Roadha Mihaaru
މަޖިލިސް ނުބާއްވާތީ މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް

މަޖިލިސް ނުބާއްވާތީ ބައެއް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް

03 ނޮވެމްބަރ 2016

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ދެ ހަފުތާވުމާ ގުޅިގެން މަޖިލީހުގެ އިދިކޮޅު މެމްބަރުންނާއި ޕީޕީއެމްގެ ބައެއް މެމްބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ދެ ހަފުތާވުމާ ގުޅިގެން މަޖިލީހުގެ އިދިކޮޅު މެމްބަރުންނާއި ޕީޕީއެމްގެ ބައެއް މެމްބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ފެށި ފަހުން މިހާތަނަށް ބޭއްވީ ފަސް ޖަލްސާ އެވެ. މި ޖަލްސާތަކަށް ތިން ގަޑިއިރެއްހާ ހާއިރު ހޭދަވި އިރު، މެމްބަރުންގެ މެދުގައި މާ ބޮޑު ބަހުސްތަކެއް ވެސް ނުހިނގަ އެވެ. އަދި ކޮމެޓީ މަރުހަލާގައި ދިރާސާ ކުރަން ޖެހޭ އެތައް ކަމެއް ހުރި އިރު، ކޮމެޓީ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މަޖިލީހުގައި ތިއްބެވި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ބޭނުން ނުވާތީ އެވެ. އެއީ މަޖިލީހުގެ ރައީސް އެހެން މެމްބަރުންނަށް އިތުބާރު ނުކުރައްވާތީ ކަމަށް ވެސް އެ މެމްބަރުން ތުހުމަތު ކުރައްވަ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ އިހްތިޔާރު ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ނުދެއްވަނީ މޫސަ އަށް ވެސް އިތުބާރު ނުކުރެއްވޭތީ އެވެ.

"މަސީހު ނެތިއްޔާ މަޖިލިސް ކުރިއަށް ގެންދަން ބޭނުމެއް ނުވޭ، އެއީ މަސީހު ބޭނުންނުވާ ކަމެއް މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރުމުގެ ފުރުސަތު އޮތުމުން ކަމަށް ބެލެވެނީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ ކޮމެޓީތަކުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިއިރު، އެއްވެސް ކަމެއް ކޮމެޓީ އަށް ހުށަހަޅައިގެން ކުރިއަށް ނުގެންދާ ކަމަށެވެ. އެ ގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުނު މައްސަލަ އާއި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި މައްސަލަ ވެސް ކޮމެޓީގައި އެޖެންޑާކޮށްފައި ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މިނިވަން މުއައްސަސާތަކުގެ ވެރިން ހާޒިރު ކުރަން ކޮމެޓީތަކަށް ހާޒިރު ކުރަން ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމަ އަށް އައި އިރު، މުއައްސަސާތަކުގެ ވެރިން ކޮމެޓީ އަށް ހާޒިރު ނުކުރާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މުހިންމު ގާނޫނުތަކަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅިޔަސް، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ވޯޓާއެކު އެ އިސްލާހުތައް މަޖިލީހުން ބޭރު ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އެކިއެކި ކަންތައްތައް މަޖިލީހަށް ހުށަހެޅުމަކުން އެ އަށް ބަހުސްކޮށް ފާސް ކުރާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަޒީފާއާ ބެހޭ ގާނޫނަށާއި ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ވޯޓާއެކުގަ އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް މިހާރު ހާއްސަވެފައި އޮތީ ސަރުކާރުން ހުށަހަޅާ ކަންކަމަށް އެކަންޏެވެ. އަދި އިދިކޮޅު ވިސްނުމުގެ މެމްބަރުން ހުށަހަޅާ ކަންކަމަށް ބަހުސް ކުރަން ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ފުރުސަތު ނުދެއްވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

"އިދިކޮޅު މެމްބަރުން ކަންކަން މަޖިލީހަށް ހުށަހަޅަން ބޭނުމެއް ނުވާނެ އެގޮތަށް ބޭރު ކުރާނަމަ، އަޅުގަނޑު ދެކޭ ގޮތުގައި، މެމްބަރުން ޒިންމާދާރުވާން އެބަޖެހޭ،" ރިޔާޒް ވިދާޅުވި އެވެ.

ފަހު ދައުރުގައި މަސައްކަތްތައް އަމާޒު ކުރާނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓަށެވެ. އެ ގޮތުން ސަރުކާރުން މިފަހަރު މަޖިލީހަށް ހުށަހެޅީ 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބެލެވޭ ގޮތުގައި މަޖިލީހުގެ ތަޅުމަށް ބަޖެޓު ހުށަހެޅުން އަންނަ ހަފުތާގައި އޮންނާނެ އެވެ.

މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ ބަޖެޓުގެ މަސައްކަތް ކުރާއިރު، އެކަށީގެންވާ ގޮތެއްގައި މަޖިލިސް ޖަލްސާތައް ހިނގާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.

މައުމޫން ފެކްޝަންގެ ޕީޕީއެމް މެމްބަރަކު މިއަދު ވިދާޅުވި ގޮތުގައި ޖަލްސާތައް ނުުބާއްވާ ސަބަބެއް އެ މެމްބަރުންނަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު މަޖިލީހުގެ ރައީސަށް ބޭނުންނަމަ، ކަންކަން އެޖެންޑާކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

"ބޮޑަށް ބެލެވެނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނު ކަމުގެ ބިރަށް މަޖިލިސް ނުބާއްވައިގެން އުޅެނީ ކަމަށް، މަޖިލިސް ޖަލްސާތައް ނުބާއްވަންވީ އެއްވެސް ސަބަބެއް ނެތް،" މެމްބަރު ވިދާޅުވި އެވެ.

ޖަލްސާތައް ނުބާއްވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، މަޖިލީހުގެ ރައީސް އާއި މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ކ.ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ދަނީ ތައްޔާރުވަމުންނެވެ.