Roadha Mihaaru
ނައްޓުގެ އެޕެއް މެލޭޝިއާގައި މަގުބޫލުކަން ހޯދައިފި

ނައްޓުގެ އެޕެއް މެލޭޝިއާގައި މަގުބޫލުކަން ހޯދައިފި

19 ސެޕްޓެމްބަރ 2019

ދުން ބޯވެ ނުރައްކާ ވެފައިވާ މެލޭޝިއާ އަށް ހާއްސަކޮށްގެން، ރާއްޖޭގެ ކުޅަދާނަ ޑިވެލޮޕަރު ނަސްރުﷲ އަދުނާން (ނައްޓު) އާއި އަހުމަދު މާޒިން އުފެއްދި އެޕްލިކޭޝަނަކަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދުން ބޯވެ ނުރައްކާ ވެފައިވާ މެލޭޝިއާ އަށް ހާއްސަކޮށްގެން، ރާއްޖޭގެ ކުޅަދާނަ ޑިވެލޮޕަރު ނަސްރުﷲ އަދުނާން (ނައްޓު) އާއި އަހުމަދު މާޒިން އުފެއްދި އެޕްލިކޭޝަނަކަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިއްޖެ އެވެ.

މެލޭޝިއާގެ އެކި ސަރަހައްދުތަކުގައި ދުން ބޯވުމަކީ އާންމު ކަމެކެވެ. އެހެން ނަމަވެސް އިންޑޮނީޝިއާގެ ޖަންގަލިތަކުގައި އަނދަމުންދާ އަލިފާނުގެ ދުމުގެ އަސަރު މި ދުވަސްވަރު ވަރަށް ބޮޑަށް މެލޭޝިއާ އަށް ވަނީ ކޮށްފަ އެވެ. އެހެންވެ ބައެއް ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

މެލޭޝިއާގައި ދިރިއުޅޭ ނައްޓު އާއި މާޒިން މިދިޔަ ހަފްތާ ބަންދު ތެރޭގައި ހަދާފައިވާ "ހޭޒް މެލޭޝިއާ" އެޕުން ގިނަ މައުލޫމާތުތަކެއް ލިބެ އެވެ. އޭގެ ތެރޭގައި އެ މީހަކު ދިރިއުޅޭ ސަރަހައްދާއި އެހެން ސަރަހައްދުތަކުގެ "އެއާ ޕޮލިއުޝަން" އިންޑެކްސް ދައްކައިދެ އެވެ. ދުމުގެ ސަބަބުން ހަށިގަނޑަށް ލިބޭނެ ގެއްލުމުގެ މައުލޫމާތުތައް ވެސް ހިމެނެ އެވެ. އިންސާނުންނަށް އެ ދުމުގެ ސަބަބުން ވާ ގެއްލުން، މި އެޕްގައި އަޅާ ކިޔާފައި ވަނީ ސިނގިރޭޓްގެ ދުމުން ލިބިދާނެ ގެއްލުމާ ހަމަހަމަކޮށެވެ. އޭގެ އިތުރުން އެ ސަރަހައްދެއްގެ ހާލަތަށް ބަލައި ސަލާމަތީ ގޮތުންނާއި ސިއްހީގޮތުން ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކެއް ވެސް ބުނެދެ އެވެ.

މީގެ ހަތަރު ދުވަސް ކުރިން ލޯންޗްކުރި އެ އެޕްލިކޭޝަނަށް އިއްޔެއާ ހަމައަށް 15،000 މީހުން ވަނީ ވަދެފަ އެވެ. ގާތްގަނޑަކަށް 45،000 ފަހަރު ޕޭޖް ވިއުކޮށްފައިވެ އެވެ.

މެލޭޝިއާގެ "މެލޭމެއިލް" އަށް ދިން އިންޓަވިއުއެއްގައި ނައްޓު ބުނީ އެ އެޕް ގިނަ ބަޔަކަށް ކަމުގޮސްފައިވާ ކަމަށެވެ.

"[މި ވެބްސައިޓް] ބޭނުން ކުރާ ބައެއް މީހުން ބުނި އަހަރުމެން ހިއްސާ ކުރި މައުލޫމާތު ވަރަށް ޝައުގުވެރި ކަމަށް، ހީކުރި ވަރަށް ވުރެ ވައިގެ ކޮލިޓީ ދަށްކަން އިނގުމުން،" މީގެ ކުރިން ވެސް މަގުބޫލުވި އެތައް އެޕަކާއި ވެބްސައިޓެއް ހަދާފައިވާ ނައްޓު ބުންޏެވެ.

ހޭޒް މެލޭޝިއާ އެޕްލިކޭޝަން--

ހޭޒް މެލޭޝިއާ އެޕްލިކޭޝަން--

"[ވައިގެ ކޮލިޓީ ދަށްކަން އިނގުމުން] އެ މީހުން ވިސްނަން ފެށި ކާރު ދުއްވާ އިރު ވެސް މާސްކެއް އަޅަން، ނުވަތަ ވައި ސާފުކުރާނެ އެއްޗެއް ހޯދަން. އަޅުގަނޑުމެން ވަރަށް އުފާކުރަން އަޅުގަނޑުމެން ފޯރުކޮށްދޭ މައުލޫމާތުން މިކަހަލަ ކަންތައް މީހުންނަށް ދަސްވާތީ. އަޅުގަނޑުމެން ވިސްނަން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މައުލޫމާތު އާ އަޕްޑޭޓްތަކާ އެކު ފޯރުކޮށްދޭން،" އެނިމޭޝަން ކުންފުންޏެއްގައި އިސްކޮށް މަސައްކަތް ކުރާ ނައްޓު ބުންޏެވެ.

ދިވެހި ޑިވެލޮޕަރުން އަންނަނީ ތަފާތު އެޕްލިކޭޝަންތައް އުފައްދަމުންނެވެ. އޭގެ ތެރެއިން ބައެއް އުފެއްދުންތަކަށް ބައިނަލްއަގުވާމީ އެވޯޑްތައް ވެސް ލިބެ އެވެ.