއެސްސީގެ ދަށަށް ބަދަލުވެފައިވާތީ، ޑީޖޭއޭއާ ހަވާލުވެފައި ޒިންމާތައް އަދާ ކުރަމުންދަނީ ޖޭއެސްސީގެ ލަފާގެ މަތިންނެވެ. އަދި ބަދަލުތައް ގެނައުމުގެ މަރުހަލާ ކުރިއަށް ދާއިރު އެއްވެސް ޚިދުމަތެއް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭ ގޮތަށް ޖޭއެސްސީން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

http://www.mvlaw.gov.mv/pdf/ganoon/chapterI/11-2019.pdf

ޖޭއެސްސީގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގެ ގާނޫނު

"އެއްވެސް ޚިދުމަތެއް، އަޅުގަނޑުމެން ފޯރުކޮށްދެމުން އަންނަ އެއްވެސް ކަމެއް ހުއްޓުމެއް ނެތި މި ޓްރާންސިޝަންގެ ތެރޭގައި ވެސް ހަލުވިކަމާ އެކު ދެވޭނެ އިންތިޒާމް މިހާރު ޖޭއެސްސީން ވަނީ ފަހިކޮށް ދެއްވާފައި،" ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ކޯޓުތަކުގެ މަސަައްކަތްތައް ހަލުވި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ އެ ކަންކަމުގެ ތެރެއިން މި އަހަރުގެ ތެރޭގައި ހުރިހާ ކޯޓުތަކެއް އެއް ވިއުގައަކުން ގުޅާލާފައިވާ ކަމަށެވެ. އަދި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ވަސީލަތްތައް ހޯދުމުގެ ކަންކަން ވެސް މިހާރު ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ޑީޖޭއޭގެ ތަރުޖަމާނު ފައިސަލް އާދަމް ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކޯޓުތަކުގެ އިދާރީ ހިންގުމަކީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެހިފައިވާތީ، އެ ބަދަލުތަކާ ގުޅޭގޮތުން ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންނާ އެކު ބައްދަލުވުމެއް މާދަމާ ރޭ ބާއްވަން ނިންމާފައިވާ ކަމަށެވެ.

ކޯޓުތަކުގެ އިދާރީ ހިންގުން ވިލަރެސް ކުރުމާއި އިދާރީ ހިންގުން ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއް ރިޕްރެޒެންޓް ކުރެވޭ ގޮތަށް، 20 ޖުޑީޝަލް ދާއިރާގެ ކޯޓް އެޑްމިނިސްޓްރޭޓަރުންނާއި މާލޭގައި ގާއިމް ކުރެވިފައިވާ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން [ބައްދަލުވުމުގައި] ބައިވެރިވެ ވަޑައިގަންނަވާނެ،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓުތަކުގެ އިދާރީ ހިންގުމަށް އަންނަ ބަދަލުތަކާއި މިހާރު ކޯޓުތަކަށް ދިމާވާ ގޮންޖެހުންތަކުގެ އިތުރުން އެ ކަންކަމަށް ހައްލު ހޯދާނެ ގޮތްތަކާ ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށެވެ.