Roadha Mihaaru
ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބާއްވަން އެދިއްޖެ

ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދިއްޖެ

11 ސެޕްޓެމްބަރ 2019

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މަޖިލިހުގެ އިދާރާގައި އެދިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މަޖިލިހުގެ އިދާރާގައި އެދިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މަޖިލިހުގެ ގިނަ މެމްބަރުން ޗުއްޓީ އަށް ވަޑައިގެންފައި ވަނިކޮށް، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ހުށަހެޅިކަން އިއުލާން ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލީ އާޒިމެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާ ބާއްވަން ހުށަހެޅީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އަލީ އާޒިމް ކުރެއްވި ޓުވީޓު.

އާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވި ގޮތުގައި އެކަމަށް ހުށަހެޅީ ގަވައިދުގެ 45 ވަނަ މާއްދާގެ ދަށުންނެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެގޮތަށް ހުށަހެޅުމުގެ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ޖަލްސާ ބޭއްވުމަށް އެ މެމްބަރުންގެ ރުހުން ވެސް ވަނީ ލިބިފަ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި ނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް ހަމަޖައްސަންވާނެ އެވެ. ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި މިހާރު ހިމެނޭ 87 މެމްބަރުންގެ ތެރެއިން 29 މެމްބަރުންނެވެ.

މެމްބަރުން މި މަހުގެ ކުރީކޮޅު ޗުއްޓީ އަށް ވަޑައިގެންނެވި އިރު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ޑްރާފްޓް ރިޕޯޓުގެ ކަންކަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ދަނީ ބަލަމުންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަށް ޗުއްޓީ ލިބިވަޑައިނުގަންނަވާނެ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދު ކުރިން ވިދާޅުވީ މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވި ނަމަވެސް ކުއްލި ކަމެއް ދިމާވެއްޖެ ނަމަ، ޖަލްސާތައް ބާއްވަވާނެ ކަމަށެވެ.

މަޖިލިހުގެ 19 ވަނަ ދައުރުގެ ފުރަތަމަ ދައުރުގައި 47 ޖަލްސާއެއް ބޭއްވި އެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި 19 ވަނަ މަޖިލިހަކީ މީގެ ކުރިން ހިނގާފައިވާ މަޖިލިސްތަކާ ބަލާ އިރު، މާ ހިންގުންތެރި، މަސައްކަތުގެ ރޭޓް ރަނގަޅު، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ މަޖިލިހެކެވެ.