Roadha Mihaaru
މައްސަލަ ބަލަމުންދަނިކޮށް ރިޒްނާ އިސްތިއުފާދެއްވައިފި

ޖޭއެސްސީއާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ރިޒްނާ އިސްތިއުފާ ދެއްވައިފި

05 ސެޕްޓެމްބަރ 2024

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރިޒްނާ އިސްތިއުފާ ދެއްވިކަން ޑީޖޭއޭގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ. ރިޒްނާ އިސްތިއުފާ ދެއްވިއިރު، އޭނާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

އެނގިފައިވާ ގޮތުގައި، ޑީޖޭއޭ ހިންގުމުގެ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސައްކަތް ކުރެވޭނެ މާހަލެއް ނެތް ކަމަށް ރިޒްނާގެ އިސްތިއުފާ ދެއްވިކަން އަންގަވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެ ކޮމިޝަނުން ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާ ގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި އީޖާބީ ތަސައްވުރެއް ހާމަކޮށްފައި ނެތް ކަމަށާއި އަދި އެއްވެސް ލަފައެއް އިރުޝާދެއް ވެސް ނުދޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޖޭއެސްސީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަންޖެހޭ ކަންކަމުގައި ވެސް އެއްވެސް ނިންމުމެއް ނިންމާފައިނުވާކަން ފާހަގަކުރައްވާފައިވެ އެވެ.

"މިކަން ހައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ އެކަށީގެންވާ ނަތީޖާއެއް ލިބިފައިނުވާތީ، ޖުޑީޝަރީގެ އިދާރީ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށްގެންދިޔުމަށްވަނީ ހުރަސްއެޅިފައެވެ." ރިޒްނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރިޒްނާއާ ގުޅޭ ގޮތުން އެ ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސާ ގުޅޭ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެކެވެ.

ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައި ހުންނެވި ރިޒްނާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަން ކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ މީގެ ކުރިން ވަނީ މަދަނީ ކޯޓުގެ ރެޖިސްޓްރާކަމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.